19 އޯގަސްޓް 2017 - 14:05

އެމްޑީޕީގެ އެކްޓިވިސްޓު ނައީމާ މުހައްމަދު (ނައީމާއްތަ) ފުލުސް އޮފީހަށް އޮފީހަށް ހާޒިރުކުރާތީ "ފުލުސް އޮފީސް ކައިރިއަށް ވަޑައިގެން ދެއްވުން އެދި" އެމްޑީޕީން ކުރި ޓްވީޓަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ 60،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިިދިޔަ އަންގާރަ ދުވަހުގެ ހަވީރު "ފުލުސް އޮފީސް ކުރިމައްޗަށް އެއްވުމަށް" ގޮވާލި ގޮވާލުން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފު ކަމަށާއި އެހެންވެ އެ ޕާޓީ ޖޫރިމަނާކޮށް ހަތް ދުވަހުގެތެރޭގައި ފައިސާ ދެއްކުމަށް އަންގާ ކަމަށެވެ.
ފުލުސް އޮފީސް ކައިރީއަށް އެއްވުމަށް އެމްޑީޕީން ގޮވާލަމުން ދާތީ މީގެ ކުރިން ވެސް އެ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެެވެ. އެ ޝަކުވާތަކާ ގުޅިގެން އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށާއި އެކަން ތަކުރާރުވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އޭޕްރިލް މަހު އެމްޑީޕީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާނެ ކަމަށް އީސީން ބުންޏެވެ.
އީސީން ބުނީ ފުލުސް އޮފީސް ކުރިމައްޗަށް އެއްވާން ގޮވާލުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަމަލެއްކަަމަށް އެ ކޮމިޝަނުން ދެކޭ ކަމަށެވެ.
"ވީމާ، އިސްވެ ބަޔާން ކުރެވުނު ކަންކަމަށް ރިއާޔަތްކޮށް، ސިިޔާސީ ޕާޓީގެ ގާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ (2) އާއި ހަވާލާދީ، 60،000ރ. އިން ތި ޕާޓީ ޖޫރިމަނާކުރުމަށް މި ކޮޮމިޝަންގެ ބައްދަލުވުމުން ނިންމައި މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި ފައިސާ މި ކޮމިޝަނަށް ދައްކައި ހަލާސް ކުރެއްވުން އެދެމެވެ،" ސިޓީގައި ބުންޏެވެ.
އީސީގެ ސިޓީގައި ބުނާ ތާރީޚުގައި އެމްޑީޕީގެ ސެކްރެޓޭރިއޭޓުުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި އޮތީ "ނައީމައްތަ ފުލުސް އޮފީހަށް ހާޒިރުކުރާތީ ހަވީރު 4:30 ގައި ފުލުސް އޮފީސް ކައިރިއިށް ވަޑައިގެންދެއްވުން އެދެން" ކަމަށެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އީސީން އެ ބުނާ ކަހަލަ ޓްވީޓެއް އެމްޑީޕީން ކޮށްފައި ނުވާނެ ކަމަށާއި އެއީ ކޮން ޓްވީޓެއްގެ ވާހަކަ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުސް އޮފީސް ދޮރުމައްޗަށް އެއްވާން ގޮވާލައި އެ ޕާޓީން ޓްވީޓެއް ނުކުރާ ކަމަށެވެ.
"ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ލިބެންޖެހޭ ފައިސާ ދޫނުކޮށް ހިފަހައްޓަމުން ގޮސް މި އައީ އަނެއްކާވެސް ޖޫރިމަނާއެއް،" އަނަސް ވިދާޅުވި އެވެ.
ސަރުކާރާ އިދިކޮޅު ބޭފުޅުން އެކި މައްސަލަތަކުގައި ފުލުސް އޮފީހަށް ހާޒިރުކުރަމުން އަންނައިރު އެ ސަރަހައްދަށް އެއްވަން އެމްޑީޕީގެ ރަސްމީ ޓްވީޓާއިން ޓްވީޓު ކުރެ އެވެ. ނަމަވެސް ފުލުސް އޮފީހާ އެންމެ ކައިރި ހިސާބަކަށް ވެސް މީހުންނަށް އެއްވެ ތިބުމުގެ ފުރުސަތު ދެނީ އެމްއެމްއާ ހިސާބުގަ އެވެ.