އުމުރުން 13؛ އަދިވެސް ތުއްތު ކުއްޖެއް
އުމުރުން 13؛ އަދިވެސް ތުއްތު ކުއްޖެއް

މިއީ ނާދިރު ހާލަތްތަކުގެ ތެރެއިން ވެސް ވަރަށް ނާދިރު މައްސަލައެއް ދިމާވެފައިވާ ކުއްޖެކެވެ. ކްރޮމޯޒް އެބްނޯމަލިޓީއެއްގެ ސަބަބުން މި ކުއްޖާ ވަނީ "ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ތާށިވެފަ" އެވެ.

މިހާރު އުމުރުން 13 އަހަރުގެ އަންގަސް ޕާލްމެސް އުފަންވި އިރު ބަރުދަނުގައި ގާތްގަނޑަކަށް ތިން ކިލޯ ހުއްޓެވެ. ނަމަވެސް އުމުރުން ތިން އަހަރުގައި ކުއްލިއަކަށް އޭނާގެ ހަށިގަނޑުގެ ހެދިބޮޑުވުން ހުއްޓުމަކަށް އައީ އެވެ. މިހާރު އޭނާގެ އިސްކޮޅަކީ ތިން ފޫޓު އެއް އިންޗި އެވެ. ބަރުދަނުގައި ހުންނަނީ 13.6 ކިލޯ އެވެ.

ޓީންއޭޖް އުމުރުގެ މި ކުއްޖާ މަންމަ ޓެންޑީ ޕާލްމެސްއާ އެކު ޓީވީ ޝޯތަކުގައި ބައިވެރިވެ ޖަހާލާ ހިނިގަނޑާއި މަޖާ ހިނިތުންވުންތަކުގެ ސަބަބުން އޭނާ ވަނީ އެންމެންގެ ހިތްތަކުން ޖާގަ ހޯދައިފަ އެވެ. ނަމަވެސް ޑައުން ސިންޑްރޯމްއަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި އަންގަސްގެ މަންމަ ސިފަކުރުމުން ބެލުންތެރިން ވަރަށް ހައިރާންވެ ބައެއް މީހުން ވަރަށް ހިތްހަމަނުޖެހުން ވެސް ފާޅު ކުރި އެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ޓޯކްޝޯއެއް ކަމަށްވާ "ދިސް މޯނިން" ގައި ވާހަކަ ދައްކަމުން ޓެންޑީ ބުނީ އަންގަސް އަކީ ވަރަށް ޔުނީކް ކުއްޖެއް ކަމަށެވެ. އިނގިރޭސި ވިލާތުގައި އަންގަސް ފަދަ ޚާއްސަ އެހީއަށް ބޭނުންވާ މިލިއަނަކަށް ވުރެ ގިނަ ކުދިން އެބަތިއްބެވެ. މީގެ ތެރޭގައި އެކުދިންގެ ބައްޔާ އަމިއްލައަށް ހަނގުރާމަ ކުރަން ޖެހިފައިވާ ގިނަ އަދަދެއްގެ ކުދިން ތިބި ކަމަށާއި މިފަދަ ކުދިންގެ އިހްސާސްތައް އެހެން މީހުންނަށް ފާހަގަ ނުކުރެވޭ ކަމަށް ޓެންޑީ ބުންޏެވެ.

ޓެންޑީ ބުނި ގޮތުގައި އެންމެ ކުރިން އެމީހުންނަކަށް އަންގަސްގެ އެއްވެސް މައްސަލައެއް ހުރި ކަމެއް ނޭނގެ އެވެ. ނަމަވެސް ކޮންމެވެސް ކަމެއް ގޯސްވާ ކަމުގެ ޝައްކުތަކެއް އެމީހުންނަށް ވެސް ވި އެވެ. ފަހުން މެންޗެސްޓާ ހޮސްޕިޓަލުގައި ހެދި ޓެސްޓްތަކަކުން އަންގަސްގެ ކްރޮމޮޒޯމްގައި އައިބުތަކެއް ހުރިކަން އެނގުނެވެ.

އަންގަސް އަކީ އިސްކޮޅާއި ރޫފައިގެ ގޮތުން ކިތަންމެ ކުޑަކޮށް ހުންނަ ކުއްޖެއް ނަމަވެސް އޭނާގެ ވަރުގަދަ ޝަހްސިއްޔަތާއި ހިތްވަރަކީ އޭނާއަށް ފަރުވާ ދޭ ޑޮކްޓަރުންނާއި އާއިލާގެ މީހުން ވެސް އޭނާ އާ މެދު ފަޚުރުވެރިވާ ކަމެކެވެ.

ކްރޮމޮޒޯމަލް މިކްސް-އަޕް އަކީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ. މި ކަން ދިމާވާލެއް މަދުކަމުން ގިނަ ޑޮކްޓަރުންނަށް މުޅި ކެރިއަރުގައި ވެސް މިފަދަ ކޭހެއް ނުފެނެ އެވެ. އެހެންވެ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި މައްސަލަ ދިމާވުމަށް އޮންނަ ފުރުސަތަކީ ހަތް ބިލިއަނުން އެކެކެވެ.

އަންގަސް އަކަށް ހިނގާބިނގާވެ ވާހަކަ ދައްކައެއް ނުހެދެ އެވެ. އަދި ވަރަށް ބޮޑަށް ގެސްޓްރިކް މައްސަލަ ދިމާވެ އެވެ. އަދި އެހެން މީހުންނާ މުއާމާލާތްކުރަން އުނދަގޫވުމުން ރުޅިގަދަވެ އަމިއްލަ ހަށިގަނޑަށް ވެސް ބައެއް ފަހަރު ގެއްލުން ދެ އެވެ.

ޓެންޑީ ބުނި ގޮތުގައި އަންގަސް އަކަށް އާދައިގެ މީހުން ދިރިއުޅޭ ކަހަލަ ދިރިއުޅުމެއް ދުވަހަކުވެސް ނޫޅެވޭނެ އެވެ. އޭނާ އަބަދުވެސް އަންގަސް އަށް އެހީވާން ޖެހޭނީ ހުންނާށެވެ. ނަމަވެސް އެކަނި އުޅެން ދަސްކޮށްދޭން ޓެންޑީ ވަރަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.