17 އޯގަސްޓް 2017 - 21:45

މަޝްވަރާއެއްނުކޮށް އަދި އެއްވެސް ޕްލޭނެއް ހިއްސާނުކޮށް، މާލޭގައި ހުރި ހުސްބިންތައް ވިއްކާތީ ކަންބޮޑުވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭގެ އމައި ތިން ސަރަހައްދުން 19 ބިމެއް ވިއްކަން ހައުސިން މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ. އަކަފޫޓެއް 15،000ރ. ގެ އުސޫލުން ވިއްކާ އެ ބިންތަކަށް މި މަހުގެ 27 އިން ފެށިގެން ސެޕްޓެމްބަރު 14އާ ދެމެދުގެ މުއްދަތަށް ބިޑް ހުށަހެޅޭނެ އެވެ.
އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށް މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ މާލޭގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަކީ އެ ކައުންސިލްގެ މެންޑޭޓެއް ކަމަށެވެ. އަދި މިހާރު ހުރި ހުސް ބިންތައް ވިއްކުމުގެ ކުރިން، އެ ބިންތައް ބޭނުންކުރަންޖެހޭނެ ކަންކަމަކީ ކޮބައިކަން، މާލެގައި ދިރިއުޅޭ ރައްޔިތުން ތަމްސީލުކުރާ ސިޓީ ކައުންސިލާ މަޝްވަރާކުރަންޖެހޭނެ ކަމަށް ދެކޭކަމަށް ބަޔާނުގައި ބުންޏެވެ.
މާލެއަކީ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ތަނެއްކަމަށާއި ސްކޫލާއި މިސްކިތާއި ހޮސްޕިޓަލް ފަދަ ތަންތަން އެޅުމަށް ވެސް ބިން ހޯދުމަކީ މިހާރު ވަރަށް އުނދަގޫ ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ. އަދި މާލޭގެ ރަށްވެހިންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަަލަތައް ހައްލުކުރުމުގެ ބަދަލުގައި، ވިޔަފާރިވެރިން އިތުރަށް މުއްސަނދިކުރުމަށް އެފަދަ ބިންތައް ދޫކުރުމަކީ ވެސް ކަންބޮޑުވާ ކަމެއްކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
"އަދި މާލެ ސިޓީގައި ހިމެނޭ އާބާދީ އެންމެ ބޮޑު ރަށްކަމުގައިވާ މާލެ ތޮއްޖެހުން ކުޑަކޮށް ދުނިޔޭގެ އެހެން ސިޓީތައް ފަރުމާކުރާ ފަދައިން މި މާލޭގައި ވެސް ކޮންމެވެސް ވަރެއްގެ ހުސްބިންތައް ބެހެއްޓޭނެ، އަދި މާލެއަށް ފެހިކަން ގެނެސްދޭނެ ތަންތަން ހެދުމަށް އިސްކަންދީގެން މަސައްކަތް ކުރެއްވުމަކީ މިކައުންސިލުން އެދޭ ކަމެއް،" ބަޔާނުގައި ބުންޏެވެ،
ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާގޮތުން ބިން އަމިއްލަ ކުރުމަށް ގޯތި ގަންނަން ހުށަހެޅި އަގު ދައްކަން ޖެހޭނެ އެވެ. އަދި ބިން ގަތުމަށް އެ ދުވަހަކު ހުށަހަޅާ އެންމެ މަތީ އަގު، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން، އެ މިނިސްޓްރީގެ ނޯޓިސް ބޯޑްގައާއި ވެބްސައިޓްގައި ޝާއިއު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ އަގު ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކަށް ބީލަން ކާމިޔާބުވީ ކަމަށް ނިންމޭނެ ކަމަށެވެ.