21 އޯގަސްޓް 2017 - 10:59

މިލާން (އޮގަސްޓް 21) – ކެޕްޓަން މައުރޯ އިކާޑީގެ ދެ ލަނޑާ އެކު ރޭ އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 3-0 އިން އިންޓަ މޮޅުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި އިންޓަ ކުޅުނު މި މެޗުގެ ހަ ވަނަ މިނެޓުގައި ޕެނަލްޓީއަކުން އިކާޑީ ވަނީ ލީޑު ނަގައިދީފަ އެވެ. އޭނާ ދެ ވަނަ ލަނޑު ޖެހީ 15 ވަނަ މިނެޓުގަ އެވެ. އެ ޓީމުގެ ތިން ވަނަ ގޯލް 79 ވަނަ މިނެޓުގައި މެންޗެސްޓާ ޔުނައިޓެޑުގެ ޓާގެޓް އިވާން ޕެރިސިޗެވެ.
ރޭ އޭސީ މިލާން ވަނީ ރަށުން ބޭރުގައި ކްރޮޓޯނޭ އަތުން 3-0 އިން މޮޅުވެފަ އެވެ. މި މެޗުގެ ތިން ވަނަ މިނެޓުގައި ކްރޮޓޯނޭގެ ޗެޗެރީނީ އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ވަނީ ރަތްކާޑު ދައްކައި މިލާނަށް ޕެނަލްޓީއެއް ދީފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކޮށްގެން ނިންމި މި ނިންމުމާ ގުޅިގެން ދިން ޕެނަލްޓީ މިލާނުގެ ފްރޭންކް ކެސީ ވަނީ ކާމިޔާބުކޮށްފަ އެވެ. މިލާނުގެ ދެ ވަނަ ލަނޑު 18 ވަނަ މިނެޓުގައި ޕެޓްރިކް ކުޓްރޯނޭ ޖެހިއިރު ތިން ވަނަ ލަނޑު އޭގެ ފަސް މިނެޓު ފަހުން ޖެހީ ސޫސޯ އެވެ.
މިދިޔަ ސީޒަނުގެ ލީގުގެ ދެ ވަނަ ހޯދި ރޯމާ ވަނީ ރަށުން ބޭރުގައި އެޓަލާންޓާ އަތުން 1-0 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ އަލެކްސެންޑާ ކޮލަރޯފެވެ.