ހަސަދަ
ހަސަދަ

ބުދަ ދުވަހާ ގުޅޭ

ތަނުގެ ތެރެޔަށް ވެރިވެފައިވަނީ އަޖައިބެއް ކަހަލަ އުދާސްކަމެކެވެ. ހީވަނީ ހޫނު ދުވަހެއްގައި ދޮރުތައް ލައްޕައިގެން ތަނެއްގެ އެތެރޭގައި ތިބިހެންނެވެ. އެކަމަކު، އެ ރެޔަކީ ހޫނު ގަދަ ރެޔެއް ނޫނެވެ. ކޮޓަރީގެ ކުޑަދޮރު ވެސް ހުރީ ހުޅުވައިފައެވެ. ހައުލާ ކުކުރަން ފެށިއެވެ. ހީވަނީ ބަލިއެނދުގައި އޮތް މުސްކުޅި އަންހެނެއްހެންނެވެ.

"މަށަށް ތިހެން ނަހަދާށޭ،" ހައުލާ ވާހަކަދެއްކީ މުސްކުޅި އަޑަކުންނެވެ. "މަ ބޭނުމެއް ނޫނޭ މި ތަނަށް އަންނާކަށް."

ނާޒިމާ ބަލައިލީ ހަމީދަށެވެ. އޭނަ އިނީ ނިދިފައެވެ. އެ މަންޒަރު ރާޝިދަށް ވެސް ފެނުނެވެ.

"ދެން ވާނީ އެހެން،" ރާޝިދު މަޑުމަޑުން ބުންޏެވެ. "އަޅާލާނެކަމެއް ނެތް."

"ކަލޭމެން ދެ މީހުންގެ ގުޅުން ގޮސްފައޮތް ހިސާބު ކިޔައިދީބަލަ!" ރާޝިދު އެދުނެވެ.

"ހައުލާ" ޖަވާބެއް ނުދިނެވެ. އެ ވާހަކަދައްކަން އޭނަ ބޭނުން ނުވަނީއެވެ. އެހެންނަމަވެސް ރާޝިދު ދުލެއް ނުދިނެވެ. ކިޔަވަން ފެށިއެވެ. ހައުލާގެ އަތްފަޔަށް ބާރުއަރަން ފެށިއެވެ. ދަރިފުޅަށަށް ވާގޮތް ބަލަން ނާޒިމާއަށް ފަސޭހައެއް ނޫނެވެ. އެހެންވިޔަސް، އެއް އުނދަގުލުން ސަލާމަތްވުމަށް ޓަކައި އަނެއް އުނދަގުލަށް ޖެހުނީ ކެތްކުރާށެވެ. ހިތަށް ކިތަންމެ ތަދުވިޔަސް ވެހެވެ.

"ހުއްޓާލާ!" ހައުލާ އަމުރުކުރިއެވެ. "މި ކިޔައިދެނީއޭ. އެ ދެމަފިރިން ނިދާއިރު އަހަރެން މެދުގަ އޮންނަން. ނާޒިމާއަށް ލިބޭ ހިތްހަމަޖެހުމެއް ވިއްޔާ އަހަންނަށް ވެސް ލިބޭ. ހަމީދު ދާ ހުރިހާ ތަނަކަށް، ވަންނަ ހުރިހާ ތަނަކަށް އަހަރެން ވަންނަން. އިންސާނަކަށް ވީތީ އޭނަޔަށް ޖެއްސުންކުރާކަށް ނޫން. ހަމީދަކީ އަހަރެންގެ ފިރިމީހާއަށް ވީތީ. މި ގޭގަ އުޅޭ ސިހުރުވެރިޔާގެ އަތްދަށުން ވެސް އެ ދެކުދިން ކިތަންމެ ފަހަރަކު ސަލާމަތްކުރިން. ކާފަރަކަށް ވުރެ ނުބައި އިސްލާމެއް އެ ސިހުރުވެރިޔާއަކީ. އިސްލާކަމަށް ވުރެ ރަނގަޅު ކާފަރެއް އަހަންނަކީ. ތި ބުނަނީ ޖިންނިޝައިތާނުން އަބަދު ދޮގޭހަދާނީ. އިސްލާމުން އަބަދު ތެދު ބުނޭތަ؟"

އޭނަ ދެއްކީ ރަނގަޅު ވާހަކައެވެ. އެހެންނަމަވެސް އެ ވާހަކަތައް ހައުލާގެ ސިކުނޑީގައި ހަރުލައިފާނެތީ ނާޒިމާ ކަންބޮޑުވިއެވެ. ހަމީދަކީ ހައުލާގެ ބައްޕައެވެ. ޖިންނިއަކާއި ބައްޕަޔާ ދެމެދު ގުޅުމެއް އޮންނަކަން ދަރިންނަށް އެނގޭކަށް ނާޒިމާ ބޭނުމެއް ނޫނެވެ.

"ހައުލާ އެ ހުރިހައި ވާހަކަތައް ކިޔައިދޭއިރު އޭނައަށް ވެސް އެނގޭނެއްނު އޭނަގެ ބައްޕަގެ ޖިންނިއަންބެއް ހުންނަކަން،" ނާޒިމާ އެ ކަމާ ވަރަށް ޖެހިލުންވެ ހުރެ މަޑުމަޑުން ބުންޏެވެ. "އޭނަ ފަހުން އެ ވާހަކަ ދައްކައިފިއްޔާ ޔޯ؟ މަ ކިހާ ލަދެއް ގަންނާނެ."

"ހައުލާއަކަށް ނޭނގޭނެ އޭނައަށް ދެއްކެނީ ކޮން ވާހަކައެއްކަމެއް،" ރާޝިދު ވެސް މަޑުމަޑުން ބުންޏެވެ. "އެ ކަމާ ހާސްނުވޭ! ހައުލާ ފަހުން ހަނދާނެއް ނުހުންނާނެ. އެ ކަމާ ލަދުގަންނާނެކަމެއް ނެތް."

ޖިންނި އިތުރަށް ބުނި ގޮތުގައި ހަމީދާއި ނާޒިމާއާ ދެމެދު މާ ބޮޑު ލޯތްބެއް ނުވަތަ ކުލުނެއް ނޯވެއެވެ. އެއީ ވެސް ތެދެކެވެ. އިނދެގެން އުޅުނެއްކަމަކު ހަމީދަކީ މާ ގާތް ގުޅުމެއް ބާއްވާ މީހެއް ނޫނެވެ. ހަމީދަކީ ފިރިއެކެވެ. ކުދިންގެ ބައްޕައެވެ. އަސާސީ ހުރިހައި ބޭނުމެއް ފުރިހަމަކޮށްދެއެވެ. ކާންބޯން ދެއެވެ. އަންނައުނު ދެއެވެ. ބަލިވީމައި އެހީތެރިވެއެވެ. އެ ނިމުނީއެވެ. ނާޒިމާއާ އެކުގައި ކުޑަކުޑަ ވަގުތުކޮޅެއް ހޭދަކުރަން ވިޔަސް ހަމީދަށް އެ ކަން އޮންނަނީ ބޮޑު ބުރައަކަށް ވެފައެވެ. ހަމީދު ހީވާނީ ފިރިއެއްގެ ވަޒީފާ އަދާކުރާ މުވައްޒަފެއް ހެންނެވެ. ކަންތައް ކޮށްދިނުން ހުންނާނީ އަކުރުން އަކުރަށް ފިލިން ފިއްޔަށެވެ. ރާޝިދު ކުރިމަތީގައި ނާޒިމާ ބޭޒާރުވަމުންދިޔައެވެ. ދެމަފިރިންގެ ސިއްރުތައް ހާމަވަމުންދިޔައެވެ.

"ނާޒިމާ ގާތުގަ އަހާބަލަ ކިހިނެއްހޭ ދެމަފިރިން ނިދަންތިބެނީ؟" ޖިންނި ސުވާލެއް ކުރިމަތިކުރިއެވެ. "އެމީހުން ތިބޭނީ ދެ ބުރިކަށި ޖައްސައިގެން. އެ ދެމެދުގަ ހުންނާނެ ފާރެއް. އަހާބަލަ ކީއްވެގެންތޯ ދެމަފިރިންގެ ދެމެދުގަ ހަމީދު ބާލިހެއް ބާއްވަނީ؟ އެއީ އަހަރެންގެ ޖާގަ. ބާރުހުއްޓަސް ދޫދީގެން އަހަރެން އުޅުނީ. ނާޒިމާ ލަދުގަންނަ ވަރުގެ ސިއްރުތައް އަހަންނަށް ކިޔައިދެވިދާނެ. ކެރޭނެތަ އަޑުއަހަން؟ ކިޔައިދޭންވީ؟"

ރާޝިދު އިތުރު ސުވާލެއް ނުކުރެއެވެ. ދެމަފިރިންގެ ސިއްރުތައް ހިފެހެއްޓުމަށް ޓަކައެވެ. އޭނަ ތެދުބުނާކަން ވެސް ރާޝިދު ޖެހުނީ ގަބޫލުކުރާށެވެ.

