ދެ ވަނަ ބޮޑު ހަނގުރާމައިގައި ފައްތާލި އެމެރިކާ މަނަވަރެއް 72 އަހަރު ފަހުން ހޯދައިފި
ދެ ވަނަ ބޮޑު ހަނގުރާމައިގައި ފައްތާލި އެމެރިކާ މަނަވަރެއް 72 އަހަރު ފަހުން ހޯދައިފި

ވޮޝިންޓަން (އޮގަސްޓް 20) - ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާނުގެ ސަބްމެރިންއަކުން ހަމަލާދީ ފައްތާލި އެމެރިކާގެ މަނަވަރު ޔޫއެސްއެސް އިންޑިއާނާޕޮލިސް 72 އަހަރު ފަހުން ޕެސިފިކް ކަނޑުން ހޯދައިފި އެވެ.

މަނަވަރު ހޯދީ 18،000 ފޫޓް (5.5 ކިލޯ މީޓަރު) އަޑިންނެވެ. މަނަވަރު ހޯދުމުގައި އިސްކޮށް އުޅުއްވީ މައިކްރޯސޮފްޓުގެ ކޯ-ފައުންޑާ ޕޯލް އެލަން އެވެ.

އިންޑިއާނާޕޮލިސް އަށް ޖުލައި 30، 1945 ގައި ހަމަލާ ދިނީ ސިއްރު މިޝަނަކަށް ފަހު ދަތުރު ކުރަމުން ދަނިކޮށެވެ. މަނަވަރު ފައްތާލި ކަމަށް ބެލެވެނީ ފިލިޕީންސް ކަނޑާއި ގުއާމްއާ ދެމެދަށް ކަމަށްވެ ބެލެވެ އެވެ. މަނަވަރަށް ހަމަލާދިނީ ޖަޕާނުގެ ޓޯޕީޑޯއަކުންނެވެ. އެއީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ތާރީޚުގައި ވެސް ލިބުނު އެންމެ ބޮޑު ގެއްލުމެވެ.

މަނަވަރު ފައްތާލިއިރު އޭގައި 1،196 މީހުން ތިއްބެވެ. މީގެ ތެރޭން 300 މީހުން މަނަވަރާ އެކު އަޑިއަށް ދިޔަ އެވެ. މަނަވަރު ފެތިފައި ވަނީ 12 މިނިޓް ތެރޭގަ އެވެ. ހަމަލާ އިން މަރު ނުވެ ސަލާމަތްވި 900 މީހުން ލައިފްބޯޓުގައި ތިއްބާ ހަތަރު ދުވަސް ފަހުން ފެނުނު އިރު ފުރާނަ ހުރީ 317 މީހުންނެވެ. މަނަވަރުން ސަލާމަތްވި މީހުންގެ ތެރޭން 22 މީހުން މިހާރު ދުނިޔޭގައި އެބަތިއްބެވެ. އެ މީހުންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ މަނަވަރު ފެނުމަކީ އެ މީހުން ކުރަމުން ދިޔަ ދިގު އިންތިޒާރެއް ކަމަށެވެ.

އެލަންގެ ޓީމުން މަނަވަރު ހޯދާފައި ވަނީ މި މަހު 18 ވަނަ ދުވަހު އެވެ. އިންޑިއާނާޕޮލިސްކަން އެނގުނީ އޭގެ ހަލްގައިވާ މާކުގެ ސަބަބުންނެވެ. ރިސާޗް ޓީމުން ބުނީ އިންޑިއާނާޕޮލިސް އަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ މިލްކެއް ކަމަށެވެ. އެލަންގެ ޓީމުން ތައްޔާރުކޮށްފައިވާ ޚާއްސަ އުޅަނދުން ވަނީ ދެ ވަނަ ބޮޑު ހަނގުރާމައިގައި ފައްތާލި ޖަޕާނާއި އިޓަލީގެ މަނަވަރެއް ވެސް ހޯދައިފަ އެވެ.