22 އޯގަސްޓް 2017 - 10:09

ބޮޑު ހަރަދެއް ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަރާމާތުކޮށް ނިމުނުތާ އަހަރެއް ފަހުން އަނެއްކާ ވެސް މަރާމާތުކުރަން ޖެހިއްޖެ އެވެ.

އެ އެއާޕޯޓުގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް 135 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) އަށް ޗައިނާ ސިނޯ ހައިޑްރޯ ކޯޕަރޭޝަނާ ހަވާލުކުރީ ޖުލައި 9، 2015ގަ އެވެ. އަދި އެ މަސައްކަތް ފެށީ ޖެނުއަރީ 16، 2016ގަ އެވެ.
އެ މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ރަންވޭގައި އަލުން ތާރު އަޅައި މަރާމާތުކޮށްފައިވެ އެވެ. އެމްއޭސީއެލް އިން އޭރު ބުނެފައި ވަނީ އެ މަޝްރޫއު ނިމުމުން ކައިރި މުސްތަގުބަލެއްގައި އެ ރަންވޭ އަލުން މަރާމާތުކުރަން ނުޖެހޭނެ ކަމަށެވެ.
ރަންވޭ މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ކުރިން ވަޅުގަނޑުތައް ހެދޭ ތަންތަން ކޮނެ ފަސް އަޅައި އަލުން ތާރު އަޅާފައިވެ އެވެ. މިއީ ފަހުގެ ތާރީހެއްގައި ބޮޑު ހަރަދެއްކޮށްގެން އެ އެއާޕޯޓުގެ މުޅި ރަންވޭ މަރާމާތުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް އެތަންތަނުން ތާރުގަނޑު ނެއްޓިގެން އަނެއްކާ ވެސް ވަނީ މަރާމާތުކުރަން ޖެހިފަ އެވެ.
"މިހާރު" އަށް ލިބިފައިވާ ބައެއް ފޮޓޯތަކުގައި އެ ރަންވޭގެ ތާރުގަނޑު ނެއްޓިފައިވާ ތަންތަން އަލުން މާރާމާތުކުރުމުގެ މަސައްކަތްކުރާތަން ފެނެ އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވީ ސުނާމީ އެރިފަހުން އެއާޕޯޓުގެ ރަންވޭ ބައެއް ސަރަހައްދުގެ ބިންގަނޑު ދަމައިގެން ގޮސްފައިވާ ކަމަށެވެ.
"ސުނާމީ އެރިފަހުން ރަންވޭގެ އަޑިން ބިންގަނޑު ދަމައިގެން ދިއުމުން ބައެއް ތަންތަނުން ވަޅުގަނޑު ހެދެމުންދޭ. އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ގެނެވުނު. ނަމަވެސް މުޅިން ދާއިމީ ހައްލަކީ އެތަންތަން ކޮނެގެން ނެގުން. އިންޖިނިއަރަކު ގެނެސްގެން ބަލައިފިން،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޗައިނާ ކުންފުންޏާ ހަވާލުކޮށްގެން ކުރީ ރަންވޭގައި ހެދިފައިވާ އަޑިގުޑަންތަކާއި ރެނދުލާފައިވާ ތަންތަން ރަނގަޅުކުރުމަށް އަލުން ތާރު ފަށަލައެއް އެޅުމުގެ މަސައްކަތް ކަމަށެވެ.
"މި ރަންވޭގެ ލައިފް އެހެރީ ވަރަށް ކުރުވެފައި. އޭރު މިތަން ހެދިއިރު ވިސްނުމުގައި ނެތް ސައިޒުގެ ބޯޓުތައް މިހާރު ޖައްސަނީ ވެސް. އެހެންވީ ދޭތެރެ ދޭތެރެއިން މަރާމާތުކުރަން ޖެހެނީ. މިހާރު ރަންވޭގެ މައްސަލަ އުޅެނީ އޭޕްރަން އިން ބޯޓުތައް ނެރުމުން ނައްޓާލަން ހިފާ ސަރަހައްދުގައި. އެ ސަރަހައްދަށް ގިނަ ބޯޓުތައް އައިސް ޖައްސާނީ ވެސް. އެހެންވެ އެއް ދިމާލެއްގައި މި މައްސަލަ އުޅެނީ،" އާދިލް ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ ބައެއް ތަންތަނުން ވަޅުގަނޑު ހެދި އަދި ތާރު ނައްޓައިގެންދާތީ އެއާލައިންތަކުން ވެސް ޝަކުވާކޮށްފައިވެ އެވެ. އަދި ބައެއް ބޯޓުތައް ޖެއްސުމުގެ ތެރޭގައި ތާރުގަނޑު ނެއްޓިގެން ފްލައިޓްތައް ޑިލޭވުން ފަދަ މައްސަލަތައް ދިމާވެފައިވެ އެވެ.
އެއާޕޯޓުގައި މިހާރު ބޭނުންކުރާ ރަންވޭ ހަލާކުވެގެން އަލުން މަރާމާތުކުރަން ޖެހިފައިވާއިރު، އެތަނުގައި އާ ރަންވޭ އެއް ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެގޮތުން އާ ރަންވޭ ތަރައްގީކުރުމުގެ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއުގެ ދަށުން ވަނީ 3،400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެއް ހެދުމުގެ މަސައްކަތް ފަށައިފަ އެވެ. މިއީ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށްވާ އެއާބަސް އޭ380 ވެސް ޖެއްސޭ ވަރުގެ ރަންވޭއަކަށް ވާއިރު، މި މަޝްރޫއުގެ ދަށުން 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމެއް ހެދުން ވެސް ހިމެނެ އެވެ.