ދުނިޔޭގެ ބެޑްމިންޓަން މުބާރާތުގެ އޮފިޝަަލަކަށް ޝިހާމް
ދުނިޔޭގެ ބެޑްމިންޓަން މުބާރާތުގެ އޮފިޝަަލަކަށް ޝިހާމް

މާދަމާ ސްކޮޓްލޭންޑްގެ ގްލާސްގޯގައި ފަށާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި އޮފިޝަލްކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ރެފްރީ އަހުމަދު ޝިހާމް (ޕުޗު) އަށް ލިބިއްޖެ އެވެ.

މީގެ ކުރިން ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކާއި ގައުމީ ފެންވަރުގެ ގިނަ މުބާރާތްތަކުގައި ޝިހާމް ވަނީ ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ. އަދި ބައެެއް މުބާރާތްތަކުގައި އިންތިޒާމް ކޮމިޓީގައި ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ.

ޝިހާމް ވަނީ މި އަހަރު މާޗް މަހު ވިއެޓްނާމްގައި އޮތް ހެނޯއީ އިންޓަނޭޝަނަލް ޗެލެންޖުގައި ވެސް އޮފިޝަލްކަން ކޮށްފަ އެވެ. ބައިނަލްއަގްވާމީ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތެއްގައި އޮފިޝަލްކަން ކުރި ދިވެއްސަކީ މިދިޔަ އަހަރު އޮލިމްޕިކްސްގައި އޮފިޝަލްކަން ކުރި ރާއްޖޭގެ އަލީ އަބްދުލް ކަރީމް (ޒޯލާ) އެވެ.

ޝިހާމް އަކީ މިހާތަނަށް ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި އޮފިޝަލްކަން ކުރާ ފުރަތަމަ ދިވެއްސެވެ. މިއީ ރާއްޖެ އަށް ލިބޭ ރީތި ނަމެއްގެ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ދެކެ އެވެ.

ބީއޭއެމް އިން ފާއިތުވި އަހަރުތަކުގައި ވަނީ ރާއްޖޭގައި ވެސް ގިނަ ރެފްރީން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ހިންގައިފަ އެވެ. އަދި ކުރިއަރަމުން އަންނަ އޮފިޝަލުންނަށް ބޭރުގެ އެކި ގައުމުތަކުން ކޯސް ހެދުމުގެ ފުރުސަތު ބީއޭއެމުން އަންނަނީ ފަހި ކޮށްދެމުންނެވެ.

މީގެ ކުރިން ވެސް ބައެއް ދިވެހި ރެފްރީންނަށް ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުން ފުރުސަތު ލިބިފަ އެވެ. އެގޮތުން 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ރާއްޖޭގެ މުހައްމަދު ސައީދު ވަނީ ލައިންސްމަންކަން ކޮށްފަ އެވެ.

އަދި މިއަހަރު އޮތް އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި އޮފިޝަލްކަން ކޮށްފައިވަނީ ރާއްޖޭގެ ރެފްރީ ރިލްވާން އާދަމް އެވެ.