18 އޯގަސްޓް 2017 - 06:56

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނައިރު ޕްރެޝަރު އޮތީ ނިއު ރޭޑިއަންޓަށް ކަމަށާއި އެހެން ނަމަވެސް ނަތީޖާ ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން މާޒިޔާ އަތުން ބަލިވެ ނިއު މި ވަގުތު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. ޕޮއިންޓުގެ ގޮތުން ލީގުގެ ތިން ވަނައިގައި އޮތް ޓީސީއާ އެއްވަރަށް ޕޮއިންޓު ލިބިފައިވީ ނަމަވެސް ފައިދާ ލަނޑަށް ބަލާއިރު ކުރި ލިބެނީ ޓީސީ އަށެވެ.
މިއަދުގެ މެޗުން ގްރީން ސްޓްރީޓްސް އަތުން މޮޅުނުވެއްޖެނަމަ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އަށް ލީޑުފުޅާކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ނިއުގެ ކޯޗު އޮސްކާ ބުނީ މިއަދުގެ މެޗު އެހެން މެޗުތަކާ އަޅާކިޔާއިރު އުނދަގޫވާނެ ކަމަށެވެ.
"މިއީ ވަރަށް އުނދަގޫ މެޗަކަށްވާނެ. އަހަރެން ބެލިން ގްރީން ސްޓްރީޓްސް މާލޭ ލީގާއި ޕްރިމިއާ ލީގުގައި ކުޅުނު މެޗުތައް. ވަރަށް މޮޅަށް ރާވާލައިގެން ބޯޅަ ހިފަހައްޓައިގެން އަދި ކައުންޓަ އެޓޭކުގައި ވެސް ރަނގަޅަށް ކުޅޭ ޓީމެއް،" އޮސްކާ ބުންޏެވެ.
މި ފަހަރުގެ ސީޒަނަށް ހުރިހާ ތަށްޓެއް ހޯދަން ޓާގެޓްކޮށްގެން ނުކުތް ނިއު އަށް ވަނީ މާލޭ ލީގު ގެއްލިފަ އެވެ. އެހެން ނަމަވެސް އެ ޓީމުން ވަނީ ޕްރިމިއާ ލީގު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުން ވާދަވެރި މާޒިޔާ އަތުން ބަލިވުމުން މިހާރު ނިއު އޮތީ އިތުރަށް ސަމާލުވާން ޖެހިފައި ކަމަށް އޮސްކާ ދެކެ އެވެ.
"އަހަރެމެން މިއައީ ބައްޔަކަށް ފަހު. އަހަރެން ދެކޭ ގޮތުގައި މި ޕްރިމިއާ ލީގުގައި މާ ގިނަ ބަލިތަކެއް ވެގެން ކުރިއަށް ނުދެވޭނެ. އަދި ތަށި ވެސް ކާމިޔާބު ނުކުރެވޭނެ. އަހަރެން ދެކޭ ގޮތުގައި މިއީ ފައިނަލެއް،" އޮސްކާ ބުންޏެވެ.
ނިއުއާ ހަވާލުވުމަށް ފަހު އޮސްކާ ބުނީ އޭނާގެ ވިސްނުމަކީ އެ ޓީމު ކުޅޭ ސްޓައިލް ބަދަލުކޮށް މީހުން ބަލާހިތްވާ ކުޅުމެއް ކުޅުމަށް ފަހު ނަތީޖާ ނެރުމަށެވެ. މެޗަކަށް ފަހު މެޗެއް އެ ޓީމުގެ ކުޅުން އޮސްކާ ބޭނުންވާ ސްޓައިލަށް ބަދަލުވަމުން އައި ނަމަވެސް ގިނަ ފަހަރު ނަތީޖާ ނެރުމުގައި އެ ޓީމަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. އޮސްކާ ބުނީ މިހާރު އެންމެ އިސްކަމެއް ދެނީ ނަތީޖާ ނެރުމަށް ކަމަށެވެ.
"އަހަރެމެންނަށް އެނގޭ ވާދަވެރި ޓީމުތަކަށް އަހަރެމެން ކުޅެން އުޅޭ ގޭމް އެނގޭކަން. އެއީ ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓްކުރަން އުޅޭކަން. އެ ކަމަށް ތައްޔާރުވެގެން އަހަރަމެން ނުކުންނާނީ. އެކަންނަކަމަށް ބަލައިގެން އަހަރެމެން ވެސް އެބަޖެހޭ ރަނގަޅު ކުރަން. ހަމައެކަނި މޮޅަށް ކުޅެގެން ވާން ނެތް. ފުޓްބޯޅައިގައި ސްޓައިލަށް ވުރެން ނަތީޖާ ވެސް މުހިއްމު. އަހަރެމެން މި މަސައްކަތް ކުރަނީ ދެކަން އެކުގައި ހާސިލްކުރަން،" އޮސްކާ ބުންޏެވެ.
މާލޭ ލީގުގެ ހިތި ތަޖުރިބާ އަށް ފަހު ޕްރިމިއާ ލީގަށް ނިއު އިން ނުކުތީ ގިނަ ކުޅުންތެރިންތަކެއް ގެނެސްގެން ޓީމު ވަރުގަދަ ކޮށްގެންނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އެންމެ ވަރުގަދަ ސްކޮޑު އޮތީ ވެސް ނިއުގަ އެވެ. އެހެން ނަމަވެސް އޮސްކާގެ ވިސްނުން ވަރަށް ތަފާތެވެ.
