21 އޯގަސްޓް 2017 - 09:21

ބާސެލޯނާ (އޮގަސްޓް 21) – ސްޕެނިޝް ލީގުގައި ސްޕެއިނުގެ ގަދަދެބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުތައް ރޭ މާ ބޮޑު އުނދަގުލަތެއް ނެތި ކާމިޔާބުކޮށްފި އެވެ.
މިދިޔަ ދޮޅު އަހަރުގެ ތެރޭގައި އަށް ތަށި ހޯދައި މުޅި ދުނިޔޭގައި ރަސްކަން ކުރަމުން އަންނަ މެޑްރިޑް މޮޅުވީ ރަށުން ބޭރުގައި ޑިޕޯޓިވޯ ލަ ކޮރޫނާ އަތުން 3-0 އިންނެވެ. ސަސްޕެންޝަނުގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ކުޅުނު މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ގަރެތު ބޭލް އެވެ. އޭގެ ހަތް މިނެޓު ފަހުން ލީޑު ފުޅާކޮށްދިނީ ކަސެމިރޯ އެވެ. މެޑްރިޑުން ތިން ޕޮއިންޓް ކަށަވަރުކުރީ 62 ވަނަ މިނެޓުގައި ޓޯނީ ކްރޫސް ޖެހި ލަނޑުންނެވެ. މި މެޗުގެ ފަހު މިނެޓުގައި މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ.
ސްޕެނިޝް ސުޕަ ކަޕުން މެޑްރިޑް އަތުން ބަލިވެ އަދި މުހިއްމު ކުޅުންތެރިއާ ނޭމާ ވެސް ގެއްލި ބޮޑު މައްސަލަތަކެއްގެ ތެރޭގައި އޮތް ބާސެލޯނާ މޮޅުވީ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އަތުން 2-0 އިންނެވެ. ލުއިސް ސުއަރޭޒް އަނިޔާގައި ހުރުމުން ބާސެލޯނާގެ ފޯވާޑް ލައިން ލިއޮނަލް މެސީއާ އެކު ބެލެހެއްޓީ ޕަކޯ އަލްކޭސާ އެވެ. މެޗުގެ 36 ވަނަ މިނެޓުގައި އަލިން ޓޮސްކާ އަތުން ބައިކޮޅަށް ވަން ލަނޑާ އެކު ބާސެލޯނާ އަށް ކުރި ލިބުނުއިރު ދެ ވަނަ ލަނޑު 39 ވަނަ މިނެޓުގައި ޖެހީ ސާޖި ރޮބާޓޯ އެވެ.