ފިލްމު ކުޅުމުގެ ޚިޔާލު ދިނީ ރާނީ މުކަރުޖީ: ޕަރިނީތީ
ފިލްމު ކުޅުމުގެ ޚިޔާލު ދިނީ ރާނީ މުކަރުޖީ: ޕަރިނީތީ

ރޯހިތު ޝެޓީގެ "ގޯލްމާލް އެގެއިން" ގައި މި ވަގުތު މަސައްކަތް ކުރަމުންދާ ޕަރިނީތީ ޗޯޕްރާ އަށް ފިލްމީ ކެރިއަރެއް ޚިޔާރުކުރުމަށް ލަފާ ދިނީ މަޝްހޫރު ފިލްމީ ބަތަލާ ރާނީ މުކަރުޖީ އެވެ.

ރާނީގެ ނަސޭހަތް ގަބޫލުކޮށް ޕަރިނީތީ އެންމެ ފުރަތަމަ ކުޅުނީ ރަންވީރު ސިންގް ބަތަލުގެ ބައި ކުޅުނު "ލޭޑީޒް ވާސަސް ރިކީ ބާލް" އެވެ. އޭގެ ފަހުން ފާއިތުވީ ހަ އަހަރު ދުވަހުގެ ތެރޭގައި ޕަރިނީތީ ވަނީ ރީތި އަދި ކާމިޔާބު ފިލްމުތަކެއް ކުޅެ އޭނާގެ އެކްޓިން ހުނަރު ހުރި މިންވަރު ހާމަކޮށްދީފަ އެވެ. އަދި ލަވަ ކިޔުމުގެ ރޮނގުން ވެސް އޭނާއަކީ ފާހަގަކޮށްލެވޭ ބަތަލާއެއްކަން ޕަރިނީތީ ވަނީ "މޭރީ ޕިޔާރީ ބިންދޫ" އަށް އޭނާ ކިޔައިދީފައިވާ ލަވައިން ހާމަކޮށްދީފަ އެވެ.

ޓޯކް ޝޯއެއްގައި ވާހަކަ ދައްކަމުން ޕަރިނީތީ ބުނި ގޮތުގައި ރާނީގެ އެސިސްޓެންޓެއްގެ ގޮތުގައި އެންމެ ދުވަހަކަށް އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ. އަދި ރާނީގެ ޕީއޭ އެއްގެ ގޮތުގައި މަސައްކަތްކުރި ދުވަހަކީ އޭނާގެ މުޅި ހަޔާތުގައި ވެސް މިހާތަނަށް ފެނުނު އެންމެ ހިތްހަމަޖެހުނު ދުވަސް ކަމަށް ވެސް ޕަރިނީތީ ބުންޏެވެ.

"ރާނީ އަކީ އަހަރެންގެ އެންމެ ފޭވަރިޓް ބަތަލާ. އަދި އެ ދުވަހު ރާނީ ތައްޔާރު ވަމުންދިޔައީ އަހަރެންނަށް އެންމެ މަގުބޫލު ޓީވީ ޝޯ އަށް. އަދި ކަންޑާލާއަށް ދިއުމަށް އެ ދުވަހު ރާނީ ކުރި ދަތުރުގައި އޭނާ އާއެކު 1.5 ގަޑިއިރު އެއް ކާރުގައި އަހަރެން ހޭދަކުރިން. އެ ދުވަހު އަހަރެން ކައިރީގައި ފިލްމު ކުޅެން ފަށަން ރާނީ ބުނި. އަދި އަހަރެންގެ ކިބައިގައި އެ ހުނަރު އެބަހުރި ކަމަށް ވެސް ރާނީ ބުނި. އަހަރެންނަށް އެންމެ މަގުބޫލު އެކްޓަރުގެ އަނގައިން މިފަދަ ވާހަކައެއް ބުނި އަޑު އިވުމުން އަހަންނަށް ވެސް ފިލްމު ކުޅެވިދާނެ ކަމަށް ގަބޫލު ކުރެވުނު،" ޕަރިނީތީ ބުންޏެވެ.