18 އޯގަސްޓް 2017 - 19:53

މާލޭގައި އަންހެނަކު ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ، ބިދޭސީއެއްގެ ގައިގައި ޖެހި މިއަދު އަނިޔާވެއްޖެ އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ބޮޑުރަސްގެފާނު މަގުގެ ޕާކިން ޒޯނުގައި ހުރި ސައިކަލަކަށް އަރައިގެން މީހަކު ނައްޓާލި ތަނުން ކޮންޓްރޯލް ނުވެ ގޮސް، ބިދޭސީއެއްގެ ގައިގައި ޖެހިފައިވާ ކަމަށެވެ.
މިއަދު ހެނދުނު ހިނގި ހާދިސާގައި އަނިޔާވި މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު، މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ސައިކަލް ސްޓާޓްކޮށްގެން ނައްޓާލިތަނާ ކޮންޓްރޯލް ނުވެ އެކަން ހިނގީ. އެ ހާދިސާގައި އެތަނުގެ ކައިރީގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި ބިއްލޫރިގަނޑު ތަޅައިގެން ދިޔަ،" އޮފިޝަލް ވިދާޅުވި އެވެ.
އެ ހާދިސާގައި ސައިކަލް ދުއްވި އަންހެން މީހާއަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.