އިންގްލެންޑް ކެޓުމާ އެކު ހޮޖްސަން އިސްތިއުފާ ދީފި
އިންގްލެންޑް ކެޓުމާ އެކު ހޮޖްސަން އިސްތިއުފާ ދީފި

ޕެރިސް، ފްރާންސް (ޖޫން 28) - ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ ބަލި އެއް ޓީމު ކަމަށްވާ އައިސްލެންޑް އަތުން 2-1 އިން ބަލިވެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން އިންގްލެންޑް ކެޓުމާ އެކު އެ ޓީމުގެ ކޯޗު ރޯއީ ހޮޖްސަން މަގާމުން އިސްތިއުފާ ދީފި އެވެ.

ފަބިއޯ ކަޕެއްލޯ ވަކިވުމުން 2012 ވަނަ އަހަރު އިންގްލެންޑާ ހަވާލުވި ހޮޖްސަންގެ ކޯޗުކަމުގެ ދަށުން އެ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުން އިންގްލެންޑް ކެޓިއިރު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އިނގިރޭސި އެފްއޭ އިން އޭނާ އަށް ދިން ފަހު ފުރުސަތަކީ މިފަހަރުގެ ޔޫރޯ އެވެ.

"އިތުރު ދެ އަހަރު މަޑުކުރަން އަހަރެން ބޭނުންވި. އެކަމަކު ނަތީޖާ ނުނެރެވެންޏާ ޖެހޭނީ ދުރަށް ދާން. މިފަދަ ގޮތަކަށް ޓީމާ ވަކިވާން ޖެހޭތީ މައާފަށް އެދެން،" ހޮޖްސަން ބުންޏެވެ. "މިހާރު މިއޮތީ މި ހުނަރުވެރި ޒުވާން ކުޅުންތެރިންގެ ލީޑަރަކަށް އެހެން މީހަކު އަންނަން ޖެހޭ ވަގުތު އައިސްފައި. އުއްމީދު ކުރަން ބޮޑު މުބާރާތެއްގެ ފައިނަލުން އިންގްލެންޑް ވަރަށް އަވަހަށް ފެންނާނެ ކަމަށް."

ދުނިޔޭގެ އެންމެ މުސާރަ ބޮޑު ގައުމީ ކޯޗު އިތުރަށް ބުނީ އިންގްލެންޑުގައި އޮތް ޓީމުގެ ފެންވަރާ ބަލާއިރު އެކަށީގެންވާ ނަތީޖާއެއް ނުހޯދޭ ކަމަށާއި އެކަމަކު ޒުވާން ކުޅުންތެރިން ތިބުމާ އެކު ކުރިމަގު އުޖާލާކަމަށެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިސްތިއުފާ ދޭކަން އިއުލާންކުރުމަށް ފަހު އޭނާ ވަނީ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ގޮސްފަ އެވެ. އެފްއޭގެ މީޑިއާ އޮފިޝަލް ބުނީ އޭނާ އިތުރު އެއްވެސް އިންޓަވިއުއެއް ނުދޭނެ ކަމަށެވެ.

ހޮޖްސަންގެ ކޯޗުކަމުން ދަށުން އިންގްލެންޑް ކުޅުނު 56 މެޗުގެ ތެރެއިން 33 މެޗުން ވަނީ މޮޅުވެފަ އެވެ. އެކަމަކު މުބާރާތްތަކުގައި ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވީ އެންމެ ތިން މެޗުންނެވެ.

ޒުވާން ހުނަރުވެރި ކުޅުންތެރިންނާ އެކު މި ފަހަރުގެ ޔޫރޯ އަށް އައި އިންގްލެންޑާ މެދު ގިނަ ބަޔަކު އުއްމީދުތަކެއް ކުރި އެވެ. އެކަމަކު ގްރޫޕް ސްޓޭޖުން ވެސް އެ ޓީމު ސަލާމަތްވީ އުނދަގަލުންނެވެ. ރަޝިއާ އާއި ސްލޮވާކިއާ މެޗު އެއްވަރުވިއިރު ވޭލްސް އަތުން މޮޅުވި އެވެ.

ކުރިން ލިވަޕޫލާއި އިންޓަ މިލާނާއި ސްވިޒަލެންޑް ގައުމީ ޓީމަށް ކޯޗުކޮށްދީފައިވާ ހޮޖްސަން އަކީ އިނގިރޭސި ސަޕޯޓަރުންގެ މެދުގައި އެހާ މަގުބޫލު ކޯޗެއް ނޫނެވެ.