ޖޫނިއާ ފުޓްބޯޅަ ޓީމު އިންޑިއާ އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެ
ޖޫނިއާ ފުޓްބޯޅަ ޓީމު އިންޑިއާ އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެ

ނޭޕާލުގައި ކުރިއަށްދާ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޖޫނިއާ ޓީމު ކުޅުނު ފުރަތަމަ މެޗުން މިއަދު އިންޑިއާ އަތުން ތަފާތު ބޮޑު ނަތީޖާއަކުން 9-0 އިން ބަލިވެއްޖެ އެވެ.

މި މެޗުގެ 21 ވަނަ މިނެޓުގައި އިންޑިއާގެ ރަވީ ބަހާދުރު ރާނާ ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އޭގެ މިނެޓެއް ފަހުން އިންޑިއާގެ ލީޑު ފުޅާވީ ރާއްޖޭގެ މުހައްމަދު ފައިހާން އިމްރާން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޑިއާގެ ރަވީ އާއި މޮރިއަންގްތެމް ތޮއިބާ ވަނީ އެ ޓީމުގެ ލީޑު 4-0 އަށް ފުޅާކޮށްދީފަ އެވެ.

އިންޑިއާގެ ފަސް ވަނަ ލަނޑު ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ކާމިޔާބުކޮށް ރަވީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އިންޑިއާގެ ހަ ވަނަ ލަނޑު 57 ވަނަ މިނެޓުގައި ރިކީ ޖޯން ޝަބޮން ޖެހިއިރު ހަތް ވަނަ ލަނޑު 71 ވަނަ މިނެޓުގައި ވައްދާލީ ވިކްރަމެވެ.

މުޅި މެޗު އިންޑިއާ އިން ކޮންޓްރޯލްކޮށްގެން ކުޅުނުއިރު ރާއްޖެ އަށް ރަނގަޅު ހަމަލާއެއް ވެސް އުފެއްދިފައެއް ނުވެ އެވެ. އިންޑިއާ އިން ތަފާތު ބޮޑުކުރަމުން އައިސް އަށް ވަނަ ގޯލް ޖެހީ 80 ވަނަ މިނެޓުގަ އެވެ. އިންޑިއާގެ ނުވަ ވަނަ ލަނޑަކީ ރާއްޖޭގެ ފައިހާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ރާއްޖޭގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ ބަލިވެގެން ދިޔައީ ވަރަށް ބޮޑު ތަފާތަކުން ކަމަށްވީ ނަމަވެސް ރާއްޖޭގެ ކުޅުންތެރިން ދެއްކި ކުޅުމާއި ކުރި މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ވަނީ އިންޑިއާ އަށް ތައުރީފްކޮށްފަ އެވެ.

"އިންޑިއާ ކުޅުންތެރިން ވަރަށް ވަރުގަދަ އަދި ވަރަށް ހަރު ކުޅުންތެރިންތަކެއް މިއީ. އިންޑިއާ އަށް މި ފެންވަރުގެ ފުޓްބޯޅަ ކުޅެވޭ ނަމަ އެ ޓީމުން އޭއެފްސީ މުބާރާތަށް ކޮލިފައިވެ ޗެމްޕިއަންކަން ހޯދަން ޖެހޭނެ،" ޝާޒްލީ ބުންޏެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ހޯމަ ދުވަހު ބައްދަލުކުރާނީ ނޭޕާލާ އެވެ. ގްރޫޕް ބީ ގައި ހިމެނެނީ މި ތިން ޓީމެވެ. ގްރޫޕް އޭ ގައި އޮތީ ބަންގްލަދޭޝާއި ބޫޓާން އަދި ސްރީ ލަންކާ އެވެ.

މުބާރާތުގެ ކުރިން ޝާޒް ބުނީ ކުރިން ޓާގެޓްކޮށްފައި އޮތީ ސެމީ ފައިނަލަށް ދިއުމަށް ކަމަށާއި އެކަމަކު އިންޑިއާ އާއި ނޭޕާލާ އެއް ގްރޫޕެއް ލައްވާލުމުން މިހާރު ޓާގެޓްކުރަނީ މަދުވެގެން ޕޮއިންޓެއް ހޯދަން ކަމަށެވެ.

ބަންގްލަދޭޝްގައި 2015 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ފުރަތަމަ މެޗުން ނޭޕާލް އަތުން 5-0 އިން ބަލިވިއިރު ދެ ވަނަ މެޗުން އަފްގާނިސްތާން އަތުން 4-2 އިން ބަލިވީ އެވެ. އޭގެ ކުރިން 2013 ގައި ބައިވެރިނުވާއިރު 2011 ވަނަ އަހަރު ބޭއްވި މުބާރާތުން ވެސް ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ. އެ ފަހަރު ފުރަތަމަ މެޗުން ޕާކިސްތާން އަތުން 6-0 އިން ބަލިވިއިރު ދެ ވަނަ މެޗުން އިންޑިއާ އަތުން ބަލިވީ 5-0 އިންނެވެ.

ސާފް ޗެމްޕިއަންޝިޕަށް ފަހު ޖޫނިއާ ގައުމީ ޓީމު ދެން ވާދަކުރާނީ ސެޕްޓެމްބަރު 16 އިން 29 އަށް އޮންނަ އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގަ އެވެ. ރާއްޖެ ހިމެނެނީ އޮމާނާއި ތަޖިކިސްތާނާއި ސީރިއާ އާއި ތުރުކުމެނިސްތާނާ އެކު ގްރޫޕް ބީ ގަ އެވެ. ހުރިހާ މެޗެއް ވެސް ކުރިއަށްދާނީ ތަޖިކިސްތާނުގެ ޑުޝާންބޭގަ އެވެ.