19 އޯގަސްޓް 2017 - 07:27

"ޖަންނަތު 2" އާއި "ރާޒް 3" ފަދަ ފިލްމްތައް ކުޅެފައިވާ ބޮލީވުޑްގެ ބަތަލާ އީޝާ ގުޕްތާ މުމްބާއީގައި ރެސްޓޯރަންޓެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އެކަން ކަށަވަރުކޮށް ދިން ނަމަވެސް، އީޝާ ވަނީ އެކަމާ ބެހޭ އިތުރު ތަފުސީލަކަށް ދާން އިންކާރުކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން 31 އަހަރުގެ ބަތަލާ ރެސްޓޯރަންޓެއް ހުޅުވަނީ އޭނާގެ ދެ އެކުވެރިއަކާ ހިއްސާވެގެންނެވެ. އަދި މި ރެސްޓޯރަންޓް މި އަހަރުގެ ފަހުކޮޅު ހުޅުވާނެ އެވެ.
ދެހާސް ބާރަ ވަނަ އަހަރު އިމްރާން ހާޝިމީއާ އެކު "ޖަންނަތު 2" އިން ބޮލީވުޑަށް ނިކުތް ނަމަވެސް، އީޝާ އަށް މިހާތަނަށް ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނެތެވެ. އަދި އޭނާ ގިނައިން ކުޅެފައި ހުރީ ވެސް މަލްޓި ކާސްޓިން ފިލްމްތަކެވެ.
އޭގެ ތެރޭގައި ހަމްޝަކަލްސް (2014) އަދި ރުސްތުމް (2016) ހިމެނެ އެވެ.
ހޮލީވުޑްގެ ބަތަލާ އެންޖެލީނާ ޖޯލީއާ ވައްތަރު ގޮތެއް ހުންނަ އީޝާގެ ކުރިއަށް އޮތް ފިލްމަކީ ވެސް ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ. އެއީ އަންނަ މަހުގެ އެކެއްގައި ރިލީޒް ކުރާ "ބާދްޝާހޯ" އެވެ.
އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި އަޖޭ ދޭވްގަން، އިލިއާނާ ޑި ކްރޫޒް، އިމްރާން އަދި ވިދުޔަތު ޖަމްވަލް ފާހަގަކޮށްލެވެ އެވެ.