19 އޯގަސްޓް 2017 - 16:08

ވޮޝިންޓަން (އޮގަސްޓް 19) - އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ގެނައުމަށް މިދިޔަ އަހަރު ކުރި ކެމްޕޭނުގެ އިސް މޭސްތިރިޔާ ސްޓީވް ބެނަން ވައިޓް ހައުސްގެ މުޝީރުގެ މަގާމުން ވަކިކޮށްފި އެވެ.

މަގާމުން ދުރުކުރި ނަމަވެސް ބެނަން ވަނީ ޓްރަމްޕުގެ އެޖެންޑާ ކުރިއަށް ގެންދިއުމުގައި އޭނާގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ވަނީ ކުރިން ވެސް މަސައްކަތް ކުރެއްވި ބްރެއިބާޓް ނިއުސްގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. އެ ނޫހުން ދަނީ ޓްރަމަޕުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދު ކުރަމުންނެވެ.
ޓްރަމްޕުގެ ކެމްޕޭން މެސެޖް "އެމެރިކާ ފަސްޓް" އެކުލަވާލި އުމުރުން 63 އަހަރުގެ ބެނަން އާއި ވައިޓް ހައުސްގެ އިސް އެހެން ސްޓާފުންނާ ދެމެދު ވަނީ މައްސަލަތައް ޖެހިފަ އެވެ. ޚާއްސަކޮށް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާގެ ފިރިކަލުން ޖާރެޑް ކުޝްނާ އާއި ބެނަންއާ ދެމެދު ވަނީ ޚިޔާލު ތަފާތުވުން ބޮޑުވެފަ އެވެ.
ބެނަން މަގާމުން ވަކިކުރުމާ ބެހޭ ގޮތުން ރައީސް ޓްރަމްޕް އެއްވެސް ބަޔާނެއް ދެއްވައިފައެއް ނުވެ އެވެ. އެކަން އިއުލާންކޮށްފައި ވަނީ ވައިޓް ހައުސްގެ ތަރުޖަމާން ސާރާ ހަބަކީ ސެންޑާސް އެވެ. އޭނާ ވަނީ ބެނަންގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާ އަދި ކާމިޔާބީ އަށް އެދިވަޑައިގެންފަ އެވެ.
ބެނަން މަގާމުން ދުރުކޮށްފައި ވަނީ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފުގެ މަގާމަށް ދާދި ފަހުން ހަމަޖެއްސި ޖޯން ކެލީ ކަމަށްވެ އެވެ.
ބެނަންގެ އިތުރުން ވައިޓް ހައުސްގެ އިސް މުވައްޒަފުން ތަކެއް ވަނީ ޓްރަމްޕުގެ ޓީމުން ވަކިވެފަ އެވެ. އޭގެ ތެރޭގައި:
- އެންތަނީ ސްކަރަމުޗީ، ކޮމިއުނިކޭޝަން ޑިރެކްޓަރު - 31 ޖުލައި
- ރެއިންސް ޕްރީބާސް، ޗީފް އޮފް ސްޓާފް - 28 ޖުލައި
- ޝޯން ސްޕައިސާ، ޕްރެސް ސެކްރެޓަރީ - 21 ޖުލައި
- މައިކް ޑުބްކޭ، ކޮމިއުނިކޭޝަން ޑިރެކްޓަރު - 30 މެއި
- މައިކަލް ފްލައިން، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު - 14 ފެބްރުއަރީ