18 އޯގަސްޓް 2017 - 07:33

މިހާރު ވެސް ޓީމަށް އިތުބާރު ލިބިއްޖެ ކަމަށާއި ޕޮއިންޓްތަކެއް ގެއްލިގެން ދިޔަކަށް ނުދޭނެ ކަމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދ. ކުޑަހުވަދޫއާ ދެކޮޅަށް ނުކުންނަ އއ. މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުނެފި އެވެ.
ފުރަތަމަ މެޗުން ގދ. ތިނަދޫ އަތުން 1-0 އިން މާޅޮސް ބަލިވިއިރު ފަހު މެޗުގައި ށ. މިލަންދޫއާ ފަހު ވަގުތު 2-2 އިން އެއްވަރުވީ އެވެ. އެކަށީގެންވާ އަދަދަކަށް ޕޮއިންޓް ނުލިބި ކުރިއަށްދާ ނަމަ ކުޅުންތެރިންގެ ހިތްވަރު ދޫވެދާނެތީ ކުޅުންތެރިންގެ މޯޓިވޭޝަން ހިފަހައްޓަން ކިހާ ވަރަކަށް މަސައްކަތްކުރާނެތޯ އެހުމުން ނިޝްތާރު ބުނީ ޕޮއިންޓްތަކެއް ގެއްލުނަކަށް ނުދޭނެ ކަމަށެވެ.
"މިހާރު ވެސް ޓީމަށް އިތުބާރު ލިބިއްޖެ. އެންމެ ފަހުން ކުޅުނު މެޗުގައި ވެސް 80 ވަނަ މިނެޓާ ހަމައަށް ވަރަށް ރަނގަޅަށް ކުޅުނު. އެ މެޗުގައި ވެސް ވީ ގޮތަކީ މެދުތެރެއަށް ކުޅުނު ކުޅުންތެރިއާ ފަހުން ބާލަން ޖެހުމުން ދަށްވެގެން ދިޔައީ. މެޗަކަށް ފަހު މެޗެއް މިދަނީ އިތުބާރު ހޯދައި ރަނގަޅުކުރަމުން. އަޅުގަނޑުމެން ޕޮއިންޓްތަކެއް ގެއްލުނަކަށް ނުދޭނަން،" ނިޝްތާރު ބުންޏެވެ.
ނިޝްތާރު ބުނީ އެންމެ ބޮޑު މައްސަލައަކީ ފިޓްނަސް ދަށްވުން ކަމަށާއި އެކަމަކު މުބާރާތް ކުރިއަށްދާއިރު އެކަމަށް އެކަށީގެންވާ ވަގުތެއް ނުލިބޭ ކަމަށެވެ. ސަބަބަކީ ޓީމުގެ ޓެކްޓިކްސް އަށް މަސައްކަތްކުރަން ޖެހުމެވެ. އެކަމަކު މިހާރު ވެސް ކުރިއަށް ވުރެ ފިޓްނަސް ރަނގަޅުވެއްޖެ ކަމަށް އޭނާ ބުންޏެވެ.
ކުޑަހުވަދޫ ޓީމުގައި މުޅިން ވެސް ތިބީ މިނިވަން ޗެމްޕިއަންޝިޕުގައި ކުޅުނު ކުޅުންތެރިންނެވެ. އެކަމަކު މާޅޮހަށް ވަނީ ފުރަތަމަ ޑިވިޝަނުގެ ބައެއް ކުޅުންތެރިން ގެނެސްފަ އެވެ. ނިޝްތާރު ބުނީ އެހެން ވިޔަސް މިހާރު ވެސް މާޅޮހުގައި އެ ރަށަށް ނިސްބަތްވާ ހަ ކުޅުންތެރިން އެބަތިބި ކަމަށާއި އެހެންކަމުން މިއީ ހަމަ އެ ރަށު ޓީމެއް ކަމަށެވެ.
"ސީދާ ރަށަށް ނިސްބަތްވާ ޓީމުގެ ޓެގް ލިބެން ޖެހޭނީ މާޅޮހަށް،" ނިޝްތާރު ބުންޏެވެ.
އޭނާ ބުނީ ކުޑަހުވަދޫ ޓީމު އެއްކޮށް ފަރިތަކުރާތާ ހަތަރުމަސް ވެއްޖެ ކަމަށާއި އެހެންވެ އެ ޓީމުގެ ތައްޔާރީތައް ފުރިހަމަ ވާނެ ކަމަށެވެ. އެކަމަކު މިއީ ދައްކާ އުޒުރެއް ނޫން ކަމަށް ވެސް ނިޝްތާރު ބުންޏެވެ.
ކުޑަހުވަދޫ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ކުރިން ނިއު ރޭޑިއަންޓަށް ދިވެހި ލީގާއި ގައުމީ މުބާރާތް ކާމިޔާބުކޮށްދީ ރާއްޖޭގެ މޮޅު ކޯޗުގެ މަގާމް ވެސް ހޯދައިފަ އެވެ.
"ޝިޔާޒް ކޯޗަކީ އަޅުގަނޑުގެ ޓީޗަރު. ޝިޔާޒް ކޯޗަކީ ވަރަށް ތަޖުރިބާހުރި ކޯޗެއް. އަޅުގަނޑު މަސައްކަތްކުރާނަން ވީ އެންމެ ރަނގަޅަކަށް ތައްޔާރުވެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން،" ނިޝްތާރު ބުންޏެވެ.
ކުޑަހުވަދޫ ޓީމު މެޗަށް މާލެ އަންނާނީ މިއަދު ކަމަށް ވުމުން އެ ޓީމުގެ ކޯޗު މޯހަން އަށް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވޭ ގޮތެއް ނުވި އެވެ.