ފާރިސްގެ ޝަރީއަތް ވަގުތީ ގޮތުން މަޑުޖައްސާލެވެން ނެތް ކަމަށް ނިންމައިފި
ފާރިސްގެ ޝަރީއަތް ވަގުތީ ގޮތުން މަޑުޖައްސާލެވެން ނެތް ކަމަށް ނިންމައިފި

ރައްޔިތުންގެ މަޖިލިހުުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން އޭނާގެ ފަރާތުން އެދުނަސް އެ ޝަރީއަތް މަޑުޖައްސާލެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ފާރިސްގެ ޝަރީއަތް ވަގުތީ ގޮތުން މަޑުޖައްސާލެވެން ނެތް ކަމަށް ނިންމައިފި
ފާރިސްގެ ޝަރީއަތް ވަގުތީ ގޮތުން މަޑުޖައްސާލެވެން ނެތް ކަމަށް ނިންމައިފި

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސް އަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން އޭނާގެ ފަރާތުން އެދިވަޑައިގަތީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން، ޝަރީއަތް ކުރުމަށް ސުޕްރީމް ކޯޓުން ހަދަންޖެހޭ ގަވާއިދު އަދި ހަދާފައި ނެތުމުންނެވެ. އެ ގާނޫނު ބުނާގޮތުން ގަވާއިދު ހަދަން ތިން މަސް ދުވަހުގެ މުއްދަތެއް ލިބެ އެވެ.

ފާރިސްގެ ފަރާތުން އެދުނު އެދުމާ މެދު އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ޝަރީއަތުން ބަލަންޖެހޭނީ އެންމެ މީހެއްގެ މަސްލަހަތަށް ވުރެ މުޖުތަމައުގެ މަސްލަހަތަށް ކަމަށާއި އެ ގަވާއިދު މިވަގުތު ނެތް ކަމަށް ބުނެ ޝަރީއަތް މަޑުޖައްސާލުމަކީ ޖިނާއީ އަދުލުގެ ނިޒާމު ހުއްޓުމަކަށް އަންނާނެ ކަމެއް ކަމަށެވެ. އެހެންވެ، ޝަރީއަތް މަޑުޖައްސާލަން ނިންމެން ނެތް ކަމަށް ގާޒީ އިބްރާހިމް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން، ޝަރީއަތުގެ އަޑުއެހުންތައް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމެވެ. ޝަރީއަތް މަޑުޖައްސާލަން ފާރިސްގެ ފަރާތުން ވެސް އެދުނީ އެގޮތުން ހުށަހެޅި ހުށަހެޅުމެއްގަ އެވެ. އޭގެ އިތުރުން ވެސް ފާރިސްގެ ފަރާތުން ހުށަހެޅި ފަސް ހުށަހެޅުމަކާ މިއަދު ވަނީ ގޮތެއް ނިންމައިފަ އެވެ.

އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، ދައުވާ ބާތިލްކުރަން ފާރިސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅޭގޮތުން ވެސް ގާޒީ ނިންމެވީ އެ ދައުވާ ބާތިލް ކުރެވެން ނެތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކުރިން ނިންމާފައި އޮތުމެވެ.

ގާނޫނާ ޚިލާފަށް އެ މައްސަލައިގެ ތަހުގީގު ހިންގާފައި އޮތް ކަމަށް ބުނެ އެ ދައުވާ ސައްހަ ނޫން ކަމަށް ކަނޑައަޅަން ފާރިސްގެ ފަރާތުން އެދުނު އެދުމާ ގުޅިގެން ވެސް ގާޒީ ނިންމެވީ އެގޮތަށް ނިންމެން ނެތް ކަމަށެވެ. ގާޒީ ވިދާޅުވީ ތަހުގީގުގައި ގާނޫނާ ޚިލާފް ކަމެއް އޮތް ނަމަ، ޝަރީއަތުގެ އަޑުއެހުންތަކުގައި އެކަންކަމާ މެދު ގޮތެއް ނިންމޭނެ ކަމަށާއި އެކަމަކު މިވަގުތު އެ ދައުވާ ސައްހަ ނޫން ކަމަށް ނުނިންމޭނެ ކަމަށެވެ.

ތަފާތު ނުކުރުމުގެ އުސޫލާ ޚިލާފަށް ފާރިސްގެ މައްޗަށް އެ ދައުވާކުރާ ކަމަށް ބުނެ ވެސް އެ ދައުވާ ބާތިލްކުރަން ފާރިސްގެ ފަރާތުން ހުށަހެޅުމެއް ހުށަހެޅި އެވެ. އެކަމަކު އެ ހުށަހެޅުމާ ގުޅިގެން ވެސް ގާޒީ ނިންމެވީ ދައުވާ މިވަގުތު ކުރިއަށް ގެންދިއުމަށެވެ. އަދި ފާރިސްގެ ފަރާތުން ހުށަހެޅި ކަންކަމާ މެދު، ހެއްކާއި ގަރީނާ ވަޒަންކޮށް، ޝަރީއަތް ހިންގާއިރު ގޮތެއް ނިންމޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ފާރިސްއާ ދެކޮޅަށް ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖެއްގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓާއި އާއި ވީޑިއޯ އެނަލިލިސް ރިޕޯޓް ހުށަހަޅާފައި ނެތުމުން އެ ވީޑިއޯ ބަލައިނުގަތުމަށް ވެސް ފާރިސްގެ ފަރާތުން ހުށަހެޅުމެއް ހުށަހެޅި އެވެ. އެކަމާ ގުޅިގެން ގާޒީ އިބްރާހިމް ވިދާޅުވީ އެ ވީޑިއޯއާ މެދު ފާރިސްގެ ފަރާތުން އިންކާރު ކޮށްފި ނަމަ ޝަރީއަތުގެ އަޑުއެހުންތަކުގައި އެ ވީޑިއޯގެ ޗެެއިން އޮފް ކަސްޓަޑީ ޝަރީއަތުން ހޯދާނެ ކަމަށެވެ.

ހެކި ހާމަކުރުމުގެ އަމުރަކަށް އެދި ފާރިސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ގާޒީ ވިިދާޅުވީ ޝަރީއަތް ހިނގަމުންދާއިރު ހެކި ހާމަ ކުރުމުގެ އަމުރެއް ނެރެން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށާއި އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.

ފާރިސްގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ މެދު މިއަދު ގޮތެއް ނިންމާފައިވާތީ ދެން އޮންނާނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން 30 ދުވަހުގެ މެދުކެނޑުމަކަށް ފަހު، ޝަރީއަތުގެ އަޑުއެހުންތައް ފެށުމެވެ. އިތުރު އަޑުއެހުމެއް ބާއްވަން ނުޖެހޭ ނަމަ ދެން އެ މައްސަލައިގެ އަޑުއެހުންތައް ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހު ކަމަށް ގާޒީ އިބްރާހިމް ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް އެ މައްސަލާގައި ދައުވާ ކުރާއިރު މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ފާރިސްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ މިއަދު އުފުލައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.