"އަހަރެން އަދި މުޅިން ގަބޫލެއް ނުކުރަން ނިއު ރޭޑިއަންޓުގައި ކަމަށް އެންމެ މޮޅު ކުޅުންތެރިން ތިބީ. ގްރީން ސްޓްރީޓްސް އާއި ޓީސީގައި އަދި މާޒިޔާގައި ވެސް އެބަތިބި. ލީގު ނިމޭއިރު އަހަރެމެންނަށް ތަށި ލިބިއްޖެނަމަ އަހަރެން ބުނާނަން އަހަރެމެންގެކަން އެންމެ މޮޅު ޓީމު މިއޮތީ. މިހާރު މި ކުރެވެނީ އެ މަސައްކަތް،" އިންޑިއާގެ މުމްބާއީ އެފްސީގައި މަސައްކަތް ކޮށްފައިވާ އޮސްކާ ބުންޏެވެ.
ފާއިތުވި ތިން ވަރަކަށް އަހަރަށް ބަލާއިރު ނިއު އަކީ އެންމެ ގިނައިން ކޯޗުން ބަދަލުކުރި ޓީމެވެ. އެކި ފަހަރު މަތިން އެ ޓީމަށް އެކި ކޯޗުން އިރުޝާދުދިންއިރު އޮސްކާ އަކީ މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ޓީމަށް އިރުޝާދުދޭނެ ނުވަ ވަނަ ކޯޗެވެ. މި އަހަރު ނިއު އަށް ކޯޗު ކޮށްދިން ބެނާޑޯ ޓަވަރޭސް އަށް މަގާމު ގެއްލުނީ ގްރީން ސްޓްރީޓްސް އަތުން މާލެ ލީގު ފަހު ބުރުގައި 3-0 އިން ބަލިވެފައި ވަނިކޮށް އޭގެ ފަހުން ޓީސީ އަތުން މޮޅުވި މެޗަށް ފަހު އެވެ.
އޮސްކާ ބުނީ އޭނާ އަކީ އެ ޕްރެޝަރުގައި ވެސް މަސައްކަތް ކުރާ ހިތްވާ ކޯޗެއް ކަމަށާއި މެނޭޖްމަންޓުގެ އިތުބާރު އެބައޮތް ކަމަށެވެ.
"އަހަރެން މިއީ ޕްރެޝަރުގައި ވަރަށް މަސައްކަތް ކުރާ ހިތްވާ ކޯޗެއް. މިއީ ފައިނަލެއްކަމަށް ދެކޭއިރު މި ޕްރެޝަރުން އަހަރެމެންނަށް ފައިދާތަކެއް ވެސް އެބަހުރި. މެނޭޖްމަންޓް އޮތީ ވަރަށް ރަނގަޅަށް. އެމީހުންގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް. މެނޭޖްމަންޓް ބޭނުންވި ޓީމު ކުޅޭ ސްޓައިލް ބަދަލުކޮށްލަން. އަހަރެން އެދުނިން އެކަމަށް ހަ ހަފްތާ ދޭން. މިހާރު އެ މުއްދަތު ހަމަވެފައި މިއޮތީ. މިއީ ޝަކުވާއެއް ނުކޮށް ނަތީޖާ ނެރެންވީ ވަގުތު. އަހަރެމެންނަށް މީގެ އޮތް ހަމައެކަނި ޕްރެޝަރަކީ ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް އޮތް ޕްރެޝަރު. އެ ނޫން ޕްރެޝަރެއް ނެތް،" އޮސްކާ ބުންޏެވެ.
މި ސީޒަނުގައި ނިއު އަށް އެންމެ ބޮޑު މައްސަލަތަކެއް ދިމާވަނީ ލިބޭ ގިނަ ފުރުސަތުތައް ނިންމާނުލެވޭތީ އެވެ. މާލޭ ލީގުގައި އެ ޓީމުގެ ކުރިއަށް ކުޅުނު ސްޕެއިނުގެ އެޑްރިއަން ގަލާޑޯ އާއި އަލީ ފާސިރު (ސެންޓޭ) އަކީ އެއް ސްޓައިލެއްގެ ދެ ކުޅުންތެރިން ކަމަށްވާއިރު އެކުގައި މި ދެ ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ.
މި ފަހަރުގެ ޕްރިމިއާ ލީގަށް އަލީ އަޝްފާގު (ދަގަނޑޭ) އެ ޓީމާ ގުޅިފައިވާއިރު އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް އޭނާގެ ބޭނުން ވެސް ނިއު އަށް ނުހިފުނެވެ.
އޮސްކާ ބުނީ ވަކި ކުޅުންތެރިންތަކެއް އެކުގައި ކުޅުވުމުގައި މައްްސަލައެއް ނެތް ކަމަށާއި އޭނާ ކުޅުވަން ބޭނުންވާ ގޭމުގައި ހުރިހާ ކުޅުންތެރިންނަށް ވެސް އެންމެ ރަނގަޅު ކުޅުން ދެއްކޭނެ ކަމަށެވެ.
ނިއު އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.