ލަތީފާ އެކު މަސައްކަތް ނުކުރެވޭނެ، އިސްތިއުފާ ދޭން ނިންމައިފިން: ޝަރަފް
ލަތީފާ އެކު މަސައްކަތް ނުކުރެވޭނެ، އިސްތިއުފާ ދޭން ނިންމައިފިން: ޝަރަފް

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީން އިސްތިއުފާ ދޭން ތަޖުރިބާކާރު ކޯޗު މުހައްމަދު ޝަރަފް ނިންމައިފި އެވެ.

ޓެކްނިކަލް ޑިރެކްޓަރުގެ ހައިސިއްޔަތުން އެކްސްކޯގެ މަގާމް ފުރަމުން އަންނަ އަދި ލަތީފާ ވެސް ގާތްގުޅުމެއް އޮންނަ ޝަރަފް މިއަދު ބުނީ އެސޯސިއޭޝަނުގެ ތޭރޭގައި ލަތީފް ކުޅުއްވަނީ ޑާޓީ ޕޮލިޓީކްސް ކަމަށާއި ވޮލީބޯޅައިގެ ކުރިއެރުވުމަށް މަސައްކަތް ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު އިސްތިއުފާ ދޭން ނިންމައިފިން. މި ވިސްނުން ދެން ބަދަލެއް ނުވާނެ. އެއީ ސަތޭކަ ޕަސެންޓް ޔަގީންކަމެއް. މި ނިންމުން ނިންމަން ޖެހުނީ އެސޯސިއޭޝަނުގެ ރައީސް ލަތީފާ އެއްކޮށް މަސައްކަތްކުރެވެން ނެތުމުން. ހަގީގަތުގައި ވޮލީބޯޅަ ކުރިއެރުވުމުގެ އެއްވެސް ވިސްނުމެއް ލަތީފް ނުގެންއުޅުއްވާ. މީގެ ކުރިން ވެސް މައްސަލަތަކެއް ފާހަގަކުރެވުނު. އެކަމަކު ކަންކަން ރަނގަޅުވާނެ ކަމުގެ އުއްމީދުގައި މަސައްކަތްކުރީ. އެކަމަކު މިހާރު ނެތް އެއްވެސް އުއްމީދެއް،" ޝަރަފް ވިދާޅުވި އެވެ.

ޝަރަފް އިސްތިއުފާ ދޭން ނިންމީ، ސޮނޭވާފުށީ ރިޒޯޓުގައި ބުދަ ދުވަހު ކުޅެން ހަމަޖެހިފައި އޮތް ރިޒޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ފައިނަލް މެޗަށް ޝަރަފާއި އިތުރު އެކްސްކޯ މެމްބަރުންތަކަށް ނޭރޭނެ ކަމަށް އެ ރިޒޯޓުން އެންގުމުން އެސޯސިއޭޝަނުން މެޗު ފަސްކޮށްފައި ވަނިކޮށެވެ. އަދި ޝަރަފް ކުރިން ކޯޗުކޮށްދީ ގާތްގުޅުމެއް އޮންނަ އަނަންތަރާ ކިހާވަށް ވިލާސް އާއި ސޮނޭވާފުށީގެ މެދުގައި އިއްޔެ ހަވީރު ސޮނޭވާފުށީގައި މެޗު ވަނީ ވަނީ ކުޅެފަ އެވެ. މީގެ އިތުރުން ސޮނޭވާފުށީގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) އަށް ދީފައިވާ ސަސްޕެން ތަންފީޒްކުރުން ފަސްކޮށް އޭނާ ވަނީ އިއްޔެ ސޮނޭވާފުށީ މޮޅުވި މެޗުގައި ކޯޗުކޮށްދީފަ އެވެ.

ޝަރަފް ބުނީ އިސްތިއުފާއާ ސީދާ ގޮތުން އެ މެޗާ ގުޅުމެއް ނެތް ކަމަށާއި އެކަމަކު އެކަމުގައި ވެސް އެސޯސިއޭޝަނުން އަމަލުކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.

