"ބަރީލޭ ކީ ބަރްފީ" ގިނަ މީހުންނަށް އެހާ ކަމަކު ނުދޭ
"ބަރީލޭ ކީ ބަރްފީ" ގިނަ މީހުންނަށް އެހާ ކަމަކު ނުދޭ

މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފައިވާ އަޔޫޝްމާން ކުރާނާ އާއި ރާޖްކުމާރު ރާއޯ އަދި ކްރީތީ ސަނަންގެ "ބަރޭލީ ކީ ބަރްފީ" އާ ދޭތެރޭ ކްރިޓިކްސް ދައްކަނީ ވަރަށް ތަފާތު ވާހަކަ ތަކެކެވެ. އެއްބަޔަކު ބުނަނީ ފިލްމު ވަރަށް ކަމުދާ ކަމަށެވެ. އަނެއް ބަޔަކަށް އެއްގޮތަކަށް ވެސް ކަމަކު ނުދެ އެވެ.

ފުރަތަމަ ދުވަހުގެ ވިޔަފާރިއަށް ބަލާއިރު ބެލުންތެރިން ވެސް މާ ރަނގަޅު ތަރުހީބެއް މި ފިލްމަށް ދޭ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ހުކުރު ދުވަހު ފިލްމަށް އެންމެ 2.42 ކްރޯޑު (24 މިލިއަން ރުޕީސް) ލިބިފައި ވުމުންނެވެ.

ކުޑަކުޑަ އަވަށެއްގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ ރޮމެންޓިކް-ކޮމެޑީ މި ފިލްމަކީ "ނީލް ބައްޓޭ ސަންނާޓާ"ގެ ޑައިރެކްޓަރު އަޝްވިނީ އައްޔަރް ތިވާރީ އުފެއްދި ފިލްމެކެވެ.

މި ފިލްމާ ވާދަކުރާނީ މިދިޔަ ހަފުތާގައި ރިލީޒްވި އަކްޝޭ ކުމާރުގެ "ޓޮއިލެޓް – އޭކް ޕްރޭމް ކަތާ" އާއި ހޮލީވުޑް ފިލްމެއް ކަމަށްވާ އަނަބެލޭ: ކްރިއޭޝަން" އެވެ.

މީގެ ތެރެއިން ވެސް "ބަރީލޭ ކީ ބަރްފީ" އަށް އެންމެ ބޮޑު ބިރެއް އޮތީ "ޓޮއިލެޓް"ގެ ފަރާތުންނެވެ. މި ފިލްމު ވަނީ އަށް ދުވަސް ތެރޭ 100 ކްރޯޑު (10 ބިލިއަން ރުޕީސް) ހޯދައިގެން 100 ކްރޯޑު ކްލަބަށް ވަދެވުނު ފިލްމުތަކުގެ ލިސްޓުގައި ހިމެނިފަ އެވެ.

"ބަރޭލީ ކީ ބަރްފީ" އަކީ މިއަހަރު ނުކުތް ކްރީތީ ސަނަންގެ ދެ ވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ކްރީތީގެ ހަގީގީ ލޯބިވެރިޔާ ކަމަށް ވާހަކަ ދެކެވޭ ސުޝާންތު ސިންގް ރާޖްޕޫތާއެކު އޭނާ ކުޅުނު "ރާބްތާ" އެވެ. ކަން ދިމާކުރި ގޮތުން "ރާބްތާ"ވެސް ވަނީ ފްލޮޕް ވެފަ އެވެ. އަދި މި ފިލްމުވެސް ފްލޮޕް ނުވެ ސަލާމަތް ވާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.