21 އޯގަސްޓް 2017 - 11:04

ރާޖަސްތާން (އޮގަސްޓް 21) - ގޭގައި ފާހާނާ ހަދައިނުދިނުމުން ފިރިމީހާ ކައިރިން ވަރިވުމުގެ ހުއްދަ އަނބިމީހާ އަށް އިންޑިއާގެ ކޯޓަކުން ދީފި އެވެ.
އުމުރުން ވިހީގެ އަހަރުތަކުގެ އަންހެން މީހާ ކައިވެނިކޮށްގެން އުޅޭތާ ފަސް އަހަރުވީ އިރު ވެސް ފިރިމީހާ ގޭގައި ފާހާނާއެއް ހަދައިދީފައި ނުވާތީ އަންހެން މީހާ ފާހާނާ ކުރަން ދާން ޖެހެނީ ދަނޑުތަކަށެވެ.
އިންޑިއާގެ ގާނޫނުތައް ބުނާ ގޮތުން އަންހެނުންނަށް ވަރިކުރުމުގެ ހުއްދަ ދެނީ ވަރަށް މަދު ހާލަތްތަކެއްގަ އެވެ. އެއީ ގެވެށި އަނިޔާ ކުރުން ފަދަ ހާލަތްތައް މެދުވެރިވުމުންނެވެ. އަންހެން މީހާގެ ވަކީލް އޭއެފްޕީ އަށް ބުނީ ފަނޑިޔާރުން ފާހަގަކޮށްފައިވާ ގޮތުގައި ހާމަތަންތަނަށް ފާހާނާ ކުރަން ޖެހުމަކީ ވެސް ދެވޭ އަނިޔާއެއް ކަމަށެވެ.
ރާޖަސްތާންގެ ކޯޓަކުން ބުނެފައި ވަނީ ގޭގައި ފާހާނާ ނެތުމުން ގިނަ އަންހެނުން ދަނޑުފަދަ ހާމަ ތަންތަނަށް ފާހާނާ ކުރަން ދާން ޖެހެނީ ރޭގަނޑު ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލް ކުރުމަށާއި ރާ ގަތުމަށާއި މޯބައިލް ފޯނު ގަތުމަށް ފައިސާ ހޭދަކުރާ އިރު އާއިލާގެ އަގު ހިފެހެއްޓުމުގެ ގޮތުން ގޭގައި ފާހާނާއެއް ހަދައި ނުދެވޭ ކަމަށް ފަނޑިޔާރުން ފާހަގަކުރި ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ބުނެފައިވެ އެވެ.
"އަވަށްތަކުގައި އަންހެނުން ޖެހެނީ ފާހާނާ ކުރަން އިރުއޮއްސި އަނދިރިވަންދެން މަޑުކުރަން. މިއީ ހަމައެކަނި ޖިސްމާނީ ގޮތުން ދެވޭ ގެއްލުމެއް ނޫން، އެއީ އަންހެނުންގެ ކަރާމަތަށް ވެސް ދެވޭ އުނިކަމެއް،" ފަނޑިޔާރު ފާހަގަކޮށްފައިވެ އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނީ އަންހެން މީހާ ވަރިއަށް އެދި ހުށަހެޅީ 2015 ވަނަ އަހަރު ކަމަށެވެ.
އިންޑިއާގެ ރަށްފުށު ހިސާބުތަކުގައި ހާމަ ތަންތަނަށް ބޮޑުކަމު ދިއުމަކީ އާއްމު ކަމެކެވެ. އިންޑިއާ ސަރުކާރުން ވަނީ 2019 ވަނަ އަހަރާ ހަމައަށް ދާއިރު ކޮންމެ ގެއެއްގައި ވެސް ފާހާނާއެއް ހެދުމުގެ އަމާޒެއް ކަނޑައަޅައިފަ އެވެ. ނަމަވެސް މި މަސައްކަތަށް ވަނީ ތަފާތު ހުރަސްތައް ކުރިމަތިވެފަ އެވެ. ޔުނިސެފުން މިދިޔަ އަހަރު ލަފާކޮށްފައިވާ ގޮތުގައި އިންޑިއާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ފާހާނާ ބޭނުމެއް ނުކުރެ އެވެ.