21 އޯގަސްޓް 2017 - 12:17

އެމްޓީސީސީން ކުއްޔަށް ހިފައިގެން ހުޅުމާލެ އާއި ވިލިމާލޭގައި ފެރީގެ ހިދުމަތް ދޭން ބޭނުންކުރާ ދޯނިތަކަށް ކުލި ނުދައްކާ ކަމަށް ބުނެ، ދަތުރުތައް ހުއްޓާލާނެ ކަމުގެ އިންޒާރު އެ ފެރީތައް އޮޕަރޭޓް ކުރާ ފަރާތްތަކުން ދީފި އެވެ.
ވިލިމާލެއާ ދެމެދު ދަތުރުކުރާ ފެރީއެއްގެ ވެރިއަކު "މިހާރު"އާ ވާހަކަދައްކަމުން މިއަދު ބުނީ ދޯނީގެ ކުލި ގަވައިދުން ދައްކަން އޮންނަ މުއްދަތަށްވުރެ ލަހުން ލިބޭތާ ތިން މަހެއްހާ ދުވަސްވެއްޖެ ކަމަށެވެ. އަދި މިދިޔަ މަހުގެ ކުލި އަދިވެސް ނުލިބޭތީ ވަރަށް ގިނަ މީހުންނަށް ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންނަށް މީގެ ކުރިން މަހުގެ ފަހެއްގައި މުސާރަ ދެވޭނެ. އެކަމަކު ފަހަކަށް އައިސް ކުލި ލިބެނީ 20 ހާތަނުގައި. މިދިޔަ މަހުގެ ކުލި އިއްޔެ ދޭނެ ކަމަށް ބުނުމުން އޮފީހަށް ދިޔައިމަ ބުނީ އަދި ޗެކް ރެޑީ ނުވާ ކަމަށް،" އޭނާ ބުންޏެވެ.
އެ މީހާ ބުނީ ދޯނީގެ ކުލި އެމްޓީސީސީން ނުދައްކައި، ކޮންމެ މަހަކު ލަސްވަމުންދާތީ ދަތުރުތައް ހުއްޓާލަން އޮޑިވެރިން މަޝްވަރާކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މިތަނުގައި ދިރިއުޅެނީ ކުއްޔަށް. މުސާރަ ގަވައިދުން ނުލިބޭތީ ވަރަށް ދަތިވޭ. މިހާރު ވެސް ދަތުރުތައް ހުއްޓާނުލައި މަޑުކޮށްގެން މި ތިބީ އަޅުގަނޑުމެންގެ އަނބިދަރިން ވެސް މި ދޯނިތަކުން ދަތުރުކުރާތީ. އެކަމަކު ކެތްކުރެވޭނީ ވެސް ވަކި ވަރަކަށް،" އޭނާ ބުންޏެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ ފެރީތަކުގެ ކުލި ބާރާބަރަށް ދައްކަމުން އަންނަ ކަމަށެވެ. އަދި ބައެއް ފަހަރު ލަސްވިޔަސް އެންމެ މަހަކު ވެސް ކުލި ނުދައްކާ ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުލީ ފެރީތަކުގެ ވެރިންނަށް ބަރާބަރަށް ދެމުން އަންނަނީ. އެކަމަކު ތިން މަސްވަންދެން ކުލި ނުދީއެއް ނޯންނާނެ،" ޒިޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުލީ ފެރީތަކުގެ ކުލި ލަސްވަމުން ދަނީ ކީއްވެގެންތޯ ބައްލަވާނެ ކަމަށެވެ.
"މިހާރު އަށް އެނގިފައިވާ ގޮތުގައި ވިލިމާލެއާ ދެމެދު ކުލީ އަށް ފެރީއެއް ބޭނުންކުރެ އެވެ. އަދި އެ ކުންފުނިން ތަފާތު 30 ފެރީ ކުއްޔަށް ހިފައިގެން ދަތުރުތަކުގައި ބޭނުންކުރަމުން އަންނަ ކަމަށް އެނގިފައިވެ އެވެ.