19 އޯގަސްޓް 2017 - 19:52

ކަރާކަސް (އޮގަސްޓް 19) - ވެނެޒުއެލާ ސިފައިން "ކޮނޑާ ކޮނޑު ޖައްސާ" ތައްޔާރީ ހާލަތުގައި ތިބުމަށް އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އަންގަވައިފި އެވެ.
ޑިފެންސް މިނިސްޓަރު ލަޑިމިއާ ޕަޑްރިނޯ ވިދާޅުވީ ގައުމު ދިފާއު ކުރަން ސިފައިން ތައްޔާރަށް ތިބުމަށް ރައީސް މަދޫރޯ އަންގަވާފައިވާ ކަމަށެވެ. މަދޫރޯ ވަނީ މި ހަފުތާ އިން ފެށިގެން ތަމްރީނުތައް ވެސް ކުރިއަށް ގެންދަން އަންގަވައިފަ އެވެ. އެއީ ސިފައިން ތައްޔާރީ ހާލަތުގައި ތިބިކަން އަންގައިދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަދޫރޯގެ ފަރާތުން މި އަމުރު އައިސްފައި ވަނީ ވެނެޒުއެލާ އަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައި ވަނިކޮށެވެ. އެމެރިކާ އިން މި އިންޒާރު ދީފައި ވަނީ ގަދަބާރުން ޕާލަމެންޓް އިންތިޚާބު ބާއްވާ ގާނޫނު އަސާސީ އަށް ބަދަލު ގެންނަން މަދޫރޯ މަސައްކަތް ކުރައްވާތީ އެވެ.
ވެނެޒުއެލާގެ ރައީސްގެ ބޯހަރު ސިޔާސަތުތަކާ ގުޅިގެން އެމެރިކާ އިން ވަނީ އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެެ.