17 އޯގަސްޓް 2017 - 13:08

ދޫނިދޫގައި ބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ލޮލުގައި އިންފެކްޝަނެއް އުފެދުމާ ގުޅިގެން ދޫނިދޫގެ ކްލިނިކްގައި ފަރުވާދޭން ފަށައިފި އެވެ.
އަމީތުގެ ބޭބެ އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވީ އޭނާގެ ކޮއްކޮގެ ވާތު ލޯ ވަރަށް ބޮޑަށް އިންފެކްޓް ވެ، ރެ އިން ފެށިގެން ދޫނިދޫގެ ކްލިނިކްގައި ވަނީ އެޑްމިޓް ކޮށްފައި ކަމަށެވެ.
މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރެ އިން ފެށިގެން ދޫނިދޫގައި ހައްޔަރުކޮށްފައިވާ އަމީތުގެ ލޯ އިންފެކްޓް ވެގެން އިއްޔެ މާލެ ގެނެސް އައިކެއާގެ ޑޮކްޓަރަކަށް ވެސް ވަނީ ދައްކައިފަ އެވެ.
އަމީން ވިދާޅުވީ އަމީތު ބަންދުކުރި ފަހުން ސިއްހީ ހާލަތު ގޯސްވަމުންދާ ކަމަށާއި އާއިލާ އިން އެކަމާ ކަންބޮޑުވާ ކަމަށެވެ.
"ބަންދުކުރުމާ ހަމައަށް ދުވަހަކު ވެސް އަމީތަށް ވީ ކަންތައްތަކެއް ނޫން މިއީ. ބަންދުކުރި ފަހުން އަމީތުގެ މައިބަދަ ސަކަރާތް ވެގެން ގެނެސް ޑޮކްޓަރަށް ދައްކައިފި. ލޯ އިންފެކްޓް ވެއްޖެ. މިހާރު ހަމުގެ މައްސަލަ އުޅޭ ކަމުގެ ޝަކުވާ ވެސް އެބަކުރޭ. އެކަމަކު އަޅުގަނޑުމެންނަށް މި ކަންކަމާ ގުޅޭ އެކަށީގެންވާ މައުލޫމާތެއް ވެސް ނުލިބޭ،" އަމީތުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އަމީން ވިދާޅުވި އެވެ.
"އެހެންވެ އަމީތަށް އިތުރަށް ފަރުވާ ދިނުމަށް ރާއްޖެ އިން ބޭރަށް ގެންދެވޭތޯ މިދަނީ މަސައްކަތް ކުރަމުން."
އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަމުން އަންނަ އަމީތު ބަންދުކުރީ އޭނާގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ މަހުގެ 24 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ވަން މައްސަލައިގަ އެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކޮށް، ތިން ފަހަރެއްގެ މަތިން ވަނީ ބަންދުގެ މުއްދަތު ޖަހައިފަ އެވެ. އެއީ ފުރަތަމަ 15، ފަހުން ދެ ފަހަރު ޖުމްލަ އަށް ދުވަހެވެ. އެންމެ ފަހުން އަމީތުގެ ބަންދުގެ މުއްދަތު ހަތަރު ދުވަހަށް އިތުރުކުރީ އިއްޔެ އެވެ.
އަމީތުގެ އިތުރުން އެއް މައްސަލައެެއްގައި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން އެ ތިން މެމްބަރުން ވެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފަ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް ނިމި، މިހާރު ވަނީ ހުކުމް އިއްވާ ހިސާބުގަ އެވެ.
އެ ތިން މެމްބަރުންގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ އޭނާގެ މަޖިލިހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުން ވެސް ސުޕްރީމް ކޯޓުގައި ވަނީ ނިމި، ހުކުމް އިއްވުމާ ހިސާބުގަ އެވެ.