21 އޯގަސްޓް 2017 - 06:07

އާމިރު ޚާންގެ ޕްރޮޑަކްޝަން ހައުސް އިން މިހާރު އުފައްދަމުން އަންނަ "ސީކްރެޓް ސުޕަސްޓާ" ގައި ވަރަށް ގިނަ ސިއްރު ސުޕަސްޓާރުން އުޅޭ ކަމަށް އާމިރު ޚާން ބުނެފި އެވެ.
"ސީކްރެޓް ސުޕަސްޓާ" އަކީ މަޝްހޫރު ލަވަކިޔުންތެރިއަކަށް ވުމުގެ ހުވަފެންތައް ދެކޭ އަންހެންކުއްޖެއްގެ ވާހަކަ އެވެ. ނަމަވެސް އާއިލާގެ ޕްރެޝަރުގެ ސަބަބުން މި އަންހެންކުއްޖާއަށް ލަވަ ކިޔޭ ގޮތެއް ނުވެ އެވެ. އެހެންވެ އޭނާ ސިއްރުން ސޯޝަލް މީޑިއާގައި ލަވަ ކިޔަން ފެށި އެވެ. އަދި އިސާހިތަކު އޭނާގެ ލަވަތައް ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބަޔަކަށް މަގުބޫލުވި އެވެ.
މި އަންހެންކުއްޖާ އިންސޫގެ ރޯލު އަދާކުރަނީ އާމިރުގެ "ދަންގަލް"ގައި އޭނާގެ ދަރިއެއްގެ ރޯލު ކުޅެފައިވާ ޒާއިރާ ވަސީމް އެވެ.
އަދަވައިތު ޗަންދަން ޑައިރެކްޓްކުރާ މި ފިލްމު ޕްރޮޑިއުސްކުރުމުގެ ފުރުސަތު ލިބުނު ކަމީ އޭނާ އަށާއި އަންހެނުން ކިރަން ރާއޯ އަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށް އާމިރު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
އަދި ފިލްމު އުފެއްދުމުގެ ދާއިރާގައި މަސައްކަތްކުރަން ބޭނުންވާ އަދަވައިތު ކަހަލަ ހުނަރުވެރި ގާބިލް މީހުންނަށް ފުރުސަތުތަކެއް ހޯދައިދެވޭތީ އެކަމާ ހިތްހަމަޖެހިފައިވާ ކަމަށް ވެސް އާމިރު ބުންޏެވެ.
އާމިރު އިތުރަށް ބުނެފައިވާ ގޮތުގައި "ދަންގަލް" ރިލީޒްވުމުގެ ކުރިން ޒާއިރާ އަކީ ވެސް ސީކްރެޓް ސުޕަސްޓާރެއް ކަމަށެވެ. ނަމަވެސް ފިލްމު ރިލީޒްވުމާއެކު ޒާއިރާ ވަނީ އެންމެންނަށް ތައާރަފްވީ އެވެ. އެގޮތުން "ސީކްރެޓް ސުޕަސްޓާ"ގައި އުޅޭ ސުޕަސްޓާރުންނަކީ ކޮބައިކަން އެނގޭނީ އެ ފިލްމު ވެސް ރިލީޒް ވުމުންނެވެ.