އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނަވާޒް ޝަރީފް ހާޒިރުކުރަނީ
އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނަވާޒް ޝަރީފް ހާޒިރުކުރަނީ

ލާހޯރު (އޮގަސްޓް 18) - ޕާކިސްތާނުގެ އެންޓި ކޮރަޕްޝަން ކޮމިޝަން ނުވަތަ ނޭޝަނަލް އެކައުންޓިބިލިޓީ ބިއުރޯ (އެންއޭބީ) އަށް ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް އާއި އެމަނިކުފާނުގެ ފިރިހެން ދެ ބޭފުޅުން ހާޒިރުވާން އަމުރު ނެރެފި އެވެ.

ލާހޯރުގައި ހުންނަ އެންއޭބީގެ އޮފީހަށް މި މަހު 23 ގެ ކުރިން ނަވާޒް ޝަރީފް ހާޒިރު ވާން އެންގީ ޕެނަމާ ޕޭޕާސް އިން ލީކުކުރި މައުލޫމާތާ ގުޅިގެން ނަވާޒް ޝަރީފުގެ އާއިލާގެ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ މައްސަލަތަކާ ބެހޭ ގޮތުން ސުވާލު ކުރުމަށެވެ. ބޮޑު ވަޒީރުކަމުގެ މަގާމުގައި ނަވާޒް ޝަރީފު ހުންނެވުމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް މިދިޔަ މަހު 28 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނިންމީ މި މައްސަލައާ ގުޅިގެންނެވެ. ކޯޓުގެ ހުކުމަށް ފަހު ނަވާޒް ޝަރީފު ވަނީ އެ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ. ޕާކިސްތާނުގެ އެންމެ މަތީ ކޯޓުގެ އަމުރުގައި ވަނީ ނަވާޒް ޝަރީފުގެ އާއިލާގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަނުގެ މައްސަލަތައް އެންއޭބީ އިން ބެލުމަށް އަންގައިފަ އެވެ.

ނަވާޒް ޝަރީފުގެ އާއިލާގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލީ ޖޮއިންޓް އިންވެސްޓިގޭޝަން ޓީމުންނެވެ.

އެންއޭބީ އަށް ހާޒިރުވުމާ މެދު ނަވާޒް ޝަރީފް އަދި ވަކި ގޮތެއް ނުނިންމަވަ އެވެ. ޕީއެމްއެލް-އެންގެ އޮފިޝަލަކު ވިދާޅުވީ އެންއޭބީގެ ތަހުގީގުގައި އިންސާފު ލިބިދާނެ ކަމަށް ނަވާޒް ޝަރީފް ގަބޫލް ނުކުރައްވާ ކަމަށެވެ. އަދި އެންއޭބީގެ ތަހުގީގު ސުޕަވައިޒް ކުރުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހަރަކާތްތެރިވާ އިރު ނަވާޒް ޝަރީފާ ދެކޮޅަށް ހަރުކަށި އިތުރު އަދަބެއް ދިނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.