19 އޯގަސްޓް 2017 - 12:30

ލަންޑަން (އޮގަސްޓް 19) - އެފްރިކާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ ނައިޖީރިއާގެ އަލީކޯ ޑަންގޯޓޭ އާސެނަލް ގަންނަން އަނެއްކާ ވެސް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ފޯބްސް މެގަޒިން އިން މި އަހަރު ނެރުނު އެންމެ މުއްސަނދި މީހުންގެ ލިސްޓުން ޖާގަހޯދާފައިވާ އަލީކޯގެ ބައިތުލްމާލުގައި 12.5 ބިލިއަން ޑޮލަރު އެބަހުއްޓެވެ. ރިޕޯޓްތައް ބުނާގޮތުގައި މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަނީ ގަތަރުގެ އެހީގައި އެފްރިކާގެ އެންމެ ބޮޑު އޮއިލް ރިފައިނަރީ ނައިޖީރިއާގައި ބެހެއްޓުމަށެވެ. އެއާ އެކު އޭނާ އަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ގަދަ 20ގެ ތެރެއިން ޖާގަ ލިބޭނެކަމަށް ފޯބްސް އިން ލަފާކުރެ އެވެ.
އަލީކޯ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އާސެނަލް ގަންނަން މަޝްވަރާ ކޮށްފަ އެވެ. އެހެން ނަމަވެސް އޭރު އާސެނަލްގެ ވެރިން މަޝްވަރާ ކުރަން ވެސް ބޭނުމެއް ނުވި އެވެ. އެހެން ނަމަވެސް މި ފަހަރު އޭނާ އާސެނަލް ގަންނަން ހުށަހަޅާނީ އެ ކްލަބްގެ ވެރިންނަށް ފުރަގަސްދޭން ނުކުރޭނެ ވަރުގެ އަގެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"އަހަންނަށް ޔަގީން މި ފަހަރު އަހަރެން ހުށަހަޅާ އަގަށް ނޫނެކޭ އެމީހުން (އާސެނަލްގެ ވެރިން) ނުބުނާނެކަން. އަހަރެންގެ އަމާޒަކީ އާސެނަލަކީ ވެސް ޔޫރަޕްގެ ވަރުގަދަ ބާރަކަށް ހެދުން،" އަލީކޯ ބުންޏެވެ.
އާސެނަލްގެ މައިގަނޑު ދެ ހިއްސާދާރުންނަކީ 33 ޕަސެންޓްގެ ހިއްސާ ގަނެފައިވާ އުޒްބެކިސްތާނަށް އުފަން ރަޝިއާގެ ވިޔަފާރިވެރިޔާ އަލީޝާ އުސްމާނޯފާއި 66 ޕަސެންޓް ހިއްސާ އޮންނަ އެމެރިކާގެ ބިލިއަނަރު ސްޓެން ކްރޮއެންކާ އެވެ.
މި ސީޒަނަކީ އާސެނަލްގެ ކޯޗު އާސެން ވެންގާ 1996 ވަނަ އަހަރު އެ ޓީމާ ހަވާލުވިފަހުން އެ ޓީމަށް ޗެމްޕިއަންސް ލީގުން ޖާގަ ގެއްލުނު ފުރަތަމަ އަހަރެވެ. އަލީކޯ ބުނީ އޭނާގެ ވިސްނުމަކީ ވެންގާ ނޫން މީހަކަށް ފުރުސަތު ދިނުމަށް ކަމަށެވެ.
"ކްލަބް ގަތުމަށް ފަހު އަހަރެން ފުރަތަމަ ކަމަކަށް ކުރާނެ ކަމަކީ ކޯޗު (ވެންގާ) ބަދަލުކުރުން. ވެންގާ ވަނީ އާސެނަލަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައި. އެކަމަކު ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮންނަންވާނެ. މިއީ ވެންގާ ކްލަބް ދޫކޮށްދާންވީ ވަގުތު،" އަލީކޯ ބުންޏެވެ.
ޕްރިމިއާ ލީގުގައި މި ފަހަރު އާސެނަލް ކުޅުނު ފުރަތަމަ މެޗުން ލެސްޓާ ސިޓީ އަތުން ވަނީ 4-3 އިން މޮޅުވެފަ އެވެ. މިރޭ އެ ޓީމު ކުޅޭ ދެ ވަނަ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ސްޓޯކް ސިޓީއާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.