"ތިހާ ރަނގަޅުކަމަށް ގަބޫލުކުރަންޏާ އިސްލާމްވާންވީނު،" ރާޝިދު ދަޢުވަތުދިނެވެ. "ކަލޭމެންގެ އުމުރު ކިތަންމެ ދިގަސް، ދެން ނެތްތާ ދުނިޔޭގަ އުޅެން މާ ގިނަ ދުވަހެއް. މުޅި އުމުރު ދުނިޔޭގެ އުފަލަށްޓަކާ ބޭކާރުކޮށްފަ ދަމުން އާޚިރަތް ހޯދިއްޖެއްޔާ ކޮންފަދަ؟ ދެ ދުނިޔެ ވެސް ލިބުނީ. ހުދު ފޮތިކޮޅެއްހާ ސާފުކޮށް ސުވަރުގެއަށް ވަންނަންވީ."

އޭނަ ވިސްނިއެވެ. އީމާންތެރިކަމަކީ، އޭގެ ވަގުތު ޖެހުމުން ހިތުން ޖާގަ ހޯދާ ނިޢުމަތެކެވެ. ފެތުރިގެންދާ ގަދަފަދަ އައްޔެކެވެ. ޖާގަ ކިތަންމެ ހަނިވިޔަސް، ދަނޑިވަޅު ކިތަންމެ ކުޑަ ނަމަވެސް އޭގެތެރެއިން ދެމިގަނެވޭ ފަދަ ނޫރެކެވެ.

"ތިހާ ބަލިކަށި މުސްކުޅިއަކު މަރާލުމަކީ އަހަންނަށް ލިބޭ އުފަލަކަށް ނުވާނެ،" ރާޝިދު ވަގުތުގެ ބޭނުން ހިފިއެވެ. "މިހާ ގިނަ ދުވަހު ދުނިޔޭގަ އުޅެފަ މަރުވެގެން ނަރަކަޔަށް ދިޔުމަކީ ކަލެޔަށް ވެސް ލިބޭނެ އުފަލަކަށް ނުވާނެ. ރަނުގެ ފުރުޞަތެއް މި ދެނީ. އިސްލާމްދީން ގަބޫލުކޮށް، ކަލޭމެންގެ ދުނިޔެއަށް ރުޖޫޢަވޭ. އެއީ ދެބައިމީހުންނަށް ވެސް ފައިދާހުރި ގޮތް."

އޭނަ އިސްލާމްދީން ގަބޫލުކުރިއެވެ. ދީނާ ބެހޭ ބައެއް މަޢުލޫމާތު ރާޝިދު ދިނެވެ. އެ ކަމަށްޓަކައި ރާޝިދަށް އޭނަ ޝުކުރުއަދާކުރިއެވެ.

"ދިޔުމުގެ ކުރިން އެއް ވާހަކަ ބުނެލާނަން،" އޭނަ އިތުރަށް ބުންޏެވެ. "ދައްކަން ބޭނުން ނުވާ ވާހަކައަކަށް ވީތީ ކުރިން ނުބުނީ. އަހަންނަކަށް ދަރިންނެއް ނުލިބޭ."

ހަމީދަށް ހޭލެވުނީ، އެ ރެޔަށް ރުޤްޔާ ނިންމައިލި ހިސާބުންނެވެ. ތަނުގެ ތެރޭގައި ވީނުވީއެއް ހަމީދަކަށް ނޭނގެއެވެ. އެއްވެސް މީހަކު އެ ވާހަކައެއް ނުދައްކައެވެ. ހަމީދު ނިދަން ދިޔުމުން ރާޝިދުގެ ފޯނުން ނާޒިމާގެ ފޯނަށް އެއްޗެއް ފޮނުވައިލިއެވެ.

