20 އޯގަސްޓް 2017 - 10:06

ބާސެލޯނާ (އޮގަސްޓް 20) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އަލަށް ޕްރޮމޯޓްވި ގިރޯނާއާ 2-2 އިން އެއްވަރުވެ އެތުލެޓިކޯ މެޑްރިޑަށް އުނދަގޫ ފެށުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މިއީ ޖިރޯނާ ސްޕެއިނުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ކަޓަލޫނިއާ ސަރަހައްދަށް ނިސްބަތްވާ ގިރޯނާ ލަލީގާ އިން ފުރުސަތު ހޯދީ ސްޕެއިނު ދެ ވަނަ ޑިވިޝަންގެ ރަނަރަޕް ޓީމުގެ ގޮތުގަ އެވެ.
ރޭގެ މެޗު ފަށައިގެން ފުރަތަމަ 25 މިނިޓް ތެރޭގައި ގާތްގާތުގައި ޖެހި ދެ ލަނޑާ އެކު ޖިރޯނާ އިން އެތުލެޓިކޯ ސިއްސުވާލި އެވެ. ދެ ލަނޑު ވެސް މެޗުގެ 22 ވަނަ މިނިޓާއި 25 ވަނަ މިނިޓްގައި ކާމިޔާުބުކުރީ މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ މިޑްލްސްބަރާ އަށް ކުޅުނު ކްރިސްޓިއަން ސްޓުއާނީ އެވެ.
އެތުލެޓިކޯ އަށް މައްސަލަތައް ދިމާވީ މެޗުގެ 67 ވަނަ މިނިޓްގައި އެ ޓީމުގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަށް ރަތް ކާޑު ދެއްކުމުންނެވެ. ގްރީޒްމަން އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ ޕެނަލްޓީ ހޯދުމަށް ޑައިވް ކުރި ކަމަށް ބަލައިފަ އެވެ. އަދި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކީ ރެފްރީގެ ނިންމުންތަކާ ތަކުރާރުކޮށް ދެކޮޅު ހެދުމުންނެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް އެތުލެޓިކޯ އިން އިސްކަން ދިނީ އެޓޭކަށެވެ. އެންމެ މަތީ ފަންތީގައި ކުޅުމުގެ ތަޖުރިބާ މަދުވުމުން ޖިރޯނާ އަށް ގިނަ މައްސަލަތަކެއް ދިމާވި އެވެ. އެތުލެޓިކޯ އިން އެއްވަރުކުރީ މެޗުގެ ފަހު 12 މިނިޓް ތެރޭގަ އެވެ.
ފުރަތަމަ ލަނޑު މެޗުގެ 78 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަންޑްރެއާ ކޮރޭއާ އެވެ. އޭގެ ހަ މިނިޓް ފަހުން އެތުލެޓިކޯ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ހޯސޭ މާރިއާ ހިމެނޭޒް އެވެ.
ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ރެއާލް ސޮސިއެޑާޑް ވަނީ ރަށުންބޭރުގައި ކުޅެ ސެލްޓަ ވީގޯގެ މައްޗަށް 3-2 އިން ކުރި ހޯދައިފަ އެވެ. ދިހަ ކުޅުންތެރިންނާ އެކު މެޗު ނިންމާލި ސެވިއްޔާ ވަނީ އަމިއްލަ ދަނޑުގައި 1-1 އިން އެސްޕަންޔޯލާ އެއްވަރުވެފަ އެވެ.