އައިފޯން 7 ވީ ތަނެއް ނޭނގެ، ކަވަ ކޭސް ލީކުވެއްޖެ
އައިފޯން 7 ވީ ތަނެއް ނޭނގެ، ކަވަ ކޭސް ލީކުވެއްޖެ

އައިފޯނު 7ގެ ކަވަ ކޭސް އޮންނާނެ ގޮތް ކަމަށް ބުނެ މެޓަލް ކަވަރެއް އިންޓަނެޓަށް ދޫކޮށްލައިފި އެވެ. އޭގައި އެއްވެސް ހަގީގަތެއް އޮތް ނަމަ، އައިފޯން 7 ގައި ހެޑްފޯން ޖެކެއް ނީންނާނެ އެވެ. ހުރިހާ ކަމަކަށް ވެސް ބޭނުންހިފަން ޖެހޭނީ "ލައިޓްނިން ކަނެކްޝަން" އެވެ.

އައިފޯން 6 ނެރުމުގެ ކުރިން ވެސް އައިފޯން ހަތަކާ ބެހޭ ގޮތުން ވާހަކަދެކެވުނެވެ. އައިފޯން 7 ގައި ހެޑްފޯން ޖެކް ނުހުންނާނެ ކަމަށް ބުނެވުނެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމަ އަށް ވެސް އެ ވާހަކަަތައް ހުރީ ހަމަ އެ ގޮތުގަ އެވެ.

މަތީގައި އެވާ ފޮޓޯ ނަކަލުކޮށްފައި ވަނީ ފްރެންޗް ވެބްސައިޓަކުންނެވެ. "ނޯވެއާއޭލްސް"އޭ ކިޔާ އެ ވެބްސައިޓަކީ، އުފަންނުވާ ޑިވައިސްތައް ލީކްކުރުމަށް މަޝްހޫރު ބައެކެވެ.

ފޮޓޯއިން ފެންނަ މެޓަލް ކަވަރުގައި ލައިޓްނިން ކަނެކްޝަން ޕޯޓް ނޫން އެހެން ޕޯޓެއް ނެތެވެ. އެއީ ފަހަރެއްގައި ޔޫއެސްބީ ޓައިޕް-ސީ ކަނެކްޓަރަކަށް ވުން ވެސް ގާތެވެ. އެކަމަކު ޚަބަރު ނިމުނުއިރު ވެސް އެ ވާހަކައެއް ނެތެވެ. ދެން ހުރި ލޯވަޅުތައް ޚާއްސަކޮށްފައި ވަނީ ސްޕީކަރަށެވެ. މާނަ އަކީ ބާރުގަދަ ދެ ސްޕީކަރާ އެކު އައިފޯން 7ގެ އޯޑިއޯ އިހުނަށް ވުރެ ކުޅަދާނަ ވާނެ ކަމެވެ.

އައިފޯން 7 ގައި ހެޑްފޯން ޖެކް ޖަހާނެ ތަނެއް ނެތުމަކުން ބޭނުންކުރާ މީހުންނަށް އެއްވެސް އުނދަގުލެއް ނުވާނެ ކަމަށް ބުނެވެ އެވެ. އައިފޯން 7 މާކެޓަށް ނެރޭއިރު މުސްކުޅި ހެޑްވޯންތައް ބޭނުންކުރެވޭ ގޮތަށް ކޮންމެ ފޯނަކާ އެކު ކޮންވާޓާ އެޑަޕްޓަރެއް އެޕަލުން ދޭނެ ކަމަށް ވެ އެވެ. އެހެން ނަމަވެސް އެޕަލުން އެހެން ދައްކާ ގިނަ ވާހަކަތައް ދަނީ ފަނުފުލުންނެވެ.

އައިފޯންތަކުގެ ކަނެކްޓަރު ލައިޓްނިން ކަނެޓަރަށް ބަދަލުކުރިއިރު، މުސްކުޅި ޗާޖިން ކޭބަލްތައް ބޭނުންކުރެވޭ ގޮތަށް އެޑަޕްޓަރެއް ދޭނެ ކަމަށް އެޕަލުން ބުންޏެވެ. އެޕަލުން ދިން އެއްޗެއް ގޮތުގައި އެ އެޑަޕްޓަރު ލިބުނު މީހަކު ހުރި ތަނެއް ނޭނގެ އެވެ.