ކުޑަ ރަށަކުން އެ ފެނުނީ ވޯޓުގައި ވާނެ ގޮތް: ނަޝީދު
ކުޑަ ރަށަކުން އެ ފެނުނީ ވޯޓުގައި ވާނެ ގޮތް: ނަޝީދު

އާބާދީގެ ނިސްބަތުން ކުޑަ ރަށެއް ކަމަށްވާ ބ. ކަމަދޫގެ ބައި އިލެކްޝަނުން އިއްޔެ ފެނުނީ ރައީސް އަބްދުﷲ ޔާމީން ވޯޓަކަށް އެއްސެވުމުން ވާނެ ގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކަމަދޫ ބައި އިލެކްޝަން އިދިކޮޅު ކެންޑިޑޭޓް ކާމިޔާބު ކުރުމުން، ރައީސް ޔާމީނަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ އެ އިންތިހާބު ބޭއްވީ ސިޔާސީ ވާދަވެރިން ޖަލަށް ލައި، ސިފައިން ލައްވައި ރައްޔިތުންގެ މަޖިލީސް ވެސް ހިސޯރުކޮށްގެން ކަމަށެވެ. ކަމަދޫ ނަތީޖާ އިން ދައްކުވައިދިނީ ވޯޓުތަކުގައި ވާނެ ގޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކަމަދޫ ބައި އިލެކްޝަން އިދިކޮޅު ޕާޓީތައް ގުޅިގެން ނެރުނު އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ސާޖިދު ކާމިޔާބުކުރީ 169 ވޯޓު ހޯދައިގެންނެވެ. ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑިޑޭޓް އަލީ ނާޒިމްއަށް ލިބުނީ 142 ވޯޓު ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ.

އާބާދީގައި ގާތްގަނޑަކަށް 600 މީހުން ހިމެނޭ ކަމަދޫގެ ތިން ކައުންސިލަރުންގެ ތެރެއިން ދެ މެމްބަރުން އެމްޑީޕީ އެވެ. ޕީޕީއެމް ތަމްސީލްކުރައްވަނީ އެންމެ ކައުންސިލަރެކެވެ.

އިންތިހާބުގައި ޕީޕީއެމް ބަލިވުމާ އެކު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ އެ އިންތިހާބުން ރަމްޒުކޮށްދެނީ ހަމައެކަނި ކަމަދޫގެ ރަށްވެހިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދޭތެރޭ ދެކޭ ގޮތެއް ނޫން ކަމަށެވެ. އެއީ މުޅި ރާއްޖޭގެ ބަސް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައިި ވެސް ރާއްޖޭގެ އާބާދީ ގިނަ ސަރަހައްދުތައް ހިމެނޭ ގޮތަށް ގިނަ ކައުންސިލްތައް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. މި ނަތީޖާ މިހެން ދެއްކިއަސް ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ގިނަ ރަށްތަކުގެ އަޣުލަބިއްޔަތު ރައީސް ޔާމީން ހޯއްދަވާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.