17 އޯގަސްޓް 2017 - 15:15

ރާއްޖޭގައި މިހާރު ހިންގަމުން އަންނަ މައިގަނޑު މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ޗައިނާ ސަފީރު ވަންގު ފުކާންގެ ހާއްސަ ދައުރެއް އޮތްކަން ފާހަގަކުރައްވައި އޭނާއަށް ރައީސް އަބްދުﷲ ޔާމީން މިއަދު ޝުކުރު ދަންނަވައިފި އެވެ.

ރައީސް ޔާމީންގެ އަރިއަހަށް ވަންގު ކުރެއްވި ވަދާއީ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވަންގުގެ ސަފީރުކަމުގައި ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ޗައިނާ ސަރުކާރުން ބޮޑެތި އެހީތަކެއް ދީފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އުއްމީދަކީ ދެން އެ މަގާމާ ހަވާލުވެވަޑައިގަންނަވާ ސަފީރުގެ ފަރާތުން ވެސް އެފަދަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިވަޑައިގަތުމެވެ.
ވަންގް ވިދާޅުވީ ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން ރާއްޖެ އާއި ޗައިނާގެ ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރަން ފުރުސަތު ލިބިވަޑައިގަތުމުން ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ ގުޅުން ބައިނަލްއަގުވާމީ ދުނިޔޭގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީން ވެސް އޭނާ ދެއްވި އެވެ.
ރާއްޖެ އާއި ޗައިނާގެ ސިޔާސީ ގުޅުމަށް މި އަހަރު 45 އަހަރު ފުރޭއިރު، ޒަމާންވީ އެ ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވާ މާލޭ/ހުޅުލޭ ބްރިޖުގެ މަޝްރޫއަށް ވެސް ޗައިނާ ސަރުކާރުން ވަނީ ވަރަށް ބޮޑު އެހީއެއް ދީފަ އެވެ. އަދި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫ އާއި ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް ވެސް ޗައިނާ ސަރުކާރުން އެހީ ދެ އެވެ.