"އިއްޔެ ހެނދުނު ދެ ޓީމަށް މި އަންގަނީ އިއްޔެ ހަވީރު މެޗު އޮންނާނެކަން. އެކަމަކު އަޅުގަނޑަށް ނާންގާ. އަޅުގަނޑަކީ ޓެކްނިކަލް ޑިރެކްޓަރުގެ ހައިސިއްޔަތުން މުބާރާތުގެ ހުރިހާ ކަމެއްގައި އިސްކޮށް ހުންނަ މީހާ. އަނެއްކާ އިއްޔެ ހަވީރު މެޗު ކުޅެން އެންގިއިރު ކުޅޭނެތަނެއް ޓީމުތަކަށް ނާންގާ. މެޗު ފަށަން ދެގަޑިއިރަށް ވެފައި އޮއްވާ މެޗު ކުޅޭނެތަނެއް އެންގީ. އޭގެ ސަބަބުން ޓީމުތަކަށް ތައްޔާރުވާން ދަތިވާނެ. ސަޕޯޓަރުންނަށް ދަތުރުކުރަން އުނދަގުލާ ކުރިމަތިވާނެ. ހަގީގަތުގައި މިކަންކަމެއް ލަތީފަށް އެނގިވަޑައިނުގަންނަވާ. އަޅުގަނޑުމެންނަކީ 18 އަހަރު އެކި ލެވެލުގައި ރިޒޯޓް ވޮލީގައި މަސައްކަތްކޮށްފައިވާ މީހުން. އެކަމަކު އަޅުގަނޑުމެންނަށް ނޭނގި މިކަންތައް ކުރީ،" ޝަރަފް ވިދާޅުވި އެވެ.

މި ވާހަކަތަކާ ގުޅޭގޮތުން ލަތީފް ވިދާޅުވީ ޝަރަފް އިސްތިއުފާ ދޭން ޖެހޭ ހާލަތެއް ނެތް ކަމަށާއި އޭނާއާ ބެހޭގޮތުން ޝަރަފް އެފަދަ މޭރުމަކުން ވާހަކަދައްކަފާނެ ކަމަށް ވެސް ގަބޫލުނުކުރާ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ ޑިވެލޮޕްމަންޓް މަސައްކަތްކުރަން ޝަރަފާ ހަވާލުކޮށްފައިވާނީ. އެހެންވީމާ ޑިވެލޮޕްމަންޓަށް މަސައްކަތްނުކުރެވޭނެމަ އެކަމުގެ ޒިންމާ ޝަރަފް ނަންގަވަން ޖެހޭނީ. އަޅުގަނޑަށް ހީވަނީ އެއީ ޝަރަފް ޖަޒުބާތުގައި ދެއްކެވި ވާހަކައެއް ކަމަށް،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ފައިނަލް މެޗު އެއްވެސް މައްސަލައެއް ނެތި އިއްޔެ ކުޅެ ނިންމާލެވުމަކީ ވޮލީބޯޅަ އެސޯސިއޭޝަނަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި ދެކޭ ކަމަށާއި މެޗު ސޮނޭވާފުށީގައި އަލުން ކުޅެން ނިންމީ އެ ފަރާތުން، ކުރިން ކުރި ހުރިހާ ޝަރުތުތަކެއް ދޫކޮށްލުމުން ކަމަށެވެ.

"ސޮނޭވާ އިން އެންމެ ފުރަތަމަ ބުނި ވަކި ބަޔަކަށް ނޭރޭނެ ކަމަށް. އެ ހިސާބުން އަޅުގަނޑުމެން ނިންމީ އަޅުގަނޑުމެން ބޭނުންވާ ބަޔަކަށް ނޭރެންޏާ މެޗު ނުކުޅޭނެ ކަމަށް. ސަބަބަކީ ވެނިއު ސޮނޭވާގައި ހުއްޓަސް އެއީ އެސޯސިއޭޝަނުގެ ޒިންމާގެ ދަށުގައި ހުރި ތަނަކަށްވާތީ،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ފަހުން ސޮނޭވާފުށީން އެސޯސިއޭޝަނުގެ ހުރިހާ ޝަރުތުތަކަށް އެއްބަސްވި ކަމަށާއި އެސޯސިއޭޝަނުން ބޭނުންވާ އެންމެން ގޮވައިގެން ގޮސް ވީއައިޕީ ހިދުމަތްދީ އަދި މެޗު ކުރިއަށްގެންދަން އެ ރިޒޯޓް އޮތީ ތައްޔާރަށް ކަމަށެވެ.

