ސެޓެލައިޓް ފޮޓޯތަކުން އެމްއެޗް370އާ ބެހޭ އާ މައުލޫމާތު ލިބިދާނެ
ސެޓެލައިޓް ފޮޓޯތަކުން އެމްއެޗް370އާ ބެހޭ އާ މައުލޫމާތު ލިބިދާނެ

ސިޑްނީ (އޮގަސްޓް 17) - އެންމެ ފަހުން އާއްމުކުރި ސެޓެލައިޓް ފޮޓޯތަކުން އެމްއެޗް370 ވެއްޓިފައި އޮތް ތަނާ ބެހޭ އާ މައުލޫމާތުތަކެއް ލިބިދާނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370، މާޗް 2014 ގައި ގެއްލުނުތާ މަހެއް ވެސް ނުވަނީސް ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ކަނޑުމަތިން އޮޔާ ދަނިކޮށް 70 އެތިކޮޅު ފެންނަ ކަމަށް އޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯ (އޭޓީއެސްބީ) އިން ބުންޏެވެ. ފޮޓޯ އިން ފެންނަ އެއްޗެހީގެ ތެރޭން 12 އެތިކޮޅު ޖިއޯސައެންސް އޮސްޓްރޭލިއާ އިން ވަނީ އެނަލައިޒް ކޮށްފަ އެވެ. ނަމަވެސް އެއީ މަތިންދާ ބޯޓެއްގެ ބައިތަކެއްކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.

ސެޓެލައިޓް ފޮޓޯތައް ފްރާންސް ސިފައިން ނަގާފައި ވަނީ މާޗް 23، 2014 ގައި އިންޑިއާ ކަނޑުގެ މަތިންނެވެ. އޭޓީއެސްބީ އަށް ފޮޓޯތައް ލިބިފައި ވަނީ މި އަހަރުގެ މާޗު މަހު އެވެ.

ސެޓެލައިޓް ފޮޓޯ އިން ފެންނަނީ ބޯޓު ވެއްޓިފައި އޮންނާނެ ކަމަށް ލަފާކޮށް ހޯދި ސަރަހައްދުގެ ހުޅަނގުގެ ހިސާބުތަކެވެ. ސައެންސްވެރިން ޑިސެމްބަރު މަހު ބުނެފައި ވަނީ ބޯޓު އޮންނާނެ ކަމަށް ލަފާ ކުރެވެނީ ކުރިން ބެލި ސަރަހައްދުގެ ހުޅަނގުގައި ކަމަށެވެ.

ފޮޓޯތައް އެނަލައިޒް ކުރުމުގައި އެހީވި އޮސްޓްރޭލިއާގެ ކޮމަންވެލްތު ސައެންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް އޮގަނައިޒޭޝަންގެ ފިޒިކަލް އޯޝަނޯގްރާފާ ޑޭވިޑް ގްރިފިން ވިދާޅުވީ އެމްއެޗް370 އޮތް ތަނެއް ހޯދުމަށް ސެޓެލައިޓް ފޮޓޯތަކުގެ ސަބަބުން އެހީތެރިކަން ލިބޭނެ ކަމަށެވެ.

އެމްއެޗް370 ކުއާލަ ލަމްޕޫރުން ބެއިޖިން އަށް ފުރީ މާޗް 8 ގަ އެވެ. އެ ބޯޓުގެ ދަތުރުގައި ހުޅަނގަށް މިސްރާބު ޖެހުމަށް ފަހު ދެން ވަނީ ރާޑަރުން ގެއްލިފަ އެވެ. ބޯޓު ގެއްލުނު އިރު އޭގައި 227 ޕަސިންޖަރުންނާއި 12 ކްރޫން ތިއްބެވެ.

ބޯޓު ހޯދުމަށް އިންޑިއާ ކަނޑުގެ ބޮޑު ސަރަހައްދެއް ބެލުމަށް ފަހު އެ މަސައްކަތް ވަނީ މި އަހަރުގެ ޖެނުއަރީ މަހު ހުއްޓާލައިފަ އެވެ.