ފައިސާގެ މައްސަލައެއްގައި އެންޖެލީނާ ޖޮލީ އާއި ބްރެޑް ޕިޓަށް ދައުވާކޮށްފި
ފައިސާގެ މައްސަލައެއްގައި އެންޖެލީނާ ޖޮލީ އާއި ބްރެޑް ޕިޓަށް ދައުވާކޮށްފި

ވަރީގެ މައްސަލަ ކޯޓްގައި އޮތް ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އެންޖެލީނާ ޖޮލީ އާއި ބްރެޑް ޕިޓް ފްރާންސްގެ ޕްރޮވެންސުން 2010 ގައި ގަތް ގޭގެ ލައިޓިން ހަދައިދިން އޮޑިލް ސައުންޑަންޓަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެ ދެ މީހުންނާ ދެކޮޅަށް އެ ކުންފުނިން ދައުވާކޮށްފި އެވެ.

އޮޑިލް އިން ބުނި ގޮތުގައި ކުރި މަސައްކަތުގެ އުޖޫރައެއްގެ ގޮތުގައި 565،000 ޔޫރޯ އެ ކުންފުންޏަށް ލިބެން ޖެހެ އެވެ. އަދި އެ ފައިސާ ނުލިބި ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، މާލީ ގޮތުން ކުންފުންޏަށް ވެސް ދަތިތައް ދިމާވެފައިވާ ކަމަށް ބުންޏެވެ.

"މިކަމާ ގުޅިގެން އެ ދެ މީހުންގެ މައްޗަށް ދައުވާކުރަން ނިންމުމުގެ ކުރިން ވަރަށް ގިނަ ފަހަރު މަތިން އެދިފައި ވާނެ އިންވޮއިސްތަކަށްވާ ފައިސާ ދައްކައި ހަލާސްކުރުމަށް. އެކަމަކު އެ މީހުންގެ ފަރާތުން މިކަމަށް އެކަށީގެންވާ އިޖާބައެއް ލިބިފައެއް ނެތް،" ޑިޒައިނަރު އޮޑިލް ބުންޏެވެ.

މިކަމާ ބެހޭ ގޮތުން ޕިޓްގެ ތަރުޖަމާން ބުނީ އިންވޮއިސްތަކެއްގެ މައްސަލާގައި ދައުވާ ކުރާ އިރު، އެއީ މިހާރު ޕިޓާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ.

"ޕްރޮވެންސްގައި ހުރި ކަމަށް ބުނާ އެ ގެއަކާ ޕިޓަކާ މިހާރަކު އެއްވެސް ގުޅުމެއް ނެތް،" އޭނާ ބުންޏެވެ.