ސަމީރުގެ މައްޗަށް ހަތަރު ތުހުމަތެއްކޮށް އަދިވެސް ބަންދުގައި
ސަމީރުގެ މައްޗަށް ހަތަރު ތުހުމަތެއްކޮށް އަދިވެސް ބަންދުގައި

ރޭ ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރުގެ މައްޗަށް ފުލުހުން ހަތަރު ތުހުމަތެއްކޮށް ފުލުހުންގެ ބަންދުގައި ހިފަހައްޓައިފި އެވެ.

ކުރިން ރަައްޔިތުންގެ މަޖިލިހުގެ ހއ. ދިއްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ސަމީރު ހައްޔަރުކުރީ ރޭ ޖޭޕީގެ މައި ޖަގަހަ، ކުނޫޒް ކައިރީގައި އޮތް އެއްވުމެއްގައި ރާއްޖެޓީވީ އަށް އިންޓަވިއުއެއް ދެއްވަން ހުންނަވަނިކޮށެވެ.

ސަމީރުގެ ވަކީލު އަލީ ޒާހިރު ވިދާޅުވީ އޭނާގެ މައްޗަށް ފުލުހުން ހަތަރު ތުހުމަތެއް މިހާރު ކޮށްފައިވާ ކަމަށެވެ. އެގޮތުން ފުލުހެއްގެ ގައިގައި ޖެހުމާއި ދައުލަތް ހިންގުމުގެ ދާއިރާއަށް ހުރަސްއެޅުމާއި ތަނަކުން ފިލައިގެން ދިއުމާއި އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމުގެ ތުހުމަތު ހިމެނެ އެވެ.

ސަމީރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު 3:00 ގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރާނެ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވާކަމުގެ ތުހުމަތުގައި މި ދޭތެރެއަކުން ސަމީރު ވަނީ ފުލުސް އޮފީހަށް ގެންގޮސް ސުވާލުކޮށްފަ އެވެ.