28 ޖޫން 2016 - 16:38

ކުރީގެ ފިރިމީހާ އަދި ރެޕާ ނިކް ކެނަންއާ ހެދި އެމެރިކާގެ މަޝްހޫރު ލަވަ ކިއުންތެރިޔާ މާރިއާ ކެރީ އަށް ބޮލުގެ ރިހުމަކަށްވެއްޖެ އެވެ. އާ ލޯބިވެރިޔާ ޖޭމްސް ޕެކާއާ ކައިވެނިކޮށް ދިރިއުޅުން ކުރިއަށް ގެންދަން ބޭނުން ވިޔަސް ނިކް އުޅޭ ވައްތަރުން އެކަން ކުރެވޭ ގޮތެއް ނުވެ އެވެ.

މާރިއާ، 46، އާއި ނިކް، 35، ގެ ހަތް އަހަރުވީ ކައިވެނި ރޫޅާލަން ނިންމީ ވެސް ނިކް އެވެ. އެއީ ކައިވެންޏަށް އެއްމާބަނޑު ދެ ކުދިން ވެސް 2011 ގައި ލިބިފައި ވަނިކޮށެވެ.

ދެ މީހުންގެ ވަރީގެ މައްސަލަ ކޯޓްގައި ފައިލް ކުރީ ވެސް ހުދު ނިކް އެވެ. އެއީ މިދިޔަ އަހަރު އެވެ.
އެކަމަކު ފަހުން ހިޔާލު ބަދުލުވެގެން ވަރީގެ ސެޓްފިކެޓްގައި ސޮއި ކުރަން، ނިކް ދަނީ ދެކޮޅު ހަދަމުންނެވެ. އެހެންވެ ވަރީގެ ކަންތައް އޮތީ ރަސްމީކޮށް ނުނިމި އެވެ.
ނިކް އަދިވެސް މާރިއާ ދެކެ ވަރަށް ލޯބިވާ ކަމަށްވެ އެވެ. އެކަމަކު މާރިއާ ހުރީ އެ ގުޅުމާއިގެން ދެން ދުވަހަކު ވެސް ކުރިއަށްދާ ހިޔާލެއްގައެއް ނޫނެވެ.
އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ވަރީގެ ސެޓްފިކެޓްގައި ނިކް ސޮއިކުރާ ހިސާބުން، މާރިއާ ހުރީ މިހާރުގެ ލޯބިވެރިޔާ އަދި އޮސްޓްރޭލިއާ އަށް އުފަން ވިޔަފާވެރިޔާ ޖޭމްސް (ޑަކްލަސް) ޕެކާ، 48، އާ ކައިވެނި ކުރަން ތައްޔާރަށެވެ. އަޑުތައް މިހާރު ފެތުރިފައިވާ ގޮތުން ނިކް ހުރީ ސެޓްފިކެޓްގައި މިހާރު ސޮއި ކުރާ ގޮތަށެވެ.
އެކަމަކު އެކަން ވާނީ ސީދާ ކޮން އިރަކުން ކަމެއް އަދިވެސް ނޭނގެ އެވެ.
މާރިއާ އާއި ޖޭމްސް ޑޭޓް ކުރަން ފެށީ މިދިޔަ އަހަރު އެވެ. ކުރިން ދެ މީހުން ވަރަށް ސިއްރުން އުޅުނަސް މިހާރު، އެންމެންނަށް ވެސް އެ ދެ މީހުން އުޅެނީ ހިތާވެގެންކަން އެނގެ އެވެ. ދެ މީހުން ތިބީ ވަރަށް ސީރިއަސްކޮށް ކައިވެންޏަކާ ހަމައަށް ދާން ތައްޔާރަށެވެ.
ޖޭމްސް މިހާރު ވަނީ ކުރީގެ އަންހެނުން އޮސްޓްރޭލިއާ އަށް އުފަން ބަތަލާ/މޮޑެލް އެރިކާ ބެކްސްޓާ، 38، ވަރި ވެސްކޮށްފަ އެވެ. އެ ދެ މީހުން ކައިވެނި ކުރީ 2007 ގަ އެވެ.
އެހެންވެ މިހާރު އޮތް ހަމައެކަނި ހުރަހަކީ މާރިއާ އަށް ނިކްގެ ސޮއި ނުލިބުމެވެ.
މާރިއާ އާއި ޖޭމްސްގެ ކައިވެނިވެގެން ދާނީ އެ ދެ މީހުންގެ ވެސް ތިން ވަނަ ކައިވެންޏަށެވެ.