ހަމަލާ ދިނުމުގެ ޕްލޭން މަޑުޖައްސާލުމުން ޓްރަމްޕުގެ ތައުރީގް ކިމް އަށް
ހަމަލާ ދިނުމުގެ ޕްލޭން މަޑުޖައްސާލުމުން ޓްރަމްޕުގެ ތައުރީގް ކިމް އަށް

ވޮޝިންޓަން (އޮގަސްޓް 17) - ޕެސިފިކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ގުއާމަށް ހަމަލާ ދޭން ނޯތު ކޮރެއާ އިން ރާވަމުން ދިޔަ ޕްލޭން މަޑުޖައްސާލަން ނިންމުމުން އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުން އަށް ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފް ކުރައްވައިފި އެވެ.

ގުއާމަށް ހަމަލާ ދިނުމުގެ ޕްލޭނެއް ނޯތު ކޮރެއާގެ ސިފައިން ތައްޔާރު ކުރުމަށް ފަހު ކިމްއާ ވަނީ މި ހަފުތާގައި ހިއްސާކޮށްފަ އެވެ. ކިމް ހުއްދަ ދެއްވިހާ އަވަހަކަށް ގުއާމަށް ހަމަލާ ދޭނެ ކަމަށް ނޯތު ކޮރެއާ ސިފައިން ވަނީ ބުނެފަ އެވެ. ނަމަވެސް ޕްލޭން ބެއްލެވުމަށް ފަހު ކިމް ވަނީ ގުއާމަށް ހަމަލާ ނުދީ އެމެރިކާ އިން ހަދާ ގޮތެއް ބަލަން ތިބުމަށް އަންގަވައިފަ އެވެ.

ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަރަށް ބުއްދިވެރި ނިންމުމެއް ނިންމަވައިފި ކަމަށް ވިދާޅުވެފަ އެވެ. އެހެން ނޫން ނަމަ އޭގެ ނަތީޖާ ވަރަށް ހިތިވީސް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ގުއާމުގެ ކަނޑުގެ ސަރަހައްދަށް ނޯތު ކޮރެއާ އިން ހަމަލާ ދިނުމުގެ ޕްލޭން މަޑުޖައްސާލި އިރު އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މެޓިސް ވަނީ ވަރަށް ހަރުކަށި އިންޒާރެއް ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ނޯތު ކޮރެއާ އިން އެގޮތަށް އަމަލުކޮށްފި ނަމަ ހަނގުރާމަ ފެށުނީ ކަމަށާއި އެކަމުގެ ހުރިހާ ގެއްލުމަކާ ހަވާލުވާން ތައްޔާރު ނުވެ މި ދުނިޔޭގެ އެކަކަށް ވެސް ނޯތު ކޮރެއާ އިން ހަމަލާ ދީގެން ނުވާނެ ކަމަށެވެ.