17 އޯގަސްޓް 2017 - 19:59

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅި ހަރައި މަރާލި މުހައްމަދު އަނަސްގެ މަރާ ގުޅިގެން މާލޭގެ ގެއެއް ފާސްކޮށް، އިތުރު ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުސް އޮފީހުން ބުނީ މިއަދު ހަވީރު ކޯޓު އަމުރެއްގެ ދަށުން، މ. ދިމިޝްގު ފާސްކޮށް، 23 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަނަސްގެ ގާތިލުން ހައްޔަރުކޮށްފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.
އަދި އެ މައްސަލައާ ގުޅިގެން މ. އަސަރީހިޔާގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 12 މީހުން ހައްޔަރުކޮށްފައިވާއިރު، އެ އެންމެންގެ ބަންދުގެ މުއްދަތަށް 8-10 ދުވަސް ވަނީ ކޯޓުން ވަނީ ދީފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުދިން ވެސް ހިމެނެ އެވެ.
އެ ގެއިން ހައްޔަރުކުރި ބައެއް މީހުންނަކީ އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ހަށިގަނޑުގެ 37 ތަނަކަށް ވަޅިން ހަމަލާދީ އަނަސް 25، މަރާލީ މާލޭގެ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހުއްޓަ އެވެ. ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް މަރައިލި އިރު، އޭނާ ދިޔައީ އަލަތު ކައިވެންޏަށް ތައްޔާރުވަމުންނެވެ.