20 އޯގަސްޓް 2017 - 11:03

ޓިއުރިން (އޮގަސްޓް 20) – ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކޮށްގެން ދިން ޕެނަލްޓީ ޖިއަންލުއިޖީ ބުފޮން މަތަކުރި މެޗުން ރޭ އިޓާލިއަން ލީގުގައި ކަލިއާރީ އަތުން 3-0 އިން ޗެމްޕިއަން ޔުވެންޓަސް މޮޅުވެއްޖެ އެވެ.
މި ސީޒަނުގެ އިޓާލިއަން ލީގުގެ ފުރަތަމަ މެޗުގެ 12 ވަނަ މިނެޓުގައި މާރިއޯ މަންޒުކިޗް ވަނީ ޔުވެންޓަސް އަށް ލީޑު ނަގައިދީފަ އެވެ. އޭގެ ފަހުން ވީއޭއާރް ބޭނުންކޮށްގެން ރެފްރީ ކަލިއާރީ އަށް ދިން ޕެނަލްޓީ ޑިއޭގޯ ފަރިއާސް ޖެހުމުން ޔުވެންޓަސްގެ ކީޕަރު ބުފޮން މަތަކުރި އެވެ. ފަރިއާސް އަށް ޔުވެންޓަސްގެ އެލެކްސް ސެންޑްރޯ ކުރި ފައުލަކަށް ރެފްރީ ފުރަތަމަ ޕެނަލްޓީ ނުދެ އެވެ. އެކަމަކު ހަތަރު ވަނަ އޮފިޝަލުގެ އިޝާރާތަކަށް ގޮސް ރީޕްލޭ ބެލުމަށް ފަހު ރެފްރީ ނިންމީ ޕެނަލްޓީއެއް ކަމަށެވެ. މިއީ އިޓާލިއަން ލީގު މެޗެއްގައި ވީއޭއާރް ބޭނުންކުރި ފުރަތަމަ ފަހަރެވެ.
ޔުވެންޓަސްގެ ދެ ވަނަ ލަނޑު 45 ވަނަ މިނެޓުގައި ޖެހީ ޕައޮލޯ ޑިބާލާ އެވެ. މިރެލަމް ޕިޔަނިޗް މެދުތެރެއިން ވައްޓާލި ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލްކުރުމަށް ޑިބާލާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. ޔުވެންޓަސްގެ ތިން ވަނަ ލަނޑު 66 ވަނަ މިނެޓުގައި ޖެހީ ގޮންޒާލޯ ހިގައިން އެވެ.
ރޭ ކުޅުނު ދެ ވަނަ މެޗުގައި ނަޕޯލީ ވަނީ ހެލަސް ވެރޯނާ އަތުން 3-1 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ފުރަތަމަ ގޯލަކީ 32 ވަނަ މިނެޓުގައި ވެރޯނާގެ ސެމުއަލް ސޫޕްރަޔެން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެ ވަނަ ލަނޑު 39 ވަނަ މިނެޓުގައި މިލިޗް ޖެހިއިރު ފަހު ލަނޑު 62 ވަނަ މިނެޓުގައި ޖެހީ ފައުޒީ ގޫލަމް އެވެ. ވެރޯނާގެ ހަމައެކަނި ލަނޑު 83 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖިއަމްޕޯލޯ ޕަޒިނީ އެވެ.