18 އޯގަސްޓް 2017 - 07:58

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (އޮގަސްޓް 18) - ޗެލްސީން އޭނާ ބޭނުންވިޔަސް އަލުން އަނބުރާ އެ ޓީމަށް ނުދާނެ ކަމަށް ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ބުނެފި އެވެ.
ޗެލްސީން މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ކޮސްޓާގެ ހިދުމަތް މި ސީޒަނުގައި ބޭނުންނުވާ ކަމަށް ބުނެ އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ އޭނާ އަށް އެސްއެމްއެސް އަށް ފޮނުވައިފަ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކޮސްޓާ ވިއްކާލަން ޗެލްސީން ނިންމާފައިވީ ނަމަވެސް އެ ޓީމުން ވަނީ ދާދި ފަހުން ކޮސްޓާ އަލުން ޓީމާ ގުޅުމަށް އަންގައިފަ އެވެ.
އެހެން ނަމަވެސް އެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން ކޮސްޓާ ވަނީ އޭނާ ޗެލްސީ އަށް ނުދާނެ ކަމަށް ބުނެފަ އެވެ.
"އަހަރެން ދާނެ ކްލަބެއް ވަނީ ނިންމާފައި. އަހަރެން ދެން ގުޅޭނީ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑާ. މި ވަގުތު ޗެލްސީން އަހަރެން ނުވިއްކާނެ ކަމަށް ބުނި ނަމަވެސް އަހަރެން ސްޕެއިނަށް ދިއުމުން ހުރިހާ ކަމެއް ހައްލުވާނެ،" ބްރެޒިލްގައި ހުރެ ކޮސްޓާ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އުމުރުން 28 އަހަރުގެ ކޮސްޓާގެ ވަކީލު ވަނީ ވަރަށް އަވަހަށް ރަސްމީކޮށް ޗެލްސީން ކޮސްޓާ ވަކިކޮށްދޭން އެދޭނެ ކަމަށާއި އެކަން ނުކޮށްދީފިނަަމަ ފީފާ އަށް މައްސަލަ ހުށަހަޅަން ވެސް ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.
ކޮސްޓާގެ ވަކީލު ތުހުމަތުކުރާ ގޮތުގައި މިދިޔަ ޖެނުއަރީ މަހު ޗެލްސީން ކޮސްޓާ އަށް އާ އެއްބަސްވުމެއް ހުށަހަޅަން ނިންމާފައިވަނިކޮށް އެކަމަށް ހުރަސް އެޅީ ކޮންޓޭ ކަމަށާއި އެ ވަގުތު ކްލަބްގެ މަސްލަހަތަށް ވިސްނާފައި ކޮސްޓާ ނިންމީ ކުރިއަށްދާން ކަމަށެވެ. އަދި މިހާރު ކޮސްޓާ ބޭނުންވާ ކްލަބަކަށް ބަދަލުވުމުގެ އިހުތިޔާރު އޮންނަން ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ހަފްތާގެ ނިޔަލަށް ކޮސްޓާ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެއްޖެނަމަ ޗެލްސީން ވެސް އަންނަނީ އޭނާގެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފަ އެވެ.
ކޮސްޓާ އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ އަށް ބަދަލުވާން ބޭނުންވި ނަަމަވެސް ފީފާ އިން އެ ޓީމަށް ދީފައިވާ އަދަބަކާ ގުޅިގެން، އެ ޓީމަށް އެންމެ އަވަހަށް ވެސް ކުޅެވޭނީ ޖެނުއަރީ މަހު އެވެ. އޭނާ ޖެނުއަރީ މަހުގެ ނިޔަލަށް ލޯން އުސޫލުން ދޫކުރަން އެތުލެޓިކޯ އިން ބޭނުންވި ނަމަވެސް އެހާ ކުރު މުއްދަތަކަށް ލޯން އުސޫލުން ގެންނަން ކްލަބްތަކުން ބޭނުންވާނެ ކަމަށް ނުބެލެވެ އެވެ. އަނެއްކޮޅުން ވޯލްޑް ކަޕް ކުރިއަށް އޮތުމާ އެކު ހަ މަސް ދުވަހު ނުކުޅެ ހުންނަން ޖެހުމަކީ ކޮސްޓާ އަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ.