ތިނަދޫ ހުރިހާ ގޮތަކުން ވެސް ތަފާތު: ނިޒާމްބެ
ތިނަދޫ ހުރިހާ ގޮތަކުން ވެސް ތަފާތު: ނިޒާމްބެ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ދ. ކުޑަހުވަދޫ އަތުން 6-1 އިން މޮޅުވި ނަމަވެސް މިއަދު ހަވީރު ގދ. ތިނަދޫއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުކުރާނެ ކަމަށާއި ތިނަދޫ އަކީ ހުރިހާ ގޮތަކުން ވެސް ތަފާތު ޓީމެއް ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ފުރަތަމަ މެޗުން ނިއު ރޭޑިއަންޓް އަތުން 3-1 އިން ބަލިވި ނަމަވެސް ޓީސީ މިވަނީ އެންމެ ފަހުން ހޯދި މޮޅާ އެކު އަލުން ފޯމަކަށް އެޅިފަ އެވެ. ނިޒާމްބެ ބުނީ ކުރީ މެޗުގައި ގިނަ ލަނޑުތަކެއް ޖެހުނު ނަމަވެސް މިއަދު ފެންނާނީ ވާދަވެރި މެޗެއް ކަމަށް ލަފާކުރާ ކަމަށެވެ.

"ހަގީގަތުގައި މި މެޗުގެ ތަފާތުވޭ. ވާގޮތަކީ މި ޓީމުގެ ނަން ތިނަދޫގައި އޮތަސް ގިނަ ކުޅުންތެރިންނަކީ މާލޭ ލީގުގައި ކުޅުނު ކުޅުންތެރިން. އެ ކުޅުންތެރިންނަށް އެނގޭނެ ޓީސީގެ ކުޅުން ވެސް. އަނެއްކާ ކޯޗެއްގެ ހައިސިއްޔަތުން ވެސް އެއީ އަޅުގަނޑު ވެސް ދަންނަ ކުޅުންތެރިންތަކެއް. އެހެންކަމުން ކުރީ މެޗާ މި މެޗު ވަރަށް ތަފާތު. މިއީ ކޮމްޕެޓިޓިވް މެޗަކަށް ވާނެ. އަނެއްކާ ތިނަދޫގެ ބޭރު ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް ވެސް ރަނގަޅު. ގައިމު ވެސް ޓީސީގެ ކުޅުންތެރިން ސީރިއަސްވާނެ މި މެޗުގައި،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތައް އެއައީ ރާއްޖޭގެ އެކިކަންކޮޅުތަކުން ޓީމުތައް ބަލިކޮށްފައި ކަމަށާއި އެހެންކަމުން އެ ޓީމުތަކަށް ފުރިހަމައަށް އިހުތިރާމްކުރަން ޖެހޭ ކަމަށެވެ.

"މި ޓީމުތައް ލީގަށް މި އައީ މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުން ހުރިހާ ޓީމެއް ބަލިކޮށްފައި. އެހެންވީމާ އެ ހިސާބުން ބަލަން ޖެހޭނީ އެއީ ވަރުގަދަ ޓީމުތަކެއްގެ ގޮތުގައި. އަނެއްކާ ކުރިން ފާހަގަކުރިގެން މިއީ ސީދާ ތިނަދޫއެއް ވެސް ނޫން. މާލޭ ލީގުގައި ކުޅެފައި ތިބި ވަރުގަދަ ކުޅުންތެރިން ތިބީ. މި ހަތަރު ޓީމުގެ ތެރެއިން އެންމެ ވަރުގަދަ ޓީމު ތިނަދޫ އަކީ،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ ކުރީ މެޗުގައި ގިނަ ލަނޑުތަކެއް ޖެހައި އެޓޭކިން ކޮމްބިނޭޝަން ރަނގަޅުވުމަކީ ލިބުނު ހިތްވަރެއް ކަމަށާއި ޓީސީގެ އެންމެ ބޮޑު ސްޓްރެންތަކީ ވެސް އެއީ ކަމަށެވެ.

ތިނަދޫގެ ކޯޗު ސްޕެއިނުގެ މާޓިނޭޒް ހުއާން މެނުއަލް ބުނީ ޓީސީ އަކީ އެޓޭކް ވަރުގަދަ އަދި ގިނަ ލަނޑުތަކެއް ޖަހާފައިވާ ޓީމެއްކަން އެނގޭ ކަމަށާއި އެކަމަކު މި މެޗު ފަށާއިރު ސްކޯބޯޑުގައި އޮންނާނީ 0-0 ކަމަށެވެ.

"ތިނަދޫ އިން މި މެޗުގައި ދައްކައިދޭނެ ވާދަވެރި ކުޅުމެއް. ތިނަދޫން މި މެޗުގައި ދޭނެ އަސްލު ފައިޓެއް. ރަނގަޅު، ޓީސީ އަކީ މޮޅު ޓީމެއް. އެޓޭކް ވަރަށް ވަރުގަދަ. އެކަމަކު ތިނަދޫ އޮތީ އެކަމާ ކުރިމަތިލާން ތައްޔާރަށް. ފަހަރެއްގައި މިހާރު ތިނަދޫ ޓީމާ މެދު އެއްވެސް ބަޔެއްގެ އިތުބާރެއް ނޯވެދާނެ. އެކަމަކު އަހަރެމެންގެ މަސައްކަތުން އެ އިތުބާރު ހޯދާނަން،" އޭނާ ބުންޏެވެ.