20 އޯގަސްޓް 2017 - 12:22

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ބ. ކަމަދޫގެ މެޖޯރިޓީ ރައީސް އަބްދުﷲ ޔާމީން ނަންގަވާނެ ކަމަށް ވިދާޅުވެ، އެ ރަށުގައި އިއްޔެ ބޭއްވި ބައި އިލެކްޝަންގައި ސަރުކާރުން ކާމިޔާބު ހޯދި ކަމަށް ދޭހަވާ ގޮތަށް ޕީޕީއެމްގެ އިސް ބޭފުޅުން ވާހަކަ ދައްކަވައިފި އެވެ.
އެކަމަކު، އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކަމަދޫ ކައުންސިލުން ހުސްވި ގޮނޑި، އިދިކޮޅު އެމްޑީޕީގެ އަހުމަދު ސާޖިދު ވަނީ 27 ވޯޓުގެ ތަފާތަކުން ކާމިޔާބު ކުރައްވައިފަ އެވެ. ސާޖިދަށް 169 ވޯޓު ލިބިވަޑައިގެންނެވިއިރު، ވެރިކަންކުރާ ޕީޕީއެމްގެ ކެންޑިޑޭޓް އަލީ ނާޒިމަށް ލިބިވަޑައިގަތީ 142 ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަމަދޫގައި ބޭއްވި ބައި އިލެކްޝަންގައި ރައީސް ޔާމީން ގިނިކަންޏާ ނިކުންނަވައި 46 ޕަސަންޓް ވޯޓު ހޯއްދެވި ކަމަށެވެ.
ބައި އިލެކްޝަންގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 13.5 ޕަސެންޓު ވޯޓު ލިބިވަޑައިގެންނެވި އިރު، އިދިކޮޅު ތިން ޕާޓީން ކުރެ ކޮންމެ ޕާޓީއަކަށް ވެސް 13.5 ޕަސެންޓް ވޯޓު ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އެވެ. އެމްޑީޕީގެ ކެންޑިޑޭޓް ކުރިމަތިލެއްވީ އިދިކޮޅު ގުޅިފައިވާ އިއްތިހާދުގެ ކެނޑިޑޭޓެއްގެ ޓެގް ގަ އެވެ.
"ﷲ ގެ ހެޔޮ ރަހްމަތާ އެކު، ބ. އަތޮޅު ކަމަދޫގެ 2018 ގެ ރިޔާސީ އިންތިހާބުގެ މެޖޯރިޓީ ނަގާނީ ރައީސް ޔާމީން،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
ޕީޕީއެމަށް ތާއީދު ކުރާ ބައެއް މީހުން ކުރި ޓުވީޓުތަކުގައި ބުނި ގޮތުގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކަމަދޫން ޕީޕީއެމަށް 25 ޕަސެންޓު ވޯޓު ލިބިވަޑައިގަތެވެ. ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި ޕީޕީއެމަށް ލިބުނީ 38 ޕަސެންޓު ވޯޓު ކަމަށާއި މިފަހަރުގެ ބައި އިލެކްޝަންގައި 46 ޕަސެންޓް ލިބުމަކީ ކާމިޔާބެއްގެ ގޮތުގައި އެ މީހުން ދެކެ އެވެ.
މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ކަމަދޫ މީހުން އާކޮށްދިނީ 2018 ގައި ރައީސް ޔާމީންގެ ސަރުކާރަށް ކުރާ އުންމީދެވެ. އަދި އިގްތިސާދީ ފުދުންތެރި ކަމަށް އެ މީހުން ބޭނުންވެފައި ތިބި މިންވަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ޖަމީލް އުސްމާން ވިދާޅުވި ގޮތުގައި ކަމަދޫ ބައި އިލެކްޝަންގެ ނަތީޖާ އިން ރައީސް ޔާމީނަށް ރައްޔިތުން ކުރާ ތާއީދު އަންނަނީ އިތުރުވަމުންނެވެ. އޭނާ ވެސް މިސާލު ނެންގެވީ މިދިޔަ ރިޔާސީ އިންތިހާބާއި އިއްޔެ ނިމުނު ބައި އިލެކްޝަނުގެ ނަތީޖާ އިންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ރަށުގެ މެޖޯރިޓީ ނެންގެވީ ރައީސް ޔާމީނާ ވާދަކުރައްވައިގެން 136 ވޯޓުގެ ތަފާތުން ކަން ޖަމީލް ފާހަގަކުރެއްވި އެވެ.
"ޕީޕީއެމް އޮތީ ސާބިތުކަމާއެކު، 2018 ގައި އެމްޑީޕީ ބަލިކޮށް ކުރި ހޯދަން ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވި ގޮތުގައި ކަމަދޫން އިއްޔެ ލިބުނީ ޕީޕީއެމަށް ކުރިން ނުލިބޭހާ ބޮޑު ތާއީދެކެވެ.
އެ ރަށުގައި ކުރިން ބޭއްވި އިންތިހާބުތަކުގައި އެމްޑީޕީން ކުރި ހޯދަނީ ބޮޑު ތަފާތަކުން ކަމަށާއި އެ ތަފާތު މިހާރު ކުޑަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޮނޑި ޕީޕީއެމަށް ކާމިޔާބު ނުކުރެވުނަސް، ސަރުކާރަށް އޮތް ތާއީދު އިތުރުވެގެން ދިޔަ ކަން ހާމަވެގެން ދިޔައީ. ބައި އިލެކްޝަންގެ ނަތީޖާ އިން އެނގިގެން ދިޔައީ ހަތަރު ލީޑަރުން ގުޅިގެން މާ ބޮޑު ތަފާތެއް އެ ބޭފުޅުންނަށް ނުނެރެވުނު،" މައުމޫނާއި ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އިޝާރާތް ކުރައްވާ ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ކަމަދޫ ކައުންސިލްގެ ގޮނޑި ހޯދަން ޕީޕީއެމުން މާ ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ކައުންސިލް ގޮނޑިއެއް ހޯދަން، ޕީޕީއެމްގެ ހުރިހާ ވަސީލަތްތަކާއި ފައިސާ ހަރަދު ކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ބައި އިލެކްޝަންގެ ނަތިޖާ އިން ދައްކައިދިނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ހަތަރު ލީޑަރުން އެކުގައި މަސައްކަތް ކުރައްވައިގެން ރައީސް ޔާމީން ބަލި ނުކުރެއްވޭނެ ކަމެވެ. އަދި ރަށްރަށުގައި ދިރިއުޅޭ މީހުން ތިބީ އިދިކޮޅު ފަރާތްތަކާއެކުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.