ފާރިސްގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފި
ފާރިސްގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށް، ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ތާވަލް ކުރުމަށް ފަހު އަނެއްކާވެސް ކެންސަލްކޮށްފި އެވެ.

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި ފާރިސް، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާއިރު، އެ މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން އަޑުއެހުންތައް ހައި ކޯޓުން އޮތީ ނިންމާލައިފަ އެވެ.

އެ މައްސަލައިގެ ހުކުމް އިއްވަން މިއަދަށް ތާވަލް ކުރުމަށް ފަހު ކެންސަލްކުރި ކަން ފާރިސްގެ ވަކީލުންނަށް ވަނީ އަންގައިފަ އެވެ. އެކަމަކު އެ އަޑުއެހުން ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ.

ރިޝްވަތުގެ މައްސަލައިގައި ފާރިސްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެކަމަކު އޭނާގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ފޮނުވި ކަމެއް އަދިއެއް ނޭނގެ އެވެ.

އެ މައްސަލައިގެ އިތުރުން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސް އަށް ވަނީ ޝަހްސު އޮޅުވާލުމުގެ ދައުވާ އުފުލައި، ޝަރީއަތް ފަށައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދު އޮންނާނެ އެވެ.