ބޯޓިން އެވޯޑްސް ދިނުމުގެ ރަސްމިއްޔާތު ނޮވެމްބަރުގައި
ބޯޓިން އެވޯޑްސް ދިނުމުގެ ރަސްމިއްޔާތު ނޮވެމްބަރުގައި

ރާއްޖޭގެ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމިއްޔާތައް އިތުރަށް ވަރުގަދަކޮށް، ފުޅާ ކުރުމަށް ބާއްވާ މޯލްޑިވްސް ބޯޓިން އެވޯޑްސް ނޮވެމްބަރު މަހު ބާއްވަން ހަމަޖައްސައިފި އެވެ.

ޔުނިކާ ޕްރައިވެޓް ލިމިޓެޑާއި ލިވަބޯޓް އެސޯސިއޭޝަނުން އިންތިޒާމްކުރާ ބޯޓިން އެވޯޑު ފުރަތަމަ ބާއްވާފައި ވަނީ 2014 ވަނަ އަހަރެވެ. މެދުކެނޑުމަކަށް ފަހު ދެން ބޭއްވީ މިދިޔަ އަހަރެވެ. ޔުނިކާ އިން ބުނީ މެދުނުކެނޑި އެވޯޑް ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެވޯޑް ހަވާލުކުރުން އޮންނާނީ ނޮވެމްބަރު މެދުތެރޭގައި. ސީދާ ތާރީހެއް އަދި ހަމައެއް ނުޖައްސަން. ބާއްވާނެ ތަން ވެސް ފަހުން އިއުލާނު ކުރާނަން،" ބޯޓިން އެވޯޑްސްގެ މާކެޓިންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

މި އަހަރު އެވޯޑްގެ އެންމެ ބޮޑު ސްޕޮންސަރަކީ މިދިޔަ އަހަރު ވެސް މެއިން ސްޕޮންސަރުކަން ނެގި ގަލްފް ކްރާފްޓެވެ. ގަލްފް ކްރާފްޓަކީ ޔޫއޭއީ ކުންފުންޏެއް ނަމަވެސް، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފައިބަގްލާސް ލޯންޗް ބަންނަމުން އަންނަނީ ވެސް އެ ކުންފުނިންނެވެ.

ގަލްފް ކްރާފްޓުގެ އިތުރުން އެސޯސިއޭޓް ސްޕޮންސަރަކީ މިދިޔަ އަހަރު ވެސް އެސޯސިއޭޓް ސްޕޮންސަރުކަން ނެގި ވީއޭއެމްކޯ އެވެ. ވީއޭއެމްކޯ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކަނޑުދަތުރުފަތުރާ ބެހޭ ސާމާނު ވިއްކާ ކުންފުންޏެވެ. އިންޖީނުން ފެށިގެން، އޮޑިދޯނިފަހަރަށް ބޭނުންވާ ހުރިހާ ސާމާނެއް އެ ކުންފުނިން ގެންދަނީ ވިއްކަމުންނެވެ.

ބޯޓިން އެވޯޑަށް ކޯ-ސްޕޮންސަރުގެ ގޮތުގައި މި އަހަރު އަލަށް ގުޅިފައިވަނީ ދަ ހޯކްސް އެވެ. ހޯކްސް އަކީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ބަންކަރިންގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުގެ އިތުރުން ބޯޓުތަކަށް ތެލާއި ފެން ވެސް އެ ކުންފުނިން ސަޕްލައި ކޮށްދެ އެވެ. އަދި ބޯޓޫ ޔާޑު ހިދުމަތާއި، ބްރިކް ފެކްޓްރީއެއްގެ އިތުރުން ވެސް ގިނަ ހިދުމަތްތަކެއް ދެއެވެ.

"މިހާރު"ން އޮންލައިން މީޑިއާ ޕާޓްނަރުކަން ނަގާފައިވާ ބޯޓިން އެވޯޑްގެ އިތުރު ސްޕޮންސަރުންނަކީ، އައިލެންޑް ޗީފާއި، ޗަންޕާ ސެންޓްރަލް ހޮޓަލުގެ އިތުރުން ޕްރިންޓް ލެބާއި، ފާއިދު ފޮޓޯގްރަފީ އަދި ޗެނަލް 13 އެވެ. ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި ދިރާގުން ވެސް ވަނީ މި އަހަރުގެ އެވޯޑަށް ޓެލެކޮޕް ޕާޓްނަރުގެ ގޮތުގައި ގުޅިފަ އެވެ.

"ހާއްސަކޮށް ކުރީ އަހަރު ވެސް އަޅުގަނޑުމެންނާ އެކު މަސައްކަތް ކޮށްފައި، މި އަހަރު ވެސް އެ ކުންފުނިތަކުން އަޅުގަނޑުމެންނާ ގުޅެން ނިންމުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް. އުންމީދަކީ އަލަށް ގުޅުން ފަރާތްތަކުން ވެސް އަންނަ އަހަރުގެ އެވޯޑްސްގައި ބައިވެރިވާނެ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ. "އަޅުގަނޑުމެންނާ މި ގުޅުނީ ރާއްޖޭގައި އެ ކުންފުނިތަކުން ހިދުމަތްދޭ ދާއިރާތަކުގެ އެންމެ ތަޖުރިބާކާރު ކުންފުނިތަކުން. އޭގެން ވެސް، މި އެވޯޑަކީ ކިހާ ކާމިޔާބު އެވޯޑެއްކަން ހާމަވޭ."

އޭނާ ވިދާޅުވީ މި އަހަރުގެ އެވޯޑަށް 25 ކުންފުންޏަކުން ކުރިމަތިލާފައިވާ ކަމަށެވެ. އެ ކުންފުނިތަކަށް އޮންލައިންކޮށް ވޯޓްލުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ. މި މަހުގެ ނިޔަލަށް އޮންލައިންކޮށް ވޯޓް ލުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ އެވެ.

އެވޯޑު ދޭ ފަރާތްތައް ކަނޑައަޅަނީ ޖަޖުންގެ 60 ޕަސެންޓް އަދި އޮންލައިން ވޯޓުން 40 ޕަސެންޓް ހިނަމައިގެންނެވެ. އޮންލައިންކޮށް ވޯޓް ލެވޭނީ އެ އިވެންޓްގެ ރަސްމީ ވެބްސައިޓް www.boatingawards.mv އިންނެވެ.