20 އޯގަސްޓް 2017 - 16:52

ތެހެރާން (އޮގަސްޓް 20) - އީރާނުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދެނީ ނިއުކްލިއާ އެއްބަސްވުން ހިމާޔަތް ކުރަން ކަމަށް ރައީސް ހސަން ރޫހާނީ މިއަދު ވިދާޅުވެއްޖެ އެވެ.
ޕާލަމެންޓުގައި ވާހަކަ ދަައްކަވަމުން ރޫހާނީ ވިދާޅުވީ ޚާރިޖީ ވަޒީރުގެ އެންމެ ބޮޑު ޒިންމާ އަކީ 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުގެ މައްޗަށް އެމެރިކާ އިން ކުރި ހޯދިޔަ ނުދިނުން ކަމަށެވެ.
"ނިއުކްލިއާ އެއްބަސްވުމުގެ މަތީ އީރާނުން ދެމި ތިބުމަކީ އަދާވާތްތެރިންނާ ދެކޮޅަށް ތިބުން،" ކެބިނެޓަށް ހޮވި ވަޒީރުންގެ ބަހުސްގައި ރޫހާނީ ވިދާޅުވި އެވެ.
ރޫހާނީ ވިދާޅުވީ ޚާރިޖީ ވުޒާރާގެ ދެ ވަނަ އަށް އެންމެ ބޮޑު މަސްއޫލިއްޔަތަކީ ބޭރުގެ އިންވެސްޓްމަންޓް ހޯދުން ކަމަށެވެ. އަދި ގޭހާއި ތެލުގެ ސެކްޓާ އަށް 200 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ބޭނުންވާ ކަމަށް ރޫހާނީ ވިދާޅުވި އެވެ.
މީގެ ހަފުތާއެއްހާ ދުވަސްކުރިން ރޫހާނީ ވަނީ އެމެރިކާ އިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅައިފި ނަމަ ނިއުކްލިއާ އެއްބަސްވުމުން ވަކިވާނެކަމުގެ އިންޒާރު ދެއްވައިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިއުކްލިއާ އެއްބަސްވުން "ވީދާލައްވާނެ ކަމަށް" ރިޔާސީ ކެމްޕޭނުގެ ތެރޭގައި އެތައް ފަހަރަކު ވިދާޅުވެފަ އެވެ.