28 ޖޫން 2016 - 02:47

ނީސް، ފްރާންސް (ޖޫން 27) - ބޮޑު މުބާރާތެއްގައި މުޅިން އަލަށް ވާދަކުރާ، ޔޫރަޕުގެ ފުޓްބޯޅައިގެ އާދައިގެ ގައުމެއް ކަމަށްވާ އައިސްލެންޑް އަތުން ހައިރާންކުރުވަނިވި ގޮތަކަށް 2-1 އިން ބަލިވެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން އިންގްލެންޑް މިރޭ ކަޓައިފި އެވެ.
ތިން ލައްކައެއްހާ މީހުން ދިރިއުޅޭ ކުޑަކުޑަ އައިސްލެންޑުން، ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މުއްސަނދި ތާރީހެއް އޮތް އެއް ގައުމު ކަމަށްވާ އިންގްލެންޑް އަތުން މިރޭ ހޯދި ތާރީހީ މޮޅާ އެކު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ކުއާޓާގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ފްރާންސާ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުކުރި އައިސްލެންޑުން މިރޭ ހޯދި މި މޮޅަކީ ޔޫރޯގެ ތާރީހުގައި ވެސް މިހާތަނަށް ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ އެވެ.
މީގެ 12 އަހަރު ކުރިން އައިސްލެންޑް ކޮޅަށް ހަ ލަނޑު ޖެހި އިންގްލެންޑް މިރޭގެ މެޗުން ބަލިވުމުން އެ ޓީމުގެ ކޯޗު ރޯއީ ހޮޖްސަން ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.
މިރޭގެ މެޗު ފެށިގެން ހަތަރު ވަނަ މިނިޓްގައި އިންގްލެންޑުން ވަނީ ކެޕްޓަން ވޭން ރޫނީގެ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑުން ލީޑު ނަގައިފަ އެވެ. މިއީ އޭރިއާ ތެރެއިން އިންގްލެންޑުގެ ރަހީމް ސްޓާލިން އަށް ހުރަސް އަޅައި އައިސްލެންޑް ގޯލްކީޕަރު އޭނާ ވައްޓާލުމުން ދިން ޕެނަލްޓީއެކެވެ.
އިންގްލެންޑުން ލީޑު ނެގި ނަމަވެސް އައިސްލޭންޑުން ވަނީ ހިތްވަރުކޮށް 75 ސިކުންތުގެ ތެރޭ ނަތީޖާ ހަމަހަމަކޮށްފަ އެެވެ. މެޗުގެ ހަ ވަނަ މިނިޓްގައި މި ލަނޑު ކާމިޔާބުކުރީ ރެގްނާ ސިގަޑްސަން އެވެ. އިންގްލެންޑް ސިއްސުވާލުމަށް ފަހު އައިސްލެންޑުން ލީޑުނެގީ މެޗުގެ 19 ވަނަ މިނިޓްގަ އެވެ. އިންގްލެންޑް އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އަކުން މި ލަނޑު ކާމިޔާބުކުރީ ކޮބެއިން ސިގްތޯސަން އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އިންގްލެންޑު ކީޕަރު ޖޯ ހާޓް އަތުގައި ޖެހިފަ އެވެ.
ނަތީޖާ ހަމަހަމަކުރަން އިންގްލެންޑުން ކުރި ހުރިހާ މަސައްކަތެއް އައިސްލެންޑުން ވަނީ ހުއްޓުވައިފަ އެވެ. އިންގްލެންޑުގެ ތިން ފޯވާޑުން ކަމަށްވާ ޑެނިއަލް ސްޓަރިޖާއި ހެރީ ކޭން އަދި ޖޭމީ ވާޑީ އަށް ވެސް އައިސްލެންޑުގެ ޑިފެންޑަރުން ކައިރިން ސަލާމަތެއް ނުވި އެވެ. މެޗުގެ ފަހުކޮޅު އިންގްލެންޑުގެ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް ކުޅެން ނުކުތް ނަމަވެސް އޭނާ އަށް ވެސް ތަފާތެއް ނުދެއްކުނެވެ.
މިއީ 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެމެެރިކާ އަތުން އިންގްލެންޑް ބަލިވި ބަލިވުމަށް ވުރެ ވެސް ހިތްދަތި ނަތީޖާއެއް ކަމަށް އިނގިރޭސި މީޑިއާ އިން ވަނީ ސިފަކޮށްފަ އެވެ.
ޕޮލެންޑް - ޕޯޗުގަލް
ވޭލްސް - ބެލްޖިއަމް
ޖާމަނީ - އިޓަލީ
ފްރާންސް - އައިސްލެންޑް