ނަސްލީ ތަފާތު ކުރުމަށް ޖާގައެއް ނޯންނާނެ: އދ
ނަސްލީ ތަފާތު ކުރުމަށް ޖާގައެއް ނޯންނާނެ: އދ

ޔުނައިޓެޑް ނޭޝަންސް (އޮގަސްޓް 17) - އެއްވެސް ބާވަތެއްގެ ނަސްލީ ތަފާތު ކުރުމަށް ޖާގައެއް ނޯންނާނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް މިހެން ވިދާޅުވެފައި ވަނީ އެމެރިކާގައި ނަސްލީ ތަފާތު ކުރުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. ވާޖީނިއާގައި ހިންގި ހަމަނުޖެހުންތަކުގައި ދޮން މީހުންގެ ދިފާއުގައި ޓްރަމްޕް ޓްވީޓް ކުރެއްވުމާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުންތައް އިތުރުވެފައިވެ އެވެ.

ޓްރަމްޕުގެ ޓްވީޓަށް ދެއްވާނެ ރައްދަކީ ކޮބައިތޯ ނޫސްވެރިން ސުވާލު ކުރުމުން ގުޓަރޭޒް ވިދާޅުވީ އެމެރިކާގެ ރައީސަށް ކޮމެންޓް ކުރަން ބޭނުން ނުވާ ކަމަށެވެ. އެކަމަކު ނަސްލީ ތަފާތު ކުރުންތަކުގެ ސަބަބުން މުޖްތަމައުތައް ވިހަވަމުންދާ ކަމަށާއި ދުނިޔޭގެ އެއްވެސް ހިސާބެއްގައި އެކަމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެމެރިކާ ވިޔަސް އަދި އެހެން ގައުމެއް ވިޔަސް ނަސްލީ ގޮތުން ތަފާތު ކުރާ ކަމަށް ވަންޏާ އެކަން ކުށްވެރި ކުރަން ޖެހޭނެ ކަމަށް ގުޓަރޭޒް ވިދާޅުވި އެވެ.

ވާޖީނިއާގައި އިހްތިޖާޖް ކުރި ބައެއްގެ ތެރެއަށް ކާރެއް ވައްދާލުމުން އަންހެނަކު މަރުވެ 19 މީހުން ވަނީ ޒަޚަމްވެފަ އެވެ. ކާރުން ޖެއްސީ ދޮން ނަސްލުގެ މީހެއް ކަމަށް ބެލެވެ އެވެ.