"ހުރިހާ ކަމަކަށް އެއްބަސްވީމާ ދެން ވެނޫ ޗޭންޖްކުރަން ޖެހޭ ސަބަބެއް ނެތްތާ. ހަގީގަތުގައި އަޅުގަނޑުމެން ސޮނޭވާ އަށް ޝުކުރުއަދާކުރަން އެ ފަރާތުން ދިން ހިދުމަތަށް. އެ ފަރާތުން ކުރާ ހަރަދާ މި ކުޅިވަރު ކުރިއަށްގެންދިއުމަށް ކުރާ މަސައްކަތަށް ވެސް ޝުކުރުއަދާކުރަން،" ލަތީފް ވިދާޅުވި އެވެ.އޭނާ ފާހަގަކުރެއްވި ގޮތުގައި ސޮނޭވާ އާއި އަނަންތަރާ ޓީމާ އެއްވެސް މައްސަލައެއް ނެތެވެ. މައްސަލަ އުފެދުނީ ސޮނޭވާ އާއި އެސޯސިއޭޝަނާ ދެމެދު ކަމަށާއި އެކަންކަން ހައްލުވުމުން މެޗު އެ ރިޒޯޓުގައި ކުރިއަށް ނުގެންދަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސޮނޭވާގެ ކޯޗު ސަތޯގެ ސަސްޕެންޝަނަށް އަމަލުކުރުން ފަސްކުރީ އެޕީލް ކޮމިޝަނުން ކަމަށާއި އެކަމަކުގައި އޭނާގެ އެއްވެސް އަތެއް ނެތް ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ. އަދި އޭނާގެ ނުފޫޒް އޮތް ނަމަ ޑިސިޕްލިނަރީ ކޮމިޓީން އެންމެ ފުރަތަމަ ވެސް ސަތޯ އަށް އަދަބުނުދިނީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަތޯ އާއި ރިޒޯޓުން އެޕީލްކުރީ އެ އަދަބު. ކުރީމާ އެޕީލް ކޮމިޓީން ނިންމީ މެޗު ފަށަން އެހާ ގާތްވެފައިވަނިކޮށް އަދަބު ދިނުމަކީ މަސްލަހަތަށް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް. އަދި މެޗަށް ފަހު އެހެން ހުރިހާ ކަމަކަށް ރިއާޔަތްކުރުމަށް ފަހު ފިޔަވަޅު އަޅަން ކޮމިޝަނުން އެންގީ. މީގެން އެގެނީ އަޅުގަނޑުމެންގެ އެއްވެސް ނުފޫޒެއް ނެތްކަން. ކްލަބްތަކާއި ކުޅުންތެރިންނަށް ވެސް އެނގިގެން ދިޔައީ ނާއިންސާފުން ކަންކަމެއް ނުވާނެކަން،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ މައްސަލައެއް ޖެހުމުން އޮޑިން ފުންމާލުކަކީ ހައްލެއް ނޫން ކަމަށާއި ކަންކަން ހައްލުވާނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.

"އަޅުގަނޑު އެދެން އެންމެން ގުޅިގެން މަސައްކަތްކުރަން. އޮޑިން ފުންމާލުކަކީ މި ކުޅިވަރު ދެކެ ލޯބިވާ މީހަކު ކަންތައްކުރާނެ ގޮތެއް ނޫން،" ލަތީފް ވިދާޅުވި އެވެ.

ލަތީފާ ވަރަށް ގާތްކޮށް ޝަރަފް މަސައްކަތްކުރަމުން އައިއިރު އޭނާ ވަނީ ގައުމީ ކޯޗުކަން ވެސް ކޮށްފަ އެވެ. އޭނާ އެ މަގާމުން ވަކިވީ މާޗު މަހު މާލޭގައި ބޭއްވި އިންވިޓޭޝަނަލް މުބާރާތުގައި ކާމިޔާބެއް ނުލިބުމުންނެވެ. އޭގެ ފަހުން އޭނާ މަސައްކަތްކުރަމުން އައީ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގަ އެވެ.