17 އޯގަސްޓް 2017 - 13:36

ކަރާކަސް (އޮގަސްޓް 17) - ވެނެޒުއެލާގެ ދެކުނުގެ ޖަލެއްގައި ހިންގި ހަމަނުޖެހުންތަކުގައި 37 މީހުން މަރުވެފައިވާ ކަމަށް ޕްރޮސެކިއުޓަރުން ބުނެފި އެވެ.
ޖަލުގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ވަނީ އިންޓީރިއާ މިނިސްޓްރީގެ ޚާއްސަ ފުލުހުންގެ ޓީމެއް ފޮނުވައިފަ އެވެ. މަންޒަރު ދުށް މީހުން ބުނީ ބަޑީގެ އަޑުފައްގަނޑު އެތައް އިރެއް ވަންދެން އިވުނު ކަމަށެވެ. ޖަލުގައި ހިންގި ހަމަނުޖެހުން ސްޓޭޓުގެ ގަވަރުނަރު ލިބޯރިއޯ ގުއާރުއްލާ ސިފަ ކުރައްވާފައި ވަނީ "ގަތުލްއާއްމެއްގެ" ގޮތުގަ އެވެ.
ޕްރޮސެކިއުޓަރުން ބުނީ ޖަލުގައި ހިންގި ހަމަނުޖެހުންތަކުގައި 14 އޮފިޝަލުން ޒަޚަމްވި ކަމަށެވެ. ޖަލު މޮނިޓާ ކުރާ ދެ ގްރޫޕެއް ކަމަށްވާ "އަ ވިންޑޯ ޓު ފްރީޑަމް" އަދި "ވެނެޒުއެލަން ޕްރިޒަންސް އޮބްޒަވޭޓަރީން" ބުނީ މަރުވި 37 މީހުންނަކީ ގައިދީން ކަމަށެވެ. ހަމަނުޖެހުން ހިންގި އިރު ޖަލުގައި 105 ގައިދީން ތިއްބެވެ.
ވެނެޒުއެލާގެ ޖަލުތަކުގައި އެކަށީގެންވާ ވަރަށް މުވައްޒަފުން ނުތިބޭއިރު ޖަލުގެ ކޮންޓްރޯލް އޮންނަނީ ގައިދީންގެ ގޮތުގައި ބަންދުކޮށްފައި ތިބޭ ގޭންގުތަކަށް ނިސްބަތްވާ މީހުންގެ އަތުގަ އެވެ.