"ތީ މިރޭ ލިބުނު އެއްޗެއް،" ރާޝިދު ބުންޏެވެ. "ނިދަން ތިބޭއިރު ޖަހާލާ! ހަމީދަށް ބަދަލެއް އަންނަންޏާ އެނގޭނެތާ."

ނިދަން އޮށޯތުމުގެ މާ ކުރިން ނާޒިމާއަށް ޔަގީންކަން ލިބުނެވެ. ހަމީދުގެ މިޒާޖަށް ބަދަލުތަކެއް އަތުވެއްޖެކަމެވެ. ދެމަފިރިންގެ ދެމެދުގައި ހަމީދު ބާލީހެއް ނުބޭއްވީމައެވެ. އެހެންވިޔަސް ރާޝިދު ދިން އެތި ނާޒިމާ އިއްވައިލިއެވެ. ކުރިން އައި ކަހަލަ އެއްވެސް ބަދަލެއް ހަމީދަކަށް ނައެވެ. ނިއްވައިލާކަށް ވެސް ނުބުނެއެވެ. އެ ހިސާބަކުން ވެސް ނާޒިމާ ނިންމައެއް ނުލިއެވެ. ވަރަށް ދުރުދުރުން އެކިއެކި ވާހަކަދައްކަމުން ގޮސް ބޭނުންވި ސުވާލު ހުށައެޅިއެވެ.

"އަހަރުމެން ދެމަފިރިން އެއްކޮށް އުޅޭތާ މިހާ ގިނަ ދުވަސްވީމަ އަހަރެންގެ ހިތުގަ އުފެދޭ ސުވާލެއް އަހާލާނަން،" ނާޒިމާ ހުރީ އެ ކަމަށް ތައްޔާރުވެގެންނެވެ. "އަހަރެން ނޫން މީހެއްދެކެ ހަމީދު ލޯބިވިންތަ؟ އެހެން އަންހެނަކާ ދޭތެރޭގަ ދުވަހަކު ވެސް ވިސްނިންތަ؟"

"ވަރަށް ކުޑައިރުއްސުރެ ހުވަފެނުން އަހަންނަށް ފާޑެއްގެ އަންހެނަކު ފެނޭ،" ހަމީދު ވިސްނައިލައިފައި ބުންޏެވެ. "ވަރަށް ރީތި އަންހެނެއް އެއީ. ދިގުދިގު އިސްތަށިގަނޑެއް އޮންނާނެ. ބައެއް ފަހަރު ހީވާނެ ލޯކުރިމައްޗަށް ފެންނަހެން ވެސް. ހުވަފެނުން މުޅީން ވެސް ފެންނާނީ އޭނަޔާ އިނދެގެން އުޅޭތަން. އެކަމަކު ވަރަށް ހެއްވާ. އަހަންނަކަށް އޭނަ މާ ކަމަކުނުދޭ. އަބަދު ވެސް ހުވަފެނުން ފެންނާނީ އޭނަ ކައިރިން ސަލާމަތް ނުވެވިގެން އުޅޭތަން. އެ ކަމަކާހެދި ކަންނޭނގެ މީހަކާ ނީނދެ ތިރީސް ފަސް އަހަރު ވަންދެން މަށަށް އުޅެންޖެހުނީ. އަދި ބުނެފާނަން އެހެން ވާހަކައެއް. މި ރެއަކީ އަހަރެންގެ ބޮލަށް ވަރަށް ލުއިވެފަ ހުންނަ ރެއެއް. ނޭނގެ ކީއްވެކަމެއް. ރުޤްޔާކުރި ތަނަށް ގޮސް ނިދުނީމަ ކަންނޭނގެ."

ހަމީދު ސަލާމަތް ކުރެވުނީމައި އެ ވާހަކަ މާ ދިގުކޮށް ދައްކާކަށް ނާޒިމާ ބޭނުމެއް ނުވިއެވެ. ކަންތައްވީ ގޮތް ހަމީދަށް ކިޔައެއް ވެސް ނުދެއެވެ. ވަރަށް އަރާމުކޮށް އެ ރޭ ނާޒިމާއަށް ނިދުނެވެ.

