19 އޯގަސްޓް 2017 - 18:25

ދޫނިދޫގައި ހައްޔަރުކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ލޮލުގައި އުފެދިފައިވާ އިންފެކްޝަނަށް ތިންވަނަ ފަހަރަށް އައިކެއާ މިއަދު ގެނެސް ފަރުވާދީފި އެވެ.

މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ އަމީތުގެ ވާތު ލޯ ވަރަށް ބޮޑަށް އިންފެކްޓް ވެގެން މިދިޔަ ބުދަ ދުވަހުން ފެށިގެން އޭނާ އަންނަނީ ފަރުވާ ހޯދަމުންނެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން އައިކެއާ އަށް ގެނެސް ޑޮކްޓަރަށް ދައްކާފަައިވާއިރު، ދޫނިދޫ ކްލިނިކްގައި އެޑްމިޓް ކޮށްގެން ވެސް އޭނާ އަށް ދޭތެރެދޭތެރެ އިން އަންނަނީ ފަރުވާ ދެމުންނެވެ.
އައިކެއާ އަށް މިއަދު ގެނައިއިރު ވެސް އަމީތުގެ ލޯ ވަރަށް ބޮޑަށް އިންފެކްޓް ވެފައި ހުރިކަން ފާހަގަކުރެވުނެވެ.
ދޫނިދޫ ޖަލުގައި އަމީތު ބަންދުކުރި ފަހުން އޭނާގެ ސިއްހީ ހާލަތު ދަށްވާތީ އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މެމްބަރު އަމީތުގެ ލޮލަށް ލިބުނު ގެއްލުމާ ގުޅިގެން އޭނާގެ އާއިލާ އިން ބުނީ އޭނާ ބަންދުކުރި ފަހުން ސިއްހީ ހާލަތު ގޯސްވަމުންދާ ކަމަށާއި އާއިލާއިން އެކަމާ ކަންބޮޑުވާ ކަމަށެވެ. އެހެންވެ، އިތުރަށް ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.
އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަމުން އަންނަ އަމީތު ބަންދުކުރީ މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ މަހުގެ 24 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ވަން މައްސަލައިގަ އެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކޮށް، ތިން ފަހަރެއްގެ މަތިން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ. އެއީ ފުރަތަމަ 15، ފަހުން ދެ ފަހަރު ޖުމްލަ އަށް ދުވަހެވެ. އެންމެ ފަހުން އަމީތުގެ ބަންދުގެ މުއްދަތު ހަތަރު ދުވަހަށް އިތުރުކުރީ މިދިޔަ ބުދަ ދުވަހު އެވެ.