20 އޯގަސްޓް 2017 - 06:06

އުފަންވުމާ އެކު ފާޚާނާ ތައްޓަށް ލައި ފްލަޝްކޮށްލެވުނު ކުއްޖަކު ނަޖިސް ޖަންކްޝަނެއްގެ ތެރެއަށް ގޮސް އޮންނަތާ ދެ ގަޑިއިރު ފަހުން އިންޑިއާގައި ސަލާމަތްކޮށްފި އެވެ.
މަދިޔަ ޕްރަދޭޝްގެ ޝިއޮޕޫރް ޑިސްޓްރިކްޓްގައި މިދިޔަ އަންގާރަ ދުވަހު މި ހާދިސާ ހިނގީ އަންހެން މީހާއަށް ހަމަ ހޭވެރިކަން ނުވާ ހާލު ފާޚާނާ ތަށިމަތީގައި އިންދާ، އޭނާ ވިހެއުމަށް ފަހު ނޭނގުމެއްގެ ތެރޭގައި ކަމަށް ކުއްޖާގެ ބައްޕަ ވަނީ ބުނެފަ އެވެ.
މިކަން ހިނގި ހިސާބަކީ ބަލިވެ އިނީ އަންހެން ކުއްޖަކަށް ކަން އެނގިއްޖެ ނަމަ އެބޯޝަން ހެދުމާއި އުފަންވާ ތަނުން މަރާލުން ފަދަ ކަންކަން ކުރުން އާންމު ހިސާބެކެވެ. ފާޚާނާއިން ފްލަޝްކޮށްލެވުނީ ވެސް އަންހެން ކުއްޖަކަށް ވާތީ މިއީ ގަސްތުގައި ކުރި ކަމެއްތޯ ބަލަން މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ.
ޕަޕީތާ ގުރްޖަރް ނަމަކަށް ކިޔާ 28 އަހަރުގެ މި އަންހެންމީހާގެ ބަނޑުގައި ކުއްޖަކު ނެތްކަން އެނގުނީ އަންހެން މީހާ ބަނޑުގައި ރިއްސާތީ، އޭނާ އާންމުކޮށް ދައްކާ ހެލްތު ސެންޓަރަށް ދިއުމުން ކަމަށްވެ އެވެ. އޭނާ އެތަނަށް ގެންދިޔައީ ބަނޑުގައި ރިއްސަނީ ވިހަން ކަމަށް ހީކޮށްފައި ކަމަށް، ފިރިމީހާ ވަނީ ބުނެފަ އެވެ.
ދުވަސް ފުރިފައި އިން މި އަންހެނާ މީހާއާ ހެލްތު ސެންޓަރުގެ މީހުން ސުވާލުކުރަން ފެށުމުން ބުނީ މާބޮޑަށް ބަނޑުގައި ރިއްސަން ފެށީ ފާޚާނާއަށް ވަދެފައި ނިކުތް ފަހުން ކަމަށެވެ. ފާޚާނާ ތެރެއަށް ވިހެއީ ކަމަށް ވެދާނެ ކަމަށް އަންހެންމީހާގެ ފިރިމީހާ އެ ވަގުތު ޑޮކްޓަރުން ކައިރީ ބުންޏެވެ.
"އަހަރެމެންނަށް ޝައްކުވި އަންހެންމީހާ ފާޚާނާ ތެރެއަށް ވިހެއީ ކަމަށް. އެހެންވެ ވަގުތުން އެމްބިއުލަންސްގައި އެ ގެއަށް ބަޔަކު ފޮނުވިން،" އެ ސެންޓަރުގެ މެޑިކަލް އޮފިސަރު ޑރ. އަޝޯކް ކާރޭ ވިދާޅުވި އެވެ.
އެމްބިއުލަންސް ޑްރައިވަރު އެ ގެއަށް ގޮސް ފާޚާނާ އަށް ވަންއިރު ކުޑަ ކުއްޖަކު ރޯ އަޑު އިވުނެވެ. ދެން އޭނާ އެ ގޭގެ ފަހަތުގައި މަތި ނުޖަހާ ހުރި ނަޖިސްދާ ޓޭންކެއް ބެލިއިރު ކުއްޖާ އޮތީ އޭގެ ތެރޭގަ އެވެ. އަދި ވަގުތުން އޭނާ އެ ކުއްޖާ ނަގައި ސަލާމަތްކުރީ އެވެ. އެ ކުއްޖާ އޭރު މަރުނުވެ އޮތީ ހަމަ ކިރިޔާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ވަގުތުން ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ކުޑަކުދިންގެ އައިސީޔޫގައި ފަރުވާ ދޭން ފެށުމުން ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. އެ ކުއްޖާ ނަޖިސް ޓޭންކް ތެރޭގައި ދެ ގަޑިއެއްހާއިރު އޮތުމަކީ އަޖައިބެއް ކަމަށް ޑޮކްޓަރުން ބުންޏެވެ.
ނަމަވެސް ޑޮކްޓަރަށް ޝައްކު ކުރެވޭ ކަންތައްތަކެއް އެބަހުއްޓެވެ. ކުއްޖާގެ ފޫޅުދަނޑި އޮތީ ބުރިކޮށްފަ އެވެ. އެހެންކަމަށްވާ ނަމަ އެކަން ކުރީ ކާކުތޯ ޑޮކްޓަރު ސުވާލު އުފައްދަ އެވެ. އަދި ފުލުހުންނަށް މި މައްސަލަ ހުށަހަޅައި ތަހުގީގު ވަނީ ފަށައިފަ އެވެ.