ހަމީދު ރަނގަޅުވުމުން ނާޒިމާއަށް އިތުރު ހިތްވަރެއް ލިބުނެވެ. އޭގެ ފަހުން، ހަމީދަށް ވަގުތުވީ ވަރަކުން ހަމީދު ވެސް ރުޤްޔާކުރާ ތަނަށް ވަދެއެވެ. އެހީތެރިކަން ދިނެވެ. ރުޤްޔާ ކުރީމަ ހައުލާއަށް ލުއިވެއެވެ. އެކަމަކު، އޭނައަށް ބަދަލު އަންނަމުންދިޔައީ ވަރަށް މަޑުމަޑުންނެވެ. ގިނަ ވަގުތު ހައުލާ ހުންނަނީ ނެގިމަޑުވެފައެވެ. ޚަރަކާތް ލަސްވެ، ފިކުރަކަށް ގެއްލިފައެވެ. އޭނަ ކޮށްފަނުކުރާނީ ކޮންކަމެއް ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ކުޅިވަރަކަށް ނުވަތަ ސަމާސައަކަށް ހަދައިފައި ކޮންމެ ފަދަ ކަމެއް ވެސް ކުރާކަށް ހައުލާ ޖެހިލުމެއް ނުވެއެވެ. ތޫނު އެއްވެސް އެއް×ޗެއް ހައުލާ އަތުޖެހޭ ހިސާބަކު ނުބެހެއްޓެއެވެ. އަތުޖެހިއްޖެއްޔާ ގައިގެ އެތައްމިތަނުގައި ވަޅި އަޅައެވެ. އެއް ބޭނުމަކީ އަމިއްލަ ގައިގައި ލަކުނުލެއްވުމެވެ. ސިފަ ހުތުރުކުރުމަށް ޓަކައެވެ. އެއީ ސިހުރުވެރިޔާގެ އަމާޒެކެވެ. އަނެއް ބޭނުމަކީ ހަށިގަނޑު ތެރެއަށް ޖިންނިއަށް ވަދެވޭނެ "ދޮރުތައް" ކެނޑުމެވެ. ފަސޭހަކޮށްދިނުމެވެ.

ހުކުރުވަގުތަކީ ގެއިން ފިރިހެނުން ހުސްވާ ވަގުތެކެވެ. ގެއަށް ފަޅުކަމެއް ވެރިވާ ވަގުތެކެވެ. އެ ފަދަ ހުކުރުދުވަހެކެވެ. ނާޒިމާ އުޅުނީ ކެއްކުމުގެ މަސައްކަތުގައެވެ. އެ ގަޑީގައި ހުރިހައި ވަޅިތަކެއް ހައުލާއަށް ފޮރުވުމުގައި އިތުރު ސަމާލުކަމެއް ދޭން ޖެހެއެވެ. ކޮޓަރީގައި ހައުލާ އުޅޭތޯ އިރުއިރުކޮޅާ ބަލަންޖެހެއެވެ. އެއީ، ނާޒިމާއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. ގެންގުޅޭ ވަޅި ފެންނަ ގޮތަށް ބާއްވައިފައި އެހެން ކަންކަން ކުރަންދެވުމަކީ ނާޒިމާ އާދަވެފައި ހުންނަ ކަމެކެވެ. ނާޒިމާ ބަލަނީ ދާ ކޮންމެ ތަނަކަށް ވަޅި ގެންދެވޭތޯއެވެ. ފަތް ކޮށަން ހުއްޓައި ދޮރުގައި ޓަކިދިން އަޑު އިވުނެވެ. އޭރު ހުކުރު ނަމާދު ކުރަން ފަށައިފިއެވެ. ނާޒިމާއަށް ދެވުނީ ވަޅި ބާއްވައިފައެވެ. ދޮރު ހުޅުވައިލިއިރު މީހަކު ފެންނާކަށް ނެތެވެ. ލަސްވެގެން އެ މީހަކު ދިޔައީއެވެ. ނުވަތަ ޓަކިޖެހި އަޑު އިވުން އެއީ ނާޒިމާއަށް ހީވި ގޮތެވެ. އަލުން ދޮރު ލައްޕައިފައި އައިއިރު ވަޅިއެއް ނެތެވެ. ނާޒިމާގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ހައުލާގެ ކޮޓަރިއާ ދިމާއަށް ބަލައިލިއިރު ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ތަދު އިހުސާސްކުރާ ކަހަލަ ރާގަކަށް ހައުލާ ރޯން ފެށި އަޑު އިވުނީ ވެސް އެ ވަގުތުއެވެ. ހުރެވުނު ތަން ވެސް ނާޒިމާއަކަށް ނޭނގުނެވެ.

ނުނިމޭ