މި މީހުން އޮފީހުގައި ތިބެނީ ހެލްމެޓް އަޅައިގެން
މި މީހުން އޮފީހުގައި ތިބެނީ ހެލްމެޓް އަޅައިގެން

އިންޑިއާގެ ބިހާރުގައި ހުންނަ ބާ އިމާރާތެއްގައި ހިންގާ އޮފީހެއްގައި މަސައްކަތްކުރާ މީހުންގެ ބޮލުގައި ހެލްމެޓެއް އަޅާފައި އޮންނަނީ ޔުނިފޯމްގެ ބައެއްގެ ގޮތުގައެއް ނޫނެވެ. އެއީ އެ އިމާރާތުގައި ހަރުކޮށްފައި ހުންނަ ފަންކާތަކާއި އިމާރާތުގެ ބައިތައް ބޮލަށް ވެއްޓިދާނެތީ ބިރުން އެ މީހުން ކުރާ ކަމެކެވެ.

ސަރުކާރުގެ އިމާރާތެއްގައި ހުންނަ މި އޮފީހުގައި މަސައްކަތްކުރާ މީހުން ހެލްމެޓް އަޅައިގެން ތިބެ މަސައްކަތް ކުރާ ތަން ފެންނަ ވީޑިއޯއެއް ދާދިފަހުން ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އަދި މިއީ ބާ އިމާރާތްތަކުގައި މަސައްކަތްކުރަން މަޖުބޫރުވެފައިވާ މީހުންގެ ހާލަތު ވަރަށް ރަނގަޅަށް ބަޔާންކޮށްދޭ ވީޑިއޯ އެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

މީގެ ދެ އަހަރު ކުރިން އެ އިމާރާތް އިންސްޕެކްޓް ކުރުމަށް ފަހު އެއީ މަސައްކަތް ކުރަން ތިބެން ރައްކާތެރި ނޫން ތަނެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް މިތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރައްކާތެރިކަމާ އެކު މަސައްކަތް ކުރެވޭނެ އެހެން އޮފީހެއް ހޯދާދީފައި ނުވާތީ އެ ތަނުގައި މަސައްކަތް ކުރުން އެމީހުންނަށް ވަނީ މަޖުބޫރު ވެފަ އެވެ.

އިމާރާތް އިންސްޕެކްޓްކުރި ފަހުން ވަރަށް ބޯކޮށް ވާރޭ ވެހި އިމާރާތުގެ ހާލަތު މިހާރު ވަނީ އިތުރަށް ގޯސްވެފައި ކަމަށް އެތަނުގައި މަސައްކަތްކުރާ މީހުން ބުނެފައިވެ އެވެ.

އެތަނުގައި މަސައްކަތްކުރާ އަމިތު ކުމާރު ކިޔާ މީހަކު ބުނި ގޮތުގައި މުވައްޒަފުންނަށް ރައްކާތެރިކަމެއް ނެތުމުގެ އިތުރުން އެތަނުގައި ހުރި ރެކޯޑްތަކާއި ސާމާނުތަކަށް ވެސް ވަނީ ވާރޭ ވެހި ގެއްލުން ވެފަ އެވެ. އަދި މިކަން އޮފީހުގެ އިސް މީހުންނަށް އަންގާފައި ވިޔަސް އަދިވެސް އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމަށް އޭނާ ބުންޏެވެ.

ކޮންމެ ވަގުތެއްގައި ވެސް އެ އިމާރާތުގެ ފުރާޅު ބޮލަށް ވެއްޓިދާނެ ކަމުގެ ބިރު ވެސް އެތަނުގައި މަސައްކަތްކުރާ މީހުންނަށް އޮވެ އެވެ. ނަމަވެސް ވަޒީފާ ދޫކޮށްލައިގެން ނުވަތަ ވަޒީފާ އަށް ނުނުކުމެ ފަރުޖެއްސޭކަށް ނެތެވެ.

އޮފީހުގައި މަސައްކަތްކުރާ މީހުން ބުނި ގޮތުގައި ސީލިންގުން ނެއްޓޭ ސިމެންތި ގަނޑުގަނޑުން ޖެހިފައި ކުރިން ވެސް ވަރަށް ގިނަ މުވައްޒަފުންނަށް އަނިޔާވެފައިވާ ކަމަށެވެ.

މި ވީޑިއޯ އާންމުވުމާ އެކު އޮފީސް އެހެން ތަނަކަށް ބަދަލުކުރަން ކަމާބެހޭ އިދާރާތަކުން ވަނީ މަސައްކަތް ފަށައިފަ